ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން ވެސް ދެ އަހަރު ހޭދަކޮށްފި އެވެ. ހާލަތު ގޯސްވެ، ފިޔަވަޅުތައް އެޅުމާއި، ހާލަތު ރަނގަޅުވެ، ފިޔަވަޅުތައް އުވާލުމާއެކު އެވެ. މިކަމުގެ ތެރޭގައި އާންމު ދިރިއުޅުމަށް ރުޖޫއަ ނުވެވި ތިބުމަށްފަހު މާޗު 13 ވަނަ ދުވަހު އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ބޮޑެތި ލުއިތަކެއް ދިނުން ވެގެން ދިޔައީ ލިބުނު ނުހަނު ބޮޑު ހިތްހަމަޖެހުމަކަށެވެ.
ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އޭރު އޮތް ބަލިމަޑުކަމެއްގެ ހާލަތު ނެތަސް، ހަލުވި ކަމާއެކު ފެތުރޭ، ނުރައްކާތެރި ބައްޔަކުން އަދިވެސް މުޅީން މިންޖުނުވެވޭ ކަމެވެ. އަދި މި ބައްޔާއެކު ދިރިއުޅުމުގެ ހުރިހާ ކަމެއް ތަރުތީބުކުރަން ޖެހިފައިވާ ކަމެވެ.
ކޮވިޑް ކޭސްއެއް ފެންނައިރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ، ގޭބަންދުވުމުގެ ބަދަލުގައި އެއަށްވުރެ ހަރުދަނާ ގޮތެއްގައި ކޮވިޑާއެކު ދިރިއުޅެން އެބަ ޖެހެ އެވެ. ކޮވިޑަށް އަޅާނުލާ، ޓެސްޓު ނުކޮށް ތިބެއްޖެނަމަ، އޭގެ އަސަރު ކުރާނެ ބަޔަކު ތިބިކަން ގަބޫލުކުރަންޖެހެ އެވެ. އެޗްޕީއޭއިން މިހާރު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލި ނަމަވެސް، ހާލަތު އަނެއްކާވެސް ގޯސްވަމުންދާ މިންވަރު އަންދާޒާ ކޮށްލެވެ އެވެ.
ސާމްޕަލް ޕޮޒިޓިވިޓީ އަދި ހޮސްޕިޓާލިޓީ ރޭޓަކީ ކޮވިޑްގެ ހާލަތު ދެނެގަތުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާ ދެ ކަމެވެ. ސާމްޕަލް ޕޮޒިޓިވިޓީއަށް ބަލާލި ނަމަވެސް، މި އަހަރު ކުރީކޮޅު ކޮވިޑް ހާލަތު އެންމެ ގޯސްވެގެން ދިޔައިރު، ސާމަޕަލް ޕޮޒިޓިވިޓީ ހުރި މިންވަރަށްވުރެ މިހާރު އިތުރުކަން ފާހަގަކުރެވެ އެވެ. އެގޮތުން ނަގާ ސާމްޕަލްތަކުގެ 35 ޕަސަންޓް ދަނީ ޕޮޒިޓިވްވަމުންނެވެ.
އޭގެ އިތުރަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް މިދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި އެކަނިވެސް 51 މީހަކު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. މީގެ އިތުރަށް އެ ހަފްތާ ތެރޭގައި ކޮވިޑް ބަލީގައި ފަސް މީހަކު މަރުވެފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

ހަލުވި ކަމާއެކު ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި ޓެސްޓް ކުރުން މަދުވެއްޖެނަމަ، ނޭނގި ތިއްބާ ގިނަ ބަޔަކަށް ބަލިޖެހި އަނެއްކާވެސް ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ އެވެ. މާ ގަދައަށް ހުން އަންނަ ނަމަ ޑޮކްޓަރަށް ދައްކާ ޓެސްޓުތައް ހެއްދުމަކީ ކުރިން ވެސް އަމަލުކުރާ އާންމު އުސޫލެވެ. ހަމަ އެ އުސޫލުން، ކޮވިޑްގެ އަލާމާތަތްތައް ފެންނަނަމަ ކޮވިޑް ޓެސްޓް ކުރުމަކީ ވެސް މުހިންމު ކަމެކެވެ.
