ލިވަޕޫލް (ޖޫން 9) - ބެންފީކާ އަށް ކުޅެމުން އަންނަ އުރުގުއޭ ގައުމީ ޓީމުގެ ފޯވާޑް ޑާވިން ނޫނޭޒް އަށް ލިވަޕޫލުން އެ ކްލަބްގެ ރެކޯޑް ފީއެއް ދޭން ތައްޔާރަށް އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލުން މިހާތަނަށް އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިއަކީ 80 މިލިއަން ޑޮލަރު ދީފައި ގަތް ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން އޮތީ ބެންފީކާގެ އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒް ގެންނަން ޖުމްލަ އެކު 110 މިލިއަން ޑޮލަރު ހަރަދުކުރަން ވެސް ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އެއީ ފުރަތަމަ 85 މިލިއަން ޑޮލަރު ދިނުމަށް ފަހު، އޭނާ ދައްކާ ކުޅުމަށް ބަލާފައި ބާކީ 25 މިލިއަން ޑޮލަރު ދޭ ގޮތަށެވެ.
ޕޯޗުގަލްގެ ނޫސްވެރިން ރިޕޯޓްކުރާގޮތުގައި ލިވަޕޫލުން ހުށަހަޅާފައިވާ އޮފާއާ މެދު ބެންފީކާ އިން އަންނަނީ މަޝްވަރާކުރަމުންނެވެ. ނޫނޭޒްގެ ސޮއި ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑުން ވެސް މަސައްކަތް ކުރަމުން އަންނައިރު، ނޫނޭޒް ވަނީ އޭނާ އިހުތިޔާރުކުރަނީ ލިވަޕޫލާ ގުޅެން ކަމަށް ބެންފީކާގެ އޮފިޝަލުންނަށް އަންގައިފަ އެވެ.
ނޫނޭޒް، 22، އަށް ލިވަޕޫލުން ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ނިންމައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލްގެ ފިރްމީނޯ (ވ) އަތުން ބެންފީކާގެ ނޫނޭޒް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.
އުރުގުއޭގެ ކްލަބް އެތުލެޓިކޯ ޕެނަރޯލުން، 2017 ވަނަ އަހަރު ކެރިއަރު ފެށި ނޫނޭޒް ދެން ބަދަލުވީ ސްޕެއިންގެ އަލްމެރިއާ އަށެވެ. އެއީ 2019 ވަނަ އަހަރު އެވެ. އެއް އަހަރު އަލްމޭރިއާ ކުޅުމަށް ފަހު އެ ޓީމު ދޫކޮށް ނޫނޭޒް ބެންފީކާ އަށް ބަދަލުވީ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އޭނާ ވަނީ މި ސީޒަނުގައި ކުޅުނު 41 މެޗުން 34 ގޯލު ޖަހައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލް ކޮޅަށް ޖެހި ދެ ގޯލު ހިމެނެ އެވެ.
ލިވަޕޫލުން ނޫނޭޒް ހޯދަން ބޮޑަށް ބޭނުންވަނީ އެ ކްލަބްގެ ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ ޓީމު ދޫކޮށްލަން ބޭނުންވާ ކަމުގެ އިޝާރާތްތަކެއް ދެމުން އަންނާތީ އެވެ. މާނޭ ގަންނަން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކުރި ދެ ބިޑެއް ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ބަޔާނުން ދެ ފަހަރު ވެސް ކުރީ 40 މިިލިއަން ޑޮލަރަށް ވުރެ ކުޑަ ބިޑެކެވެ.
ލިވަޕޫލަށް ކުޅެމުން އަންނަ ޖަޕާންގެ ފޯވާޑް ޓަކޫމީ މިނަމީނޯ ވެސް އަންނަނީ އެ ޓީމު ދޫކޮށްލަން އެކި ކްލަބްތަކާ ވާހަކަ ދައްކަމުންނެވެ. ލިވަޕޫލުން އޮތީ 20 މިލިއަން ޑޮލަރުގެ ފީއެއް ދައްކާ ޓީމަކަށް މިނަމީނޯ ދޫކޮށްލާ ގޮތަށެވެ. މިނަމީނޯގެ ސޮއި ހޯދުމުގެ ރޭހުގައި ފުލަމް، ސައުތެމްޓަން، މޮނާކޯ އަދި ލީޑްސް ޔުނައިޓެޑް ބައިވެރިވެ އެވެ.
ތަޖުރިބާކާރު މިޑްފީލްޑަރު، ޖޭމްސް މިލްނާ ވަނީ ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކޮށްފަ އެވެ. ވެސްޓް ހޭމް ޔުނައިޓެޑުން އަންނަނީ ލިވަޕޫލްގެ މިޑްފީލްޑަރު އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ގަންނަން މަޝްވަރާ ކުރަމުންނެވެ.












