ޝައްމުގެ ލަވަތައް ހަމަ މި ހީކުރާހާ ސާދާ ތަ؟

އިކުއެޓިކް ވައިބްގެ ލަވަކިޔުންތެރިޔާ ޝަމްއޫން މުހައްމަދު (ޝައްމު)

އިކުއެޓިކް ވައިބްގެ ލަވަކިޔުންތެރިޔާ ޝަމްއޫން މުހައްމަދު (ޝައްމު)

ހޫނު ބަޙުޘެއް ކުރެވެމުން ދަނީއެވެ. މަޢުޟޫއަކީ އިކުއެޓިކް ވައިބްގެ ލަވަކިޔުންތެރިޔާ ޝަމްއޫން މުޙައްމަދު (ޝައްމު)ގެ ލޯބީގެ ލަވަތައް ރީތި ވަނީ ރާގުންތޯ، ކިޔުމުންތޯ، ނުވަތަ ޅެންވެރިކަމުންތޯއެވެ. ވަކިކޮޅެއްގައި ޖައްސަން އެހާ ފަސޭހައެއް ނުވިއެވެ. އެކަކަށް ކަމުދަނީ ލަވަ ކިޔުމެވެ. އަނެއް ބަޔަކަށް ކަމުދަނީ ސާދާ، އެހެން ނަމަވެސް އިހުސާސްތަކާ ކުޅެލާފަދަ ރާގުތަކެވެ. އަނެކަކު ބުނަނީ އެ ލަވަތަކުގެ ހުރިހާ ރީތި ކަމެއް ފޮރުވިފައިވަނީ، ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް އަޑުއަހާލަން ފަސޭހަވާނޭ ފަދަ ޅެންވެރިކަމަކީ އެ ލަވަތަކުގެ މައިބަދަކަމުގައެވެ. އަހަރެންނަށް ބުރަ ވެވެނީ، ލަވަތަކުގެ ހިތްގައިމުކަން ގުޅިފައިވަނީ، މި ތިން ކަންތައް އެމުނި އެކުލެވިގެންދާ ގޮތުގެ މައްޗަށް ކަމަށެވެ.

އަހަރެން އަބަދުވެސް ޤަބޫލުކުރާ އުޞޫލެއް އޮވެއެވެ. އެއީ ލަވަ ހަދާ މީހާ ރާގުވެސް ހަދައިގެން މެނުވީ، ޅެންވެރިކަމުގައި އެ ފާޅުކުރަން ބޭނުންވާ ޝުޢޫރެއް، އެންމެ ފުރިހަމަ ގޮތުގައި ފާޅެއް ނުކުރެވޭނެކަމަށް ބުނާ އުސޫލެވެ. ދިވެހި ލަވަކިޔުންތެރިންގެ ތެރެއިން މި އުސޫލަށް ތަބާވާ މަދު ލަވަކިޔުންތެރިންގެ ތެރޭގައި ޝައްމު ހިމެނެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ކުޑަ ކުޑަ މިސާލެކެވެ. އިކުއެޓިކް ވައިބްގެ "ކުލަތައް" އަލްބަމުގެ މަޝްހޫރު ލަވަ "އަސްތަ އަސްތާ" އަށް ބަލާލަމާހެއްޔެވެ. "އަސްތާ" މި ލަފުޒަކީ ކުއްލިއަކަށް ލިބޭ ހައިރާންކަމެއް ފާޅުކުރުމުގެ ގޮތުން ބޭނުންކުރާ ލަފުޒެކެވެ. ވާހަކަދެއްކުމުގެ ތެރެއިން އެ ލަފުޒު ބޭނުންކުރާ ދަނޑިވަޅުގައިވެސް މޫނުމަތީގެ ކުލަވަރުވެސް ބަދަލުކޮށްލައެވެ. މީހާ ހަރަކާތުންވެސް އެ "ކުއްލި" ފެނެއެވެ. ހަމަ މިގޮތަށް އިކުއެޓިކް ވައިބްގެ މި ލަވަ އަޑުއަހާއިރުވެސް "އަސްތަ އަސްތާ" އޭ ބުނާ ދަނޑިވަޅުގައި، ޙަޤީޤަތުގައިވެސް ހައިރާންކަން، ކިޔުމުންނާއި ރާގުންވެސް އިހުސާސްކުރެވެއެވެ.

