ރަށުން ގޯތި ދޫކުރުން މާ ބޮޑަށް ލަސްވަމުންދާ ކަމަށް ބުނެ އދ. ދިގުރަށު ބަޔަކު ނިކުމެ، އެރަށު ކައުންސިލް މިއަދު ބަންދުކޮށްފި އެވެ.
އެކަމާ ގުޅޭގޮތުން "އަދަދު" އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް އަބްދުއްރަހީމް ވިދާޅުވީ އެރަށުގެ ގޯތި ދިނުމާބެހޭ މައްސަލައެއް ކޯޓުގައި އޮވެ، އެ މައްސަލައިގެ ހުކުމް ކުރުން ދެ މަހަށްވުރެ ގިނަ ދުވަހު ދިގު ދެމިގެން ދިއުމާއެކު ގިނަ ރައްޔިތުންތަކެއްގެ ހައްގުތައް ގެއްލުންދާ ކަމަށެވެ. އަދި ޒުވާނުން ނިކުމެ ހިތްހަމަނުޖެހުން ފާޅުކުރަމުންދަނީ އެ މައްސަލައިގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ނިކުމެ މިހާރު ކައުންސިލް އިދާރާ ބަންދުކޮށްފި، މިހާރު އަޅުަގނޑުމެން މިތިބީ ހުރިހާ ސްޓާފުން ގެއަށް ފޮނުވާލާފައި ބޭރުގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެރަށުގެ 40 ވަރަކަށް ޒުވާނުން މިވަގުތު އެރަށުގެ ކައުންސިލް އިދާރާ ކައިރީ އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.

ގޯތި ދިނުން ލަސްވާތީ ޒުވާނުން ނިކުމެ ދިގުރަށު ކައުންސިލް ބަންދުކުރަނީ

ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ދިގުރަށު ކައުންސިލުން ގޯތި ދޫކުރުމަށް ކުރި އިއުލާނެއް ކަމު ނުގޮސްގެސް އެރަށު ފަރުދަކު ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ އާއެކު، ކޯޓުން ނެރުނު ވަގުތީ އަމުރަކުން ވަނީ އެރަށުން ގޯތި ދިނުން ހުއްޓުވާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމާ ހަމައަށްދިޔަ ނަމަވެސް މައްސަލައިގައި ހުކުމް ނުކުރާރީ އެތައް ބައެއްގެ ހައްގުތައް ދަނީ ގެއްލެމުން ކަމަށް ކައުންސިލުން ބުނެ އެވެ.
ދިގުރަށު ކައުންސިލުން ބުނީ، ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގޮސްގެން އެލްޖީއޭއަށް އެކަން އެންގުމުން ވެސް ޖަވާބެއް ލިބިފައިނުވާ ކަމަށާއި މައްސަލަ ކުރިއަށް ނުދާތީ ޖޭއެސްސީއަށް ގާޒީގެ ސުލޫކީ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބި ދެ މަހަށްވުރެ ގިނަ ދުވަސް ވެގެން ދިއުމުން، ރައްޔިތުންގެ ނުރުހުން އަމާޒުވަނީ ކައުންސިލަށެވެ.












