ބިލިއަނަރު އެލޮން މަސްކްގެ ދަރިންގެ ތެރެއިން ޖިންސް ބަދަލުކޮށް، އަންހެނަކަށް ހެދިގެން އުޅޭ ދޮށީ ދަރިފުޅު "ބައްޕައާ ގުޅުން ކަނޑާލަން ބޭނުން" ކަމަށް ބުނެ، ނަން ބަދަލު ކުރަން އެދި ކޯޓަށް ހުށަހަޅައިފި އެވެ.
އުމުރުން 18 އަހަރުގެ ޒާވިއާ އެލެގްޒެންޑާ މަސްކް ކޯޓުގައި އެދުނީ އޭނާއަކީ ގާނޫނީ ގޮތުން އަންހެނެއް ކަމަށް ބަލައިގަތުމަށާއި އޭނާގެ ނަން ވިވިއަން ޖެނާ ވިލްސަންއަށް ބަދަލު ކުރުމަށެވެ.
ނަން ބަދަލުކޮށް، މުޅިން އާ އުފަންދުވަހުގެ ސެޓްފިކެޓެއް ހޯދަން ހުށަހެޅީ ސެންޓާ މޮނިކާގައި ހުންނަ ލޮސް އެންޖެލިސް ކައުންޓީ ސުޕީރިއާ ކޯޓަށް މިދިޔަ އެޕްރީލް މަހު އެވެ.

"ބައްޕައާ ގުޅުން ކަނޑާލަން ބޭނުން" ކަމަށް ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ އިރު، ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. މަސްކް ވެސް އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.
ޒާވިއާއަކީ މަސްކް އާއި ކެނެޑާގެ ލިޔުންތެރިޔާ ޖަސްޓިން ވިލްސަންއަށް ލިބުނު ދަރިޔެކެވެ. އެ ދެ މީހުން ކައިވެނީގެ ގޮތުން ގުޅިގެން އުޅުނީ 2000 އިން 2008 އަށެވެ.
އެ މީހުންނަށް 2002 ވަނަ އަހަރު ލިބުނު ފުރަތަމަ ދަރިފުޅު، ނެވާޑާ ކުއްލި ގޮތަކަށް މަރުވީ އެންމެ 10 ހަފްތާގަ އެވެ. އޭގެ ފަހުން ލިބުނީ އެއް މާބަނޑު ދެ ކުދިން، ޒާވިއާ އަދި ގްރިފިން އެވެ. އަދި އެއަށްފަހު އެއް ފަހަރާ ތިން ކުދިން ނުވަތަ ޓްރިޕްލެޓްސް ވެސް ލިބުނެވެ.
މަސްކް އާއި ލަވަކިޔުންތެރިޔާ ގްރައިމްސްގެ ގުޅުމަށް ވެސް ދެ ކުދިން ލިބިފައިވެ އެވެ. މަސްކްއަކީ މަގްބޫލް ޝަހްސިއްޔަތެއް ނަމަވެސް، އޭނާގެ ދަރިންގެ ވާހަކަ އާއްމުކޮށް ނޫސްތަކުން ނުފެނެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ފާހަގަކުރި ބައްޕައިންގެ ދުވަހު ކުރި ޓްވީޓެއްގައި މަސްކް ބުނީ ހުރިހާ ދަރިން ދެކެ ވެސް ލޯބިވާ ކަމަށެވެ.
ޖިންސު ބަދަލު ކުރުމަކީ މަސްކް ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުނެ، ބަޔެއް ފަރާތްތަކުގެ ފާޑުކިޔުން މީގެ ކުރިން އަމާޒުވެފައިވެ އެވެ. އަދި މަސްކް ވެސް ވަނީ އެއީ ހަގީގަތެއް ކަމަށް ދޭހަވާ ޓްވީޓުތައްކޮށް، އެ ވިސްނުން ގެންގުޅޭ ސިޔާސީ ފަރާތްތަކަށް ތާއީދުކޮށްފަ އެވެ.










