ބާލިން (ޖޫން 12) - އަޔަކްސް އަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ ޒުވާން މިޑްފީލްޑަރު ރަޔަން ގްރަވެންބާކް ޖަރުމަންގެ ބަޔާން މިއުނިކަށް ސޮއިކުރުމަށް ނިންމައިފި އެވެ.
މިއީ ކުރިއަށް އޮތް ސީޒަނަށް ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން، ބަޔާން އިން އަޔަކްސް އިން ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. އަޔަކްސް އަށް ކުޅެމުންދިޔަ މޮރޮކޯގެ ޑިފެންޑަރު ނުސޭރް މަޒްރައޮއީ ،24، ވަނީ ހިލޭ ޓްރާންސްފާއެއްގައި މިދިޔަ މަހު ބަޔާނަށް ބަދަލުވެފަ އެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ގްރަވެންބާކް ،20، އަޔަކްސް ދޫކޮށް ޖަރުމަނުގެ ޗެމްޕިއަން، ބަދަލުވަނީ 19.5 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގަ އެވެ.
"ބަޔާން އަކީ ވަރަށް ބޮޑު ކްލަބެއް. މި ކްލަބުގެ އަމާޒަކަށް ވާނީ ބޮޑެތި މުބާރާތްތައް ކާމިޔާބުކުރުން. އެއީ އަހަރެންގެ ވެސް އަމާޒަކީ. ވަރަށް އުފާވެއްޖެ ބަޔާނަށް ބަދަލުވެވޭތީ،" ބަޔާންއާ ގުޅުމަށް މިއުނިކަށް ގޮސް، އެއާޕޯޓުގައި ޖަރުމަންގެ މީޑިއާއާ ވާހަކަދައްކަމުން ގްރަވެންބާކް ބުންޏެވެ.
އާންމުގޮތެއްގައި މިޑްފީލްޑަރަކަށް ކުޅުނަސް، ގްރަވެންބާކް އަކީ ޑިފެންސަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.
ނެދަލޭންޑްސް 15 އަހަރުން ދަށުގެ ގައުމީ ޓީމުން ފެށިގެން، ގްރަވެންބާކް ވަނީ ހުރިހާ އުމުރު ފުރައެއްގެ ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. ނެދަލޭންޑްސްގެ ސީނިއާ ޓީމުން އޭނާ ޖާގަ ހޯދަން ފެށީ 2021 ވަނަ އަހަރުން ފެށިގެނެވެ.
ކުރިން ބަޔާނަށް ކޯޗުކޮށްދިން މި ވަގުތު ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރި ތަޖުރިބާކާރު ކޯޗު، ލުއީ ވެން ހާލް ދާދި ފަހުން ނެދަލެންޑްސް ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ގްރަވެންބާކްގެ ޑިވެލޮޕްމަންޓަށް ބަލާއިރު، އެންމެ ރަނގަޅު އެއް ކްލަބަށް ވާނީ ބަޔާން ކަމަށެވެ.
ގްރަވެންބާކްގެ ސޮއި ހޯދަން އިޓަލީ އާއި ސްޕެއިންގެ ބައެއް ކްލަބްތަކުން ވަނީ މަސައްކަތްކޮށްފަ އެވެ.












