މާލޭގެ ގޯއްޗެއްގައި ހުރި މުރަނގަފަތް ގަހަކުން ވަގަށް ފަތް ބިން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
މިއީ މިއަހަރުގެ ފެބްރުއަރީ 8، ގައި ހިނގި ކަމެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި، އެކި ދުވަސްމަތިން އެ މީހާ އެގަހުން މުރަނގަފަތް ބިން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
ގަލޮޅުގެ ފުލުހުން ކުރިއަށްގެންދާ ތަހުގީގުން މިހާތަނަށް ވެސް އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެ އެވެ. އެހެންވެ، ފުލުހުން ވަނީ ވީޑިއޯއެއް އާންމުކޮށް އެ މީހާ ހޯދަން އާންމުންގެ އެހީއަށް އެދިފަ އެވެ.
ވީޑިއޯ އިން ފެންނަ ފެނުމަށް ބަލާއިރު އެމީހާއަކީ މެދު އުމުރުގެ ދިވެހި ފިރިހެނެކެވެ.
އެ ވީޑިއޯ ފެންނަ ގޮތުގައި، އެ މީހާ ފަތް ބިންނަނީ މަގުމައްޗަށްވާ ގޮތަށް އެލިފައި އޮތް އޮފިގަނޑަކުންނެވެ.

"ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން" ފުލުހުން ބުންޏެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން އެ އިދާރާ އިން ވަނީ ފާހަގަކޮށްފަ އެވެ.












