ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮވިޑު ބަލީގައި ދެމީހަކު ދިވެހިރާއްޖެއިން މަރުވެއްޖެ އެވެ.
އެކަން އެޗްޕީއޭއިން ކަށަވަރުކޮށްދީފައިވާއިރު، ކޮވިޑް ބަލީގައި 24 ގަޑިއިރު ތެރޭ މަރުވި ދެމީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ޒުވާން ފިރިހެނަކާއި އުމުރުން 77 އަހަރުގެ އަންހެނެކެވެ.
މަރުވި 20 އަހަރުގެ ޒުވާނާ މަރުވީ ރޭ 23:55 ހާއިރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި 77 އަހަރުގެ އަންހެން މީހާ މަރުވެފައި ވަނީ ހުޅުމާލެ އޮރެންޖް ހިޔާ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވީ މިއަދު މެންދުރު 12 ޖަހާކަންހާއިރެވެ.
މިއާއެކު ކޮވިޑް ބަލިމަޑުކަން ފެށުނުފަހުން ރާއްޖެއިން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 302 އަށް އަރާފަ އެވެ.
ކޮވިޑް ބަލީގައި 24 ގަޑިއިރުތެރޭ ދެ މީހަކު މަރުވެފައިވާއިރު، ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާކަން ފާހަގަކޮށްލެވެއެވެ. އެންމެފަހުން އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ސާމްޕަލް ޕޮޒިޓިވިޓީ މިހާރު ހުރީ 21 ޕަސަންޓުގަ އެވެ.

ކޮވިޑަށް ޕޮޒިޓިވްވަމުންދާ މީހުން އިތުރުވަމުންދާވަރަކަށް މި ބަލީގައި ބޮޑުވަރުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަމުންދާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އަދި އެހެން ބަލިތަކުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ވެސް ކޮވިޑް ޖެހެމުންދާކަން ފާހަގަކޮށްލެވެ އެވެ.












