އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންތަނޫ މުކަރުޖީ (ޝާން) އާއި ރާއްޖޭގެ ހުނަރުވެެރި ވޯކަލިސްޓް، މަރިޔަމް އުނޫޝާ (ކިޑީ) އެއްކޮށް ކިޔާފައިވާ ލަވަ 'ދިލް އުޅެޔާ' އިއްޔެ ރިލީސްކޮށްފި އެވެ.
ރެޕް ބަޔަކާ އެކު ދިވެއްސާއި ހިންދީ އަދި ޕަންޖާބް ބަހުން ލިޔެފައިވާ ލަވަ އަޑުއެހި މީހުން ވަނީ ދެ ހުނަރުވެރިންގެ މަސައްކަތަށް ތައުރީފުކޮށްފަ އެވެ.
ޝާން ގެ ޔޫޓިއުބް ޗެނަލުގައި ލަވަ ރިލީސްކުރުމަށްފަހު އޭނާ ކުރި ޓުވީޓްގެ ޖަވާބުގައި ދިން ފުރުސަތަށް ޝުކުރު އަދާކުރަމުން އުނޫޝާ ބުނެފައިވަނީ ޝާން ފަދަ ލަވަކިޔުންތެރިއަކާއެކު މަސައްކަތްކުރަން ލިބުމަކީ އޭނާ އަށް ލިބުނު ފަހުރެއް ކަމަށެވެ.
'ދިލް އުޅެޔާ' އަކީ ދިރިއުޅުން އުފާވެރިކަމާއެކު ކުރިއަށްގެންދަން ހިތްވަރުދޭ މެސެޖުތަކެއް ލިރިކްސްގައި ހިމެނޭ 'ރެގޭ ޕޮޕް' ޖޯންރާގެ ލަވައެކެވެ. އުފާވެރިކަމާއި މާހައުލުގެ އަރާމުކަން އިހްސާސްވާ ފަދަ ފީލް އެއް ގެންނަން ލަވައިގެ ޅެމާއި މިއުޒިކް ތައްޔާރުކުރުމުގައި މަސައްކަޔތްކޮށްފައިވެ އެވެ.

ލަވައިގެ ދިވެހި ލިރިކްސް ލިޔުނީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަ) އެވެ. ލަވައިގައި ހިމެނޭ ދިވެހި ރެޕް ތަންކޮޅު އުނޫޝާއާ އެކު ޝާން ވެސް ކިޔަ އެވެ.