ގިނަ ބަޔަކު ޓެސްޓު ކުރުމުގެ ބޭނުމަކީ ކޮންމެހެން ކޮވިޑް ބަލިމަޑުކަމެއް ކަމުގައި ދެކިގެން އެކަމަށް ހުސްވެގެން ތިބުމެއް ނޫނެވެ. ބޭނުމަކީ، ހައި ރިސްކު މީހުން، ބަލި ޖެހުމުން ސަލާމަތް ކުރުމެވެ. މިހާރު އެޗްޕީއޭގެ ގައިޑްލައިން އޮންނަ ގޮތުންނަމަ، ޓެސްޓުކޮށް ޕޮޒިޓިވް ނުވާނަމަ ކަރަންޓީނުވާކަށް ވެސް ނުޖެހެ އެވެ. ޕޮޒިޓިވްވާ މީހާވެސް އައިސޮލޭޝަނުގައި މަޑުކުރަން ޖެހެނީ ޓެސްޓުކުރާތާ ހަތް ދުވަސް ވަންދެނެވެ. އެ ހަތް ދުވަސް ހަމަވުމަށްފަހު އައިސޮލޭޝަނުގައި މަޑުކުރަން ޖެހެނީ އަލާމާތްތައް ހުރި މީހުން، އެމީހުންގެ އަލަމާތްތައް ފިލަންދެނެވެ.
ޕޮޒިޓިވް މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެއްޖެ ނަމަވެސް ކަރަންޓީނު ވާކަށް މިހާރު ނުޖެހެ އެވެ. އަލާމާތްތައް ހުރިނަމަ ޓެސްޓުކޮށް ނެގެޓިވްވުމުން ނިމުނީ އެވެ. އަލާމާތްތައް ނެތް ނަމަ ޓެސްޓުކޮށްލަން ޖެހޭނީ ޕޮޒިޓިވް މީހާއާ ދިމާވިތާ ފަސް ދުވަސް ވުމުންނެވެ.
ހަމައެއާއެކު، ޑައިރެކްޓް ކޮންޓެކްޓް ވިޔަސް ނުވިޔަސް، އަލާމާތްތައް ހުރި މީހެއް ނަމަ ޓެސްޓުކޮށް، އޭނާގެ ހުރީ ކޮވިޑް ނޫންކަން ޔަގީންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. މިއީ ހުމާއި ރޯގާ ގިނަ ދުވަސްވަރަކަށްވުމާއެކު، ތިމާގެ އާއިލާގައި ތިބި ހައި ރިސްކު މީހުންގެ ރައްކާތެރިކަމަށް ނަމަވެސް ޓެސްޓު ކުރުމަކީ މުހިންމު ކަމެކެވެ.
ރާއްޖެއަށް ކޮވިޑްގެ ރާޅެއް އައި ނަމަވެސް، އެއާއެކު ދިރިއުޅެވެން އޮތް ހަމައެކަނި ގޮތަކީ ޓެސްޓުކޮށް، އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމެވެ. ތިމާއާއި ތިމާގެ އާއިލާގެ ރައްކާތެރިކަން ހޯދާނީ ތިމާ އެވެ. މީހުން ގިނަ ތަންތަނަށް ދާއިރު މާސްކު އަޅައިގެން އުޅުމާއި، ހުމާއި ރޯގާ ފަދަ އަލާމާތްތައް ހުންނަ ނަމަ، މާސްކު އެޅުމުގެ އިތުރަށް ކޮންމެހެން ދާންޖެހޭ ތަންތަނަށް މެނުވީ ނުދިއުމާއި، ސާފުތާހިރުކަމަށް އިސްކަން ދިނުމަކީ އެއީ ފަރުދީ ހައިސިއްޔަތުން ކޮންމެ މީހަކަށް ވެސް ކުރެވިދަނެ ކަންކަމެވެ.
ދެން އޮތީ ޓެސްޓު ކުރުމެވެ;
ޓެސްޓު ކުރުމަށް ސިއްހީ ހިދުމަތް ދޭ ތަންތަނަށް ދިއުމަކީ، ބަލި ނެތް ނަމަ ބަލި ޖެހިދާނެ ކަމެއް ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް މިހާރު އެ ހާސްކަމާ ނުލާ ގޭގައި ތިބެގެން ވެސް ޓެސްޓުކޮށްލެވެ އެވެ. އަމިއްލައަށް ޓެސްޓުކުރެވޭ ކިޓުތައް ހެޔޮ އަގުގައި ލިބެން ހުންނައިރު، ގޭގައި އަމިއްލައަށް ޓެސްޓުކޮށްލުމަކީ ބުރަ ކަމެއް ނޫނެވެ.
