ޒިއުރިކް (ޖޫން 12) - އިޒްރޭލްގެ މީހުންނަށް މި އަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް ބަލަން އެ ގައުމަށް ދެވޭނެ ކަމަށް ފީފާ އިން ނިންމައިފި އެވެ.
ފީފާގެ ތަރުޖަމާނާއި އިޒްރޭލް ސަރުކާރުން ވަނީ އެ ގައުމުގެ މީހުންނަށް ވޯލްޑް ކަޕް ބަލަން ދެވޭނެކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
އިޒްރޭލާއި ގަތަރުގެ ދެމެދުގައި ސިޔާސީ ގުޅުން ކަނޑާލާފައިވާތީ، މި އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ބަލަން އިޒްރޭލް މީހުންނަށް ގަތަރަށް އެތެރެނުވެވުމުގެ ފުރުސަތު އޮތް ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ހަބަރުތަކާ އެކު އިޒްރޭލް ސަރުކާރާއި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މި މައްސަލަ ފީފާގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ފީފާ އިން އިޒްރޭލް ސަރުކާރަށް އެންގީ އިޒްރޭލުގެ ސަޕޯޓަރުން ވޯލްޑް ކަޕް ބަލަން ގަތަރަށް ދިއުމަށް ހުރަހެއް ނެތް ކަމަށެވެ.
ފީފާގެ ރަސްމީ ލިޔެކިޔުންތަކާ ހަވާލާދީ އިޒްރޭލުގެ ފޮރިން، ޑިފެންސް އަދި ސްޕޯޓްސް މިނިސްޓްރީން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެހެން ގައުމުތަކުގެ ފުޓްބޯޅަ ސަޕޯޓަރުންނެކޭ އެއްގޮތަށް އިޒްރޭލުގެ މީހުންނަށް ވެސް ވޯލްޑް ކަޕް މެޗު ބަލަން ގަތަރަށް ދެވޭ ގޮތަށް ހަމަޖެހިފައިވާކަަމަށް ފީފާ އިން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.
އެ ގޮތުން ގަތަރަށް މެޗު ބަލަން އެ ގައުމަށް އެތެރެވާން އިޒްރޭލްގެ ސަޕޯޓަރުން ވެސް މެޗު ޓިކެޓާއި ވިސާ ދައްކަން ޖެހޭނެ ކަމަށް ވަނީ އަންގައިފަ އެވެ. އަދި މިކަންކަން ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ބޭނުންނަމަ އިޒްރޭލުގެ ފޮރިން މިނިސްްޓްރީގެ އެހީތެރިކަން ލިބޭނެކަމަށް ވަނީ އަންގައިފަ އެވެ.
އިޒްރޭލުން 2020 ވަނަ އަހަރުން ފެށިގެން އަރަބި ގައުމުތަކާ އަންނަނީ ސިޔާސީ ގުޅުން ވަރުގަދަކުރަމުންނެވެ. އެ ގޮތުން ރަސްމީކޮށް ޔޫއޭއީ އާއި ބަހްރޭން އަދި މޮރޮކޯއާ ގުޅުން ބަދަހިކޮށްފައިވާއިރު، ވަރަށް އަވަހަށް ސޫދާނާ އެކު ވެސް ސިޔާސީ ގޮތުން ރަނގަޅު ގުޅުމެއް ގާއިމްކުރަން ވަނީ މަޝްވަރާކޮށްފަ އެވެ.
އަރަބި ގައުމުތަކުން އިޒްރޭލާ ގުޅުމެއް ބާއްވަން ބޭނުން ނުވަނީ ފަލަސްތީނަށް ވެރިވެ ގަންނަން ކުރާ މަސައްކަތުގައި ހިންގާ ގަތުލުއާންމުގެ ސަބަބުންނެވެ.