ޝައްމުގެ ވާހަކަ ދައްކާއިރަށް ސިފަވެގެންދަނީ އިކުއެޓިކް ވައިބްގެ "ފްރަންޓްމޭން"ގެ ގޮތުން ކިޔާފައިވާ އަސަރުގަދަ ލޯބީގެ ލަވަތަކެވެ. ޝައްމުގެ ޅެންވެރިކަން ފެންނަ ލަވަތަކުގެ ތެރެއިން "ތިއްތިމާ" މި ލަވައަކީ ވަރަށް ވައިގައި ހިފާލި ލަވައެކެވެ. މިލަވަ ކަމުދިޔައީ ހަމައެކަނި ލޯބީގެ ލަވަ ކަމުދާ، ޒުވާންފުރައިގެ މީހުންނަކަށް ނޫނެވެ. ތުއްތު ކުދިންނަށްވެސް "ތިއްތިމާ" މި ލަވަ ކަމުދާ ސަބަބެއް އޮވެއެވެ. އެއީ އެކުދިންގެ މަޢުޞޫމު ކަމާއެކު، އިޝްޤީ ލޯބީގެ އެއްވެސް ވާހަކައަކާ ގުޅުވުމެއް ނެތި، ބަގީޗާއެއްގައި އިން "ތިއްތި ތިއްތި" މަލެއްގެ ވާހަކަ ދައްކާ ލަވައަކަށް ވާތީއެވެ. މިހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ލަވައިގެ ޅެން ހެދި ޝައްމު، އެ ލަވަ ހެދީވެސް ކުޑަކުއްޖަކަށެވެ.

މި ލަވައިގެ ވާހަކަ އާއެކު ޝައްމުގެ ޅެންވެރިކަމުގައި އެންމެ އަޅައިގަންނަ އެއް ސިފައަށް ނަޒަރު ހިންގާލާނަމެވެ. ޝައްމުގެ ލަވަފޮތުގައި، ކުރިން މި ބުނި ފަދަ، ދެ މާނަ ނެގޭ ފަދަ ލަވަތަކެއް ހިމެނޭ ކަމެވެ. "މަގޭ ރާއްޖެ" އީޕީގައި ހިމެނޭ "ގާދޫނި" މި ލަވައަށް ބަލާލަމާ ހެއްޔެވެ. ފުރަތަމަ އަޑުއަހާލުމުން، ގާދޫންޏެއްގެ ވާހަކައެވެ. ބަސްއޮޅުވާފައިވާ ލަވައެކެވެ. ގާދޫންޏެއް އުދުހެމުންދިޔައިރު އިވުނު ތާކުންތާކު ނުޖެހޭ ވާހަކައެއް އަނެއްކާ އެހެން މީހަކަށް ކިޔައިދިން ހިނދު، އެ ވާހަކަ ހަމަ ޤަބޫލުކުރާނީތޯ އަދި އެ ވާހަކައާ ގުޅިގެން ތިމާ ކަންތައްކަތެއް ކުރާނީތޯ ސުވާލުކުރާ ލަވައެކެވެ. ސީދާ މާނައާ ކުޑަކޮށް ދުރަށް ޖެހިލާ، މި ދައްކާ ވާހަކައެއް އެނގޭތޯ ބަލާލަމާހެއްޔެވެ. ގާދޫންޏަކީ ދިވެހިންނަށް އާ ދޫންޏެއް ނޫނެވެ. ގާދޫނީގެ އެންމެ ޚާއްޞަ އެއް ސިފައަކީ އެ ސޮރުގެ ކަންނެތްކަން ކަމުގައި ބުނެވެއެވެ. ކަންނެތޭ މި ބުނަނީ، އެ ސޮރުގެ ކޮއްތު ހޯދަން އެ ސޮރު އުޅޭ ގޮތުގެ ވާހަކައެވެ. މަސްވެރިކަން ކުރަން އައިނަށް އަރާ އޮންނަ މަސްދޯނީގެ ވަށައިން މި ސޮރުމެން އުދުހެނީ ދޯނިން ވަތަށް ނުގޮސް ވެއްޓޭ މަހެއް އަތުޖެހޭތޯކަމަށް ބުނެވެއެވެ. އަނެއްކާވެސް ލަވައަށެވެ. ގާދޫނި ގޮސް މި ހޯދަނީ ދޭދޭ މީހުންގެ ދެމެދު ދެކެވޭ ވާހަކައިން "ވަތަށް ނުވަދެ ދޯނިން ބޭރަށް ވެއްޓޭ" ވާހަކަ ފަޅިވަރެވެ. އެ ހިފައިގެން ގޮސް، އެހެން ދިމާލަކަށް އެ ޚަބަރު ފަތުރާއިރު، އެ ވާހަކަ އޮންނާނީ ބަދަލުވެފައެވެ. އެހެންނަމަވެސް އަހަރެމެންނަށް ހަމަ ވަރިހަމައެވެ. ޤަބޫލެވެ. ޅެންވެރިޔާ ބުނާފަދައިން އިތުރު ސުވާލަކާވެސް ނުލާ "މަ ޤަބޫލު ޤަބޫލު، ކުރަނީ މަ ޤަބޫލު" އެވެ.

