ނޭޝަންސް ލީގު: އިންގްލެންޑާއި ޖަރުމަނު އެއްވަރު، އިޓަލީ އަށް ހަމަޖެހުމެއް

Jun 7, 2022, 8:53 PM
ނޭޝަންސް ލީގު: އިންގްލެންޑާއި ޖަރުމަނު އެއްވަރު، އިޓަލީ އަށް ހަމަޖެހުމެއް

މިއުނިކް (ޖޫން 8) - ޔުއެފާ ނޭޝަންސް ލީގުގައި މިރޭ, އިންގްލެންޑާއި ޖަރުމަނު 1-1 އިން އެއްވަރުވިއިރު، ހަންގޭރީ އަތުން 2-1 އިން މޮޅުވެ، އިޓަލީން ހަމަޖެހުމެއް ހޯދައިފި އެވެ.

ޖަރުމަނުން މިރޭގެ މެޗުގައި ބޭނުންކުރީ އެ ގައުމުގެ އަންހެން ޓީމުގެ މޮޑެލްގެ ޖޯޒީ އެވެ. އެއީ އަންނަ މަހު ފަށާ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅޭ ޖަރުމަނު އަންހެން ޓީމަށް ހާއްސަ މެސެޖެއް ދީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޖަރުމަނު ފުޓްބޯޅައިގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދޭ ޓްރޮފީ، މި މެޗުގެ ކުރިން ޔޯސުއާ ކިމިކާ ހަވާލުކުރި އެވެ.

ފުރަތަމަ ހާފުގައި ޖަރުމަނުގެ ތޯމަސް މުލާ ޖެހި ގޯލެއް ބަލައިނުގަންނަން ނިންމީ، އެ ގޯލު ޖެހުމުގެ ކުރިން އިންގްލެންޑްގެ ކަލްވިން ފިލިޕްސް އަށް އަނިޔާވެގެން ދަނޑުމަތީގައި ވެއްޓިފައި އޮތުމުން މެޗުގެ ރެފްރީ، ސްޕެއިނުގެ ކާލޯސް ޑެލް ކޭރޯ ކަށިގަނޑު ފުމެފައިވާތީ އެވެ. އޭގެ ފަހުން، ޖަރުމަނުގެ ޖޮނަސް ހޮފްމަން ފުރަތަމަ ހާފުގައި ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެވެ.

އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފުރަތަމަ ހާފުގައި ޖަރުމަނު އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތަކުން ޖެހި ބޯޅައެއް ގޯލުގެ ހުރަސްދަނޑިމަތިން ދިޔައިރު، ކައުންޓަ އެޓޭކުގައި އިންގްލެންޑްގެ ބުކާޔޯ ސަކާ ޖެހި ބޯޅަ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓްގެ ތެރޭގައި ސަކާ އޭރިއާބޭރުން ޖެހި ބާރު ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ޖަރުމަނުގެ ހޮފްމަން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ޖަރުމަނުން ލީޑުނެގި އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ކިމިކް ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު ހޮފްމަން ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަށް ކުޅޭ ހޮފްމަން ޖަރުމަނު ގައުމީ ޓީމަށް ޖަހައިދިން ތިން ވަނަ ގޯލެވެ.

ޖަރުމަނުން ލީޑުނެގިތާ އިރުކޮޅެއް ފަހުން، ނަތީޖާ ހަަމަހަމަކުރަން އިންގްލެންޑްގެ މޭސަން މައުންޓް އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ނޯޔާ މަތަކުރި އެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ޖަރުމަނަށް ލީޑުފުޅާކޮށްދޭން މުލާ ޖެހި ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޖަރުމަނުގެ ކައުންޓަ އެޓޭކެއްގައި ކައި ހަވާޓްޒް ދިން ބޯޅައަކުން ޓިމޯ ވާނާ ދުރު ކަނަށް ފޮނުވާލަން ޖެހި ޝޮޓް ކީޕަރު ޕިކްފޯޑް ހުއްޓުވި އެވެ.

