ހަފްތާއެއް ތެރޭ ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1200އަށްވުރެ މައްޗަށް އަރައިފި އެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން 19 އިން 25އާ ހަމައަށް މުޅި ރާއްޖޭން 1202 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އެގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 528 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން 452 މީހެއްގެ އިތުރުން ސަފާރީތަކާއި ރިސޯޓްތައް ހިމެނޭހެން އެހެނިހެން ތަންތަނުން 222 މީހެކެވެ.
ވޭތުވެދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ކޮވިޑަށް ޓެސްޓުކުރި މީހުންގެ ތެރެއިން 35 ޕަސަންޓު މީހުންނެވެ. ސާމްޕަލް ޕޮޒިޓިވިޓީއަކީ އެތަނެއްގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް އެހީތެރިވެދޭ އެންމެ މުހިންމު އެއް ފެކްޓާ އެވެ.
އަނެއް ފެކްޓާއަކީ، ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުންގެ އަދަދެެވެ. މިދިޔަ ހަފްތާއަށް ބަލާލި ނަމަވެސް ޖުމްލަ 51 މީހަކު ވަނީ ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ހަމައެއާއެކު ވޭތުވެދިޔަ ހަފްތާތެރޭގައި ކޮވިޑް ބަލީގައި ފަސް މީހަކު މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން އާންމުކުރި ތަފަސްހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ޒުވާނުން ވެސް ހިމެނެ އެވެ.