އެހެންލަވައެކެވެ. މި ފަހަރު "ފެންގަނޑުވި ލޯގަނޑު" މި ލަވައެވެ. ފެންގަނޑެއްގެ ތެރޭ މިހާގެ ހިޔަނި ނަށާގޮތުގެ ވާހަކައެވެ. އެ ހިޔަންޏާ ކުޅެން އުޅެވޭ ވާހަކައެވެ. ހިޔަނީގައި އަތްޖައްސަށް އަތް ދިއްކޮށްލުމުން އެ އަތްޖެހޭ ދިމާލުން މޮއިލުން ނޫންކަމެއް ނުވާ ވާހަކައެވެ. ސިފަކޮށްފައިވާނީ ބޮޑެތި ލަފުޒުތަކެއް ބޭނުންކޮށްގެނެއް ނޫނެވެ. ސީދާ ސާދާ ސިފަކުރުމެކެވެ. މޮއިލުން ވެސް ސިފަކޮށްފައިވަނީ އެންމެ ކުޑަ ކުޑަ ކުއްޖާއަށްވެސް ވިސްނޭހާ ތިލަކޮށެވެ. "ޖެހި ތިކި ބޮޅުލާ ބޮޅު ބޮޅުތަކެއް ވަށާ" އޭ ބުނުމުން، އެ ސިފަ ނުކުރުވޭ މީހެއް ހުންނާނޭހެނެއް ހިއެއް ނުވެއެވެ. ފެންގަނޑުގައި އޭނާގެ ހިޔަންޏާއެކު ނަށާ ވާހަކައެވެ. "ފެންގަނޑުގާ ހިޔަނި އެކީ ނަށާ މަށާ" އޭ ބުނެފައި ހަމަ އެ ނޭވާގައި، މި ސިފަކުރުންތައް ފެންނަނީ "އިނގިލިން ކުރަހާ ޚިޔާލީ ރޮނގެއް ވަށާ" އޭ ބުނުމުން، އެ ސިފަވަނީ ކޮންކަމެއް ހެއްޔެވެ؟ ބޮޑުމީހެއްގެ ނަޒަރުން އެ ފެންގަނޑުގެ ލޯގަނޑުން އެ ސިފަކުރެވެނީ އޭނާގެ މަޢުޞޫމު، ކުޑައިރުގެ ހަނދާންތަކެވެ. އެ ހަނދާންތައް މިހާރު އެއީ މޯހިރުގައި ލާ މޮއި ފަދައިން ހަޔާތުގެ ދަތުރުގައި ދުރަށް ދެވޭ ވަރަކަށް ގެއްލެމުންދާ ހަނދާންތަކެއް ކަމެވެ. ކުޑަކުއްޖެއް މި ލަވަ އަޑުއަހާނަމަ، މިހާ ފަލްސަފީ ވިސްނުމަކަށް ދާކަށް ނުޖެހެއެވެ. ފެންގަނޑަކީ ލޯގަނޑެއް ކަމުގައި ބަލައިގެން ކުޅޭ ކުޅިވަރުތަކުގެ ވާހަކައެކެވެ.

"ދިޔަވާ އޮޑި" މިއީވެސް މި ފަދަ ލަވައެކެވެ.

"ދިޔަވާ އޮޑިއެއް ދުއްވާ ނެތް ކެޔޮޅެއް

ދިޔަ ރާޅުގަ އޮޑި ފުރޮޅާނުލި. ނަސީބެއްތާ!

ކިޔެވެލިބޭ، ކިޔެވެލި ކިޔަވާ

އޮޑި މިއޮއްގެން ފުރޮޅާލަނީތާ"

މި ފަހަރު އިޖުތިމާޢީ، ސިޔާސީ މާނައެއް ނެގޭނޭ ޖާގަ އެބައޮތް އެހެންނޫންތޯއެވެ؟

މިހާތަނަށް ދިޔައިރު މި ދެއްކެނީ ޝައްމުގެ ޅެންވެރިކަމުގައި ހުންނަ "ދެ މާނަ ނެގޭ" ލަވަތަކުގެ ވާހަކައެވެ. ޝައްމުގެ ހުރިހާ ލަވައަކުންހެންވެސް ފާހަގަކުރެވޭ އިތުރު ވަރަށް ޚާއްޞަ ސިފައެއް ވެއެވެ. އެއީ އެއް ލަވައެއްގައި އެއް އަޑުތަކެއް ތަކުރާރުކޮށްގެން އެ ލަވަ ޝަޢުޤުވެރިކުރުވާފައި އެ ހުންނަ ގޮތެވެ.

