ލަންްޑަން (ޖޫން 25) - މެންޗެސްޓާ ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް، އާސެނަލަށް ވިއްކާލަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޖީސޫސް، 25، އާސެނަލަށް ވިއްކާލަން ސިޓީން އެއްބަސްވެފައިވަނީ 55 މިލިއަން ޑޮލަރު (45 މިލިއަން ޕައުންޑް) އަށެވެ. ސިޓީން މި ޑީލް ނިންމާފައިވަނީ 55 މިލިއަން ޑޮލަރަށް، ލީޑްސް ޔުނައިޓެޑްގެ އިނގިރޭސި މިޑްފީލްޑަރު ކަލްވިން ފިލިޕްސް ގަންނަން އެއްބަސްވުމަކަށް އައުމަށް ފަހު އެވެ.
ގަވާއިދުން ކުޅުމުގެ ފުރުސަތު ނުލިބޭތީ، ސިޓީ ދޫކޮށްލަން ބޭނުންވާކަން ޖީސޫސް ވަނީ އެ ޓީމަށް ނުރަސްމީ ސިފައެއްގައި އަންގައިފަ އެވެ. ޖީސޫސް، ސިޓީގައި މަޑުކުރަން ހިތްހަމަނުޖެހުންތަކެއް ހުރިކަން އެނގުނު ހިސާބުން އާސެނަލް އިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފަ އެވެ. އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު، ބްރެޒިލްގެ އެޑޫ ވަނީ މިހާރު ސިޓީއާ އެކު ޖީސޫސްގެ ޑީލާ މެދު އެއްބަސްވުމަކަށް އަތުވެފަ އެވެ.
ޖީސޫސް އާސެނަލާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާގޮތަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މެޑިކަލް ޓެސްޓާއި އެހެނިހެން ކަންކަން ނިމިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސިޓީން ޖީސޫސް ވިއްކާލަނީ އެ ޓީމަށް އަންނަ ސީޒަނުގައި ދެ ފޯވާޑުން ގުޅޭނެތީ އެވެ. އެއީ 62 މިލިއަން ޑޮލަރަށް ގަތް އާލިން ބްރައުޓް ހާލަންޑް އާއީ މިދިޔަ ޖެނުއަރީ މަހު ސިޓީން ގަތް، އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ.
ބްރެޒިލްގެ ޕަލްމެއިރާސް ދޫކޮށް 2016 ވަނަ އަހަރު، ޖީސޫސް ސިޓީ އަށް ސޮއިކުރީ 40 މިލިއަން ޑޮލަރަށެވެ. މިދިޔަ ސީޒަނުގައި ޖީސޫސް ވަނީ ސިޓީ އަށް ކުޅެދިން 41 މެޗުން 13 ގޯލު ޖަހައި 12 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އާސެނަލުން ޖީސޫސް ގެންނަނީ އެ ޓީމުގެ އެއް ވަނަ ފޯވާޑްގެ ރޯލު ދިނުމަށެވެ. އެއީ ޖެނުއަރީ މަހު ޕިއޭ އެމެރިކް އޮބާމަޔަން އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފައިވާއިރު، މި މަހުގެ ނިޔަލަށް އާސެނަލްގެ ކޮންޓްރެކްޓްގައި ހުރި އަލެކްސަންޑަ ލަކަޒޭޓް ވަނީ އެ ޓީމު ދޫކޮށް ކުރީގެ ކްލަބް ލިޔޯނަށް ބަދަލުވެފަ އެވެ.
އާސެނަލުން ވަނީ އެ ޓީމުގެ ޒުވާން ފޯވާޑް، އެޑީ އެންކެޓީއޭ އަށް ދިގު މުއްދަތުގެ ކޮންޓްރެކްޓަކާއި ލެޖެންޑް ތިއަރީ އޮންރީ ބޭނުންކުރި 14 ނަމްބަރު ޖޯޒީ ހަވާލުކޮށްފަ އެވެ. އެކަމަކު، ޖީސޫސް އާސެނަލާ ގުޅިއްޖެނަމަ އެންކެޓިއޭ ވާނީ ޖީސޫސްގެ ބެކަޕް ފޯވާޑަށެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން ވަނީ ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅޭ މިޑްފީލްޑަރު، ފަބިއޯ ވިއެރާގެ ސޮއި ހޯދައިފަ އެވެ. ޖީސޫސްގެ އިތުރުން ދެން އާސެނަލުން ފާރަލަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ލީޑްސް ޔުނައިޓެޑަށް ކުޅޭ ބްރެޒިލްގެ ވިންގް، ރަފީނިއާ ހިމެނެ އެވެ.