އިންގްލެންޑަށް އެއްވަރުކޮށްދޭން މެޗުގެ 75 ވަނަ މިނިޓްގައި ހެރީ ކޭން އޭރިއާތެރެއިން ވެއްޓިގެންފައި، ޖެހި ބޯޅަ ކީޕަރު ނޯޔާ ވަނީ މަތަކޮށްފަ އެވެ. އިންގްލެންޑަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން މެޗުގެ 88 ވަނަ މިނިޓްގައި ކޭން އެވެ. މިއީ އިންގްލެންޑަށް ކޭން ކުޅެދިން 71 މެޗުން ޖެހި 50 ވަނަ ގޯލެވެ. މިއީ ކޭން އަށް ޖަރުމަނުގެ ޑިފެންޑަރު، ނިކޯ ޝްލޮޓަބެކް ކުރި ފައުލަކަށް ވީއޭއާރް އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

އިންގްލެންޑަށް ކޭން އަށް ވުރެ ގިނަ ގޯލު ޖަހައިދީފައިވަނީ 53 ގޯލާ އެކު އޮތް ވޭން ރޫނީ އެވެ. ކޭން ވަނީ މިރޭގެ ގޯލާ އެކު ބޮބީ ޗާލްޓަން އަށް ވުރެ ގިނަ ގޯލު އިންގްލެންޑަށް ކާމިޔާބުކޮށްދީފަ އެވެ.

އިޓަލީން ވަނީ މިރޭ އަމިއްލަ ދަނޑުގައި 2-1 އިން ހަންގޭރީ ބަލިކޮށްފަ އެވެ. އިޓަލީ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ޖަރުމަނާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ މެޗުގައި ފުރަތަމަ ލީޑުނެގި ނަމަވެސް ހިފަހައްޓައިލެވޭ ގޮތެއްނުވި އެވެ.

ހަންގޭރީގެ ނާގީ (ކ) ކައިރިން އިޓަލީގެ ކެޕްޓަން ޕެލެގްރީނީ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

މިރޭ އިޓަލީ ކުޅުނު މެޗުގައި ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ނިކޯލޯ ބަރޭލާ އާއި ލޮރެންޒޯ ޕެލެގްރީނީ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި ބަރޭލާ ގޯލު ޖެހީ ލިއޮނާޑޯ ސްޕިނަޒޯލާ ދިން ބޯޅަ އަކުންނެވެ.

މިއީ ޔޫރޯގައި ލިބުނު އަނިޔާއިން ރަނގަޅުވެގެން، އައިފަހުން ސްޕިނަޒޯލާ އިޓަލީގެ ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗެވެ. އެންމެ ފަހުން އިޓަލީ ކުޅުނު މެޗުގައި ސްޕިނަޒޯލާ ބަދަލަކަށް ކުޅެން އެރި އެވެ. ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޕެލެގްރީނީ އިޓަލީގެ ލީޑު ފުޅާކޮށްދިނީ މަޓެއޯ ޕޮލިޓާނޯ ދިން ބޯޅައަކުންނެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައި، ހަންގޭރީން ގޯލެއް ޖަހަން ކުރި މަސައްކަތުގައި ކާމިޔާބު ހޯދި އެވެ. މެޗުގެ 61 ވަނަ މިނިޓްގައި ހަންގޭރީން ޖެހި ގޯލަކީ އިޓަލީގެ ޖިއަންލޫކާ މަންޗިނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން ހަންގޭރީން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މިއީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ހިތާމައިން އަރައިގަނެ، އިޓަލީ ފުޓްބޯޅަ އަލުން ފަށައިގަންނަން އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ ކުރަމުން އަންނަ މަސައްކަތުގައި ލިބުނު މުހިންމު މޮޅެކެވެ. މި ގްރޫޕްގެ އެއް ވަނައިގައި އިޓަލީ އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ހަންގޭރީ ތިން ޕޮއިންޓާ އެކު އޮތްއިރު، ތިން ވަނައިގައި ޖަރުމަނު އޮތީ ދެ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އިންގްލެންޑަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ޖަރުމަނުގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން އެ ޓީމުން ވަނީ ބަލިނުވެ، 11 މެޗުހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox