އެމެރިކާއިން ސްރީލަންކާއަށް އިތުރު 20 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރައްވައިފި އެވެ.
އަންގާރަ ދުވަހު ޖީ7 ސަމިޓުގެ ތެރެއިން ބައިޑެން ވިދާޅުވީ އެއީ ލަންކާގެ ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީން ކުރުމަށް ފޯރުކޮށްދޭ 20 މިލިއަން ޑޮލަރުގެ އެހީ ކަމަށެވެ.
އޭގެ ސަބަބުން 800،000 ސްކޫލް ދަރިވަރުންނށް ކާބޯތަކެއްޗާއި 27،000 މާބަނޑު އަންހެނުންނާއި ކިރުމައިންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ފަސޭހަ ވާނެ އެވެ.
އެ އެހީގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ 30،000 މީހުންނަށް ވެސް ފައިސާ އާއި އެހެނިހެން އެއްބާރުލުން ލިބޭނެ ކަމަށް އެމެރިކާއިން ބުނެ އެވެ.
"ލަންކާގައި އިގްތިސާދީ ހަމަޖެހުން ގާއިމް ކުރުމުގެ މަސައްކަތަށް އެމެރިކާއިން ހުއްޓުމެއް ނެތި އެހީވަމުން ދާނެ،" އެމެރިކާއިން ލަންކާއަށް ކަނޑަައަޅާފައި ހުންނަ ސަފީރު ޖޫލީ ޗުންގް ވިދާޅުވި އެވެ.
ދާދި ފަހުން ވެސް އެމެރިކާއިން ވަނީ 12 މިލިއަން ޑޮލަރުގެ އެހީ ދޭން އިއުލާންކޮށްފަ އެވެ. އެހެންކަމުން އެމެރިކާއިން މިހާތަނަށް 32 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމާފައިވެ އެވެ.










