ރާއްޖޭގެ ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބުން މެލޭޝިއާގައި މިހާރު ކުރިއަށްގެންދާ ޓްރެއިނިން ޓުއާގައި ކުޅުނު ދެ ވަނަ މެޗުން ވޯލްޓްރެކްސް އެކެޑަމީ އަތުން މޮޅުވެއްޖެ އެވެ.
މި މަހު ފަސް ވަނަ ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް ރިވައިވަލް އިން ކުރިއަށްގެންދާ ޓްރެއިނިން ޓުއާގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު، ދެ ވަނަ މެޗުގައި ވޯލްޓްރެކްސް އަތުން މޮޅުވީ 8-2 އިންނެވެ.
ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިން ކޭމްޕްގައި ބައިވެރިވަނީ ރިވައިވަލްގެ ހައި ޕާފޯމަންސް ޓީމުގެ ހަތަރު ކުޅުންތެރިން ކަމަށްވާ، ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އަހުމަދު ތޯއިފް، ޒަޔާން ޒަކީގެ އިތުރުން ގައުމީ ޓީމަށް މީގެ ކުރިން ކުޅެފައިވާ ރިޝްވާން ޝިޔާމްގެ އަދި އަރަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ، ހައިޝަމް އިބްރާހިމް އެވެ.
ރިވައިވަލްގެ ކޯޗަކީ ބައިނަލްއަގުވާމީ އަދި ގައުމީ ލެވަލްގައި ގިނަ އަހަރުތަކެއް ކުޅެފައިވާ، ނަޝްފާން މުހައްމަދު އެވެ. ޓްރެއިނިން ޓުއާގައި އޭނާ ވެސް ބައިވެރިވެ އެވެ.

ވޯލްޓްރެކްސް އެކެޑަމީ ކުޅުންތެރިންނާއި ރިވައިވަލްގެ ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.
ވޯލްޓްރެކްސްއާ ދެކޮޅަށް ރިވައިވަލްގެ ޒަޔާން ސިންގަލްސް ދެ މެޗުން މޮޅުވިއިރު، ރިޝްވާން އާއި ހައިޝަމް ވެސް ވަނީ ދެ ސިންގަލްސް މެޗުން މޮޅުވެފަ އެވެ. ޑަބަލްސް އަށް ބަލާއިރު، ރިޝްވާން އާއި ހައިޝަމް ވަނީ މޮޅުވެފަ އެވެ.
ރިވައިވަލް ބަލިވީ ތޯއިފްގެ ސިންގަލްސް އަކާއި ޒަޔާން އާއި ތޯއިފްގެ ޑަބަލްސް އިންނެވެ.
މި ޓްރެއިނިން ޓުއާ އަކީ ރިވައިވަލް އިން މި އަހަރު ބައިވެރިވާން ނިންމާފައިވާ ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ޓުއާ އެކެވެ.












