ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒުވާނުންނަށް ވެފައިވާ ވައުދުތަކަށް ވުރެ ރަނގަޅަށް މިހާރު ކަންކަން ކޮށްދެވިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ބައެއް މަޝްރޫއުތަކާ ގުޅޭ ސުވާލުތައް ކުރުމަށް މަހުލޫފް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ. އިތުރު ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲޝަހީމް އަބްދުލްހަކީމް ވަނީ ޒުވާނުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދިފައިވަނީ ކިހާވަރަކަށްތޯ ސުވާލުކުރައްވާފަ އެވެ.
"އަޅުގަނޑުމެންނަށް މިހާރު ވެސް ހަގީގަތަށް ބުނާނަމަ ރައީސް ވައުދުވެވަޑައިގެންފައިވާ ކަންކަމަށް ވުރެ ވެސް މާ ރަނގަޅަށް ކުރެވިއްޖެ، ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް އަޅުގަނޑުމެންނަށް މުޅި ދާއިރާއަށް ގެނެވިއްޖެ،" މަހުލޫފް ވިދާޅުވި އެވެ.
ގައުމުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ދާއިރާ އިތުރަށް ކުރިއަށް އެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
އިތުރު ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި، ގިނަ މެންބަރުން ވަނީ މެންބަރުންގެ ދާއިރާތަކުގެ ކުޅިވަރު ދަނޑުތަކާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށް، ސުވާލުކޮށްފަ އެވެ.