އެޗްޕީއޭގެ ހެޑް އޮފް ކޮމިއުނިކަބަލް ޑިޒީސް ކޮންޓްރޯލް ޑރ. ފާތިމަތު ނަޒްލާ ރަފީގުވެސް "އަދަދު"އަށް ވިދާޅުވީ މިދުވަސްވަރު ކޮވިޑާއެކު ޑެންގޫ ފަދަ އެހެނިހެން ރޯގާތައް ވެސް އުޅޭތީ، ރޯގާގެ އަލާމާތްތައް ހުންނަނަމަ، ފްލޫ ކްލިނިކްތަކަށް ދައްކާ ޓެސްޓު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ފްލޫ ކްލިނިކަށް ދެއްކުމުން ކޮވިޑް ނޫން އެހެން ބަލިތަކަށް ޓެސްޓު ކުރަންވީތޯ ނޫންތޯ ނިންމަވާނީ ޑޮކްޓަރު ކަމަށެވެ.
"ޓެސްޓު ކުރުމުންތާ ކޮވިޑް ހުރިކަން އެނގޭނީ، ޓެސްޓު ކުރުމުން އައިސޮލޭޓް ވެވެނީ. ވަރަށް މުހިންމު ހަމަ ސިމްޕްޓޮމެޓިކް ވާއިރަށް އަވަހަށް ޓެސްޓުކުރުން،" އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އަމިއްލަ ޓެސްޓު ކިޓުގައި ވެސް ޓެސްޓު ކުރެވޭނެ ކަމަށެވެ. ނަމަވެސް ގާނޫނީ ލިޔުން ބޭނުންވާނަމަ ޓެސްޓުކުރަން ޖެހޭނީ ފްލޫ ކްލިނިކަކުން ކަމަށެވެ.
ޓެސްޓިން ކެޕޭސިޓީއަށް ބަލާލާއިރު، މާލެ ސަރަހައްދުން އެވްރެޖްކޮށް ޓެސްޓްކުރަމުން ދަނީ 300-350 ސާމްޕަލް އަދި އަތޮޅުތެރެއިން ޓެސްޓުކުރަމުންދަނީ އެވްރެޖްކޮށް 100-200 ސާމްޕަލް ޓެސްޓު ކުރެވެމުން ދެ އެވެ. އެ ސާމްޕަލްތަކުގެ ތެރޭގައި އަލާމާތްތައް ފެނިގެން ޓެސްޓުކުރާ މީހުންނާއި، ޑައިރެކްޓް ކޮންޓެކްޓުންނާއި، ރިލީޒް ސާމްޕަލްތައް ވެސް ހިމެނެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކުރީގަ ކުރިވަރާ އަޅާބަލާއިރު، ޓެސްޓު ކުރެވޭ މިންވަރު ދަށް ކަމަށެވެ. ނަމަވެސް މިވަގުތު ރެންޑަމް ސާމްޕަލް ނެގުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.
އެހެންކަމުން މިއީ ޓެސްޓު ކުރަންވީ ވަގުތެވެ. ތިމާގެ ކިބާގައި ކޮވިޑް ނެތްކަން ޔަގީންކޮށް، ތިމާގެ ވަށައިގެންވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭންވީ ވަގުތެވެ. ކުރާ މިފަދަ ކުޑަކުޑަ ކަމަކުން ނުކުންނާނެ ފައިދާ ބޮޑެވެ. ކޮވިޑްގެ އަލަމާތްތައް ފެންނަ ނަމަ، އަވަހަށް ޓެސްޓުކުރާށެވެ. ކޮވިޑްގެ ސަބަބުން ތިމާއަށް ބޮޑު އުނދަގުލެއް ނުވިޔަސް އެހެން މީހަކަށް އިހުސާސް ނުކުރެވޭހާ ބޮޑެތި އުނދަގޫތަކެއް ވެދާނެކަން ދަންނާށެވެ. މިއީ ޓެސްޓުކޮށް، ތި މާއާއި އެހެން މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރަންވީ ވަގުތެވެ.











