ބާސެލޯނާ (ޖޫން 27) - މެންޗެސްޓާ ސިޓީގެ ރުހުން ލިބިއްޖެނަމަ ބާސެލޯނާ އަށް ބަދަލުވާން ޕޯޗުގީސް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ހުރީ ތައްޔާރަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ބެނާޑޯ އަކީ ބާސެލޯނާ އިން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އެ ކްލަބް ދޫކޮށްލައިފިނަމަ، ބާސެލޯނާގެ ފުރަތަމަ ޓާގެޓަކީ ބެނާޑޯ އެވެ. ޑި ޔޯން ގަންނަން އެންމެ މަސައްކަތް ކުރަނީ މެންޗެސްޓާ ޔުނައިޓެޑް އެވެ.
ފްރެންކީ ޑި ޔޯން ވިއްކައިނުލައި ބެނާޑޯ ގަންނަން ބާސެލޯނާ އަށް އޮތް ހުރަހަކީ އެ ކްލަބްގެ މާލީ ހާލަތެވެ. ސިޓީން ބެނާޑޯ ވިއްކާލަން މަދުވެގެން 80 މިލިއަން ޑޮލަރުގެ ފީއެއް ޑިމާންޑްކުރާނެ އެވެ. އެ ވަރުގެ އަގެއް ދައްކައިގެން ބާސެލޯނާ އަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިއަކު ގަނެވޭ ވަރަށް ވުރެ ކްލަބް އޮތީ މާލީ ގޮތުން ދަށް ހާލަތެއްގަ އެވެ.
ޕޯޗުގަލްގެ ނޫސް ރެކޯޑް އިން ރިޕޯޓްކުރާގޮތުގައި ބެނާޑޯގެ ވިސްނުން ހުރީ ސިޓީ އަށް ޕްރެޝަރު ކުރުމެއް ނެތި ބާސެލޯނާ އަށް ދިއުމަށެވެ. ސިޓީން ބާސެލޯނާ އަށް ބެނާޑޯ ވިއްކާލަން ތައްޔާރަށް ހުރި ނަމަ އޭނާ ބޭނުމީ ކެރިއަރުގައި އާ ޗެލެންޖެއް ނަގައިގެން ކުރިއަށް ދިއުމަށެެވެ.
ބެންފީކާގެ މަޝްހޫރު އެކެޑަމީން ޕްރޮމޯޓްވެ، ބެނާޑޯ ވަނީ އެ ކްލަބްގެ ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ. އޭނާ ދެން ފެނުނީ ފްރާންސްގެ ކްލަބް މޮނާކޯ އިންނެވެ. ފުރަތަމަ މޮނާކޯ އަށް ލޯނަކަށް ދިޔަ ނަމަވެސް ފަހުން އެ ޓީމުން އެއްބަސްވުން ދާއިމީ ކުރީ އެވެ.
ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވެ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ބެނާޑޯ ގެނައީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ބެނާޑޯގެ ސޮއި ހޯދަން ޓްރާންސްފާ ފީގެ ގޮތުގައި ސިޓީން ވަނީ 58 މިލިއަން ޑޮލަރު މޮނާކޯ އަށް ދީފަ އެވެ.
ފާއިތުވި އަހަރުތަކުގައި ސިޓީން ހޯދި ގިނަ ކާމިޔާބީތަކުގައި ބެނާޑޯގެ ހާއްސަ ދައުރެއް އެބައޮތެވެ. މޮނާކޯއާ އެކު 2017 ވަނަ އަހަރު ފްރެންޗް ލީގު ކާމިޔާބުކުރި ބެނާޑޯ ވަނީ ސިޓީ އަށް ބަދަލުވި ފަހުން އެ ޓީމާ އެކު ޕްރިމިއާ ލީގާއި ލީގު ކަޕް ހަތަރު ފަަހަރާއި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ޕޯޗުގަލްއާ އެކު ނޭޝަންސް ލީގު ކާމިޔާބު ކުރި އެވެ.