މިސާލަކަށް "ފެންގަނޑުގެ ލޯގަނޑު" މި ލަވައިގައި އެކި ބައިބައިގައި އެކި އަޑުތައް ތަކުރާރުކުރެއެވެ. "ނަށާ"، "މަށާ"، "ވަށާ" މިއީ ހުސް އެއް ބައެއްގައި އަންނަ "ށ" އަޑުތަކެކެވެ. އަނެއް ބައިގައި ފެންގަނޑަކަށް ފެންތިއްކެއް ޖެހީމާ އެ ވާ ގޮތް ކިޔައިދިނުމަށް ބޮޅުތަކުގެ ވާހަކަ ދައްކާއިރު ތަކުރާރު ކުރަނީ "ޅ"ގެ އަޑެވެ.

އެހެން ލަވައެކެވެ. "ތިއްތިމާ" މި ލަވައިގެ މައިގަނޑުގައި "ތ" ގެ އަޑެވެ. "ތިއް ތިއް ތިއް ތީއޭ މާ" އޭ ބުނާއިރު "ތީ ތީ ތީ ތީ އޭ މާ" އޭ ބުނާހެންވެސް ހީވެއެވެ. ނުވަތަ "ތީ ތީ ތިއްތި އޭ މާ" އޭ ބުނާހެންވެސް ހީވެއެވެ. ރީތި ވަނީ މި ދެ އިޚުތިޔާރުވެސް އަޑުއަހާ މިހާއަށް ލިބޭތީއެވެ.

ދިވެހި ޅެންވެރިކަމަށް ބަދަލުތަކެއް އަންނަމުންދާކަން އަހަރެމެން މިއަދު ބަލައިގަންނަން ޖެހެއެވެ. ޚާއްޞަކޮށް، ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރެއިން ލަވަ އަށެވެ. އަމިއްލާ ރާގުތައް އުފައްދަމުންދާ ވަރަކަށް ޅެންވެރިންގެ އިތުރުން "ސިންގަރ ސޯންގްރައިޓަރުން" އިތުރުވަމުން އެބަދެއެވެ. އެމީހުން ޅެމެއް ހަދާލަނީ ހިންދީ ނުވަތަ އިނގިރޭސި ރާގެއް އަޑުއަހައިގެން އެ ރާގަށް ފެތޭ އަސަރުތަކެއް ހިތައް ވެރިކުރުވައިގެނެއް ނޫނެވެ. އެމީހުންގެ ލަވަ ކިޔާނޭ ރާގު ނިންމަނީ ޚުދު އެމީހުންނެވެ. އެރާގުގައި އަކުރުތައް ދަމާ އެ ލަފުޒުތަކުން ނެރޭނޭ އިހުސާސް ކިޔައިދެނީ ޚުދު އެމީހެއްގެ އަޑުންނެވެ. މިހެންވުމުން، ލަވަ އާއި ރާގާއި، ކިޔުމާ އެމުނިއެކުލެވިގެން ދަނީ ފެންފޮދެއްގައި ލޮނުކޮޅެއް ގިރޭހާ އޮމާންކަމާއެކު، އެއްވެސް މަޖުބޫރީއެއް ނެތި، ފަށުއިކަމާއެކުގައެވެ.

ޝައްމު އަކީ މި ފަދަ ފަންނާނުންނަށް މިއަދު މިސާލެކެވެ. ބަހުގެ ބޭނުންކުރުމުގައި މުވައްސަސީ ހިފެނެއްޓުންތަކަށް ފަރުވާލެއް ނެތި، ލަފުޒުތައް އަމިއްލަކޮށް، މިނިވަންކަމާއެކު ގެންގުޅެލުމުގެ ނަތީޖާއަކީ މި ޒަމާނުގެ ގިނަ ބަޔަކަށް އެ ލަވަތަކުގައި ފާޅުކުރާ ޝުޢޫރުތައް ބަލައިގެނެވޭނޭ ބީދައިގެ ލަވަތަކެއް އުފެދިގެން ދިއުމެވެ. އެލިޓަރޭޝަން، ފަދަ އަޑުއެހުމުން އޭގެ އަސަރު ކުރުވާ އުކުޅުތަކުގެ އެހީގައި ލަވައެއް ރީތިވުމުގައި ބަސްކޮށާރުގެ އިތުރުން އަކުރުގެ އަޑުތައް ކުޅޭ ދައުރު ހަނދާންކޮށްދެއެވެ. ސިފަކުރުމެއް ރީތިވާން ފުން މާނަތަކެއް މުހިއްމުނޫންކަންވެސް ހަނދާންކޮށްދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox