ލަންޑަން (ޖޫން 11) - މާލީ ހާލަތު ގޯސްވެފައި އޮތުމުގެ ސަބަބުން ބާސެލޯނާ އަށް ބޮޑު ފީއެއް ދައްކައިގެން ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ގަނެވެން ނެތުމުން، ހާލަތުގެ ފައިދާނަގައި ޗެލްސީން ލެވަންޑޯސްކީ ހޯދުމުގެ ރޭހަށް ވަންނާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލެވަންޑޯސްކީ، 33، ބަޔާނުގެ ކޮންޓްރެކްޓްގައި ހުރި ނަމަވެސް އޭނާ އަންނަނީ ތަކުރާރުކޮށް އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަަމަށް މީޑިއާގައި ބުނަމުންނެވެ.
ލެވަންޑޯސްކީ އެންމެ ފަހުން ދިން އިންޓަވިއުގައި އޭނާ ބުނީ ބަޔާނަށް ކުޅުމުގެ ޝައުގުވެރިކަން މިހާރު ނެތް ކަމަށެވެ. އޭގެ ފަހުން ޖަރުމަނު މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، ލެވަންޑޯސްކީ ބަޔާން ދޫކޮށްލަން ބޭނުންވަނީ އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަންއާ މައްސަލަ ޖެހިގެން ކަމަށެވެ.
ޕޮލެންޑާއި ސްޕެއިންގެ މީޑިއާތަކުން .ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލެވަންޑޯސްކީއާ އެކު ބާސެލޯނާ އިން ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ވަނީ އެއްބަސްވެފަ އެވެ. އެކަމަކު، ބާސެލޯނާގެ ދަރަނި 500 މިލިއަން ޔޫރޯ އަށް އަރާފައިވާއިރު، އެ ކްލަބަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގަންނަން މާބޮޑު ހަރަދެއް ނުކުރެވޭނެ ކަމަށް ލަލީގާ އޮފިޝަލަކު ސްޕެއިނުގެ ނޫހަކަށް ވަނީ ބުނެފަ އެވެ.
ލެވަންޑޯސްކީ ވިއްކާލަން ބަޔާނުން ކިޔާ އަގު އުޅެނީ 50 މިލިއަން ޔޫރޯގަ އެވެ. މިއީ ބާސެލޯނާ އަށް ދެވޭނެ އަގެއް ނޫން ކަމަށާއި މާލީ ހާލަތު ގޯސްވެ، ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އޮތީ "އަތްބަދެވިފައި" ކަމަށް ލަލީގާގެ އޮފިޝަލް ވަނީ މައުލޫމާތު ދީފަ އެވެ. .
ގޯލު ޖެހުމުގެ ރެކޯޑް ރަނގަޅު ފޯވާޑެއް ހޯދަން ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މިދިޔަ ދެ އަހަރު ހޯދި ލެވަންޑޯސްކީގެ ސޮއި ހޯދުމުގެ ރޭހަށް ޗެލްސީން ޝައުގުވެރިވާ ކަމަށް އިނގިރޭސި މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޔާނުން އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން އާއި ލިވަޕޫލްގެ ސަޑިއޯ މާނޭ ގަންނަން މަސައްކަތް ކުރަމުންނެވެ. އެއީ ލެވަންޑޯސްކީ ދޫކޮށްލަން ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށް ޖަރުމަނު ނޫސްތަކުން ރިޕޯޓްކުރެ އެވެ.
ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ބަޔާނުން ލެވަންޑޯސްކީ ދޫކޮށްލާފައި މާނޭ އާއި ކޭން ނޫނީ އެ ތަނުން އެއް ކުޅުންތެރިއަކު ގެންދާނެ އެވެ. ބަޔާނުން ކޭންގެ ސޮއި ހޯދައިފިނަމަ، އެތަން ފޫބައްދަން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އެއް ވަނަ ޓާގެޓަކީ ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ ވިއްކާލުމަށް ފަހު ޗެލްސީން ވިސްނާނީ އިންޓަގެ ލަޓާރޯ މާޓީނޭޒް ނޫނީ ލެވަންޑޯސްކީ ގެންނަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓްރާންސްފާ މާކެޓްގެ އެހެން ހަބަރުތަކަށް ބަލާއިރު، ލިވަޕޫލުން ބެންފީކާގެ ފޯވާޑް ޑާވިން ނޫނޭޒްގެ ސޮއި ހޯދުމާ ގާތަށް ޖެހިލައިފައިވާއިރު، އޭނާގެ ޓްރާންސްގެ ރޭހުން މެންޗެސްޓާ ޔުނައިޓެޑް ވަނީ އަމިއްލަ އަށް ބޭރުވެފަ އެވެ. ޔުނައިޓެޑުން އަންނަނީ އަޔަކްސްގެ ވިންގް، އެންތަނީ، ވުލްވްސްގެ ރުބެން ނެވޭސް އަދި ބާސެލޯނާގެ ފްރެންކީ ޑި ޔޯން އަށް ފާރަލަމުންނެވެ. ބާސެލޯނާ އިން ފްރެންކީ ޑި ޔޯން ވިއްކާލަން ކިޔާ އަގު އުޅެނީ 100 މިލިއަން ޔޫރޯގަ އެވެ.












