މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް ސަހުބާން ފަހުމީ މަގާމުން ވަކިކުރަން އެ ކައުންސިލުގެ މެމްބަރުން މިރޭ ނެގި ވޯޓުވެސް ކާމިޔާބެއް ނުވި އެވެ.
އެމްއެމްސީން މިރޭ ބުނީ ސަހުބާން މެމްބަރުކަމުން ވަކިކުރުމާ މެދު މިރޭ ނެގި ވޯޓުގައި، އޭނާ ވަކިކުރަން ފާސް ނުވި ކަމަަށެވެ. އެހެން ނަމަވެސް ވޯޓުގެ ތަފްސީލެއް އެ ކައުންސިލުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ސަހުބާން ވަކުރަން މިރޭގެ ޖަލްސާއިން ފާސްނުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. މިރޭގެ ޖަލްސާގައި ނެގި ވޯޓުގައި ސަހުބާން ވަކިކުރަން ފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ.
އެމްއެމްސީ އުފެއްދި ގާނޫނުގައިވާ ގޮތުން އެމްއެމްސީގެ ރައީސްކަމުގެ ކަމުގެ މަގާމުން ވަކިކުރުމަށް ޖުމްލަ 15 މެމްބަރުން ތިބޭ ކައުންސިލުގެ 10 ވޯޓު ބޭނުންވެ އެވެ. ސަހުބާން ވަކިކުރުމާ އެއްކޮޅަށް މިރޭ ލިބުނީ ނުވަ މެމްބަރެއްގެ ވޯޓެވެ.
މީގެ ކުރިން ވެސް ސަހުބާން ވަކިކުރަން ކައުންސިލުގެ ބައެއް މެމްބަރުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެ ފަހަރު ސަހުބާނާ ދެކޮޅަށް ހަމަވީ އަށް ވޯޓެވެ.

ބައެއް ގާނޫނީ ބޭފުޅުންގެ ނަޒަރުގައި މަނީ ލޯންޑަރިންގެ ތުހުމަތުތަކާއެކު ސަހުބާންގެ މަގާމު މިހާރު ވެސް ވަނީ ހުސްވެފަ އެވެ. އެއީ ގާނޫނުގައި ބަޔާން ކުރާ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި މުޖުތަމައުގެ އަހްލާގީ އާންމު މިންގަނޑުގައި އުޅުން ހިމެނޭތީ, އެ ޝަރުތު އޭނާގެ ކިބައިން އުނިވެފައިވާތީ އެވެ.
ނަމަވެސް މެންބަރު ކަމުގެ ޝަރުތެއް ގެއްލިއްޖެނަމަ ދެން އަމަލު ކުރާނެ ގޮތެއް އެ ގާނޫނުގައި ނެތެވެ. އަދި ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ގެންދެވޭނެ އުސޫލުތަކެއް ވެސް ގާނޫނުގައި ލިޔެފައެއް ނެތެވެ.
ގާނޫނުގައި ހުރި ބާގަނޑުތަކާ ގުޅޭ ގޮތުން ކައުންސިލްގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ އެކު ވެސް މަޝްވަރާ ކޮށްފަ އެވެ. އެ ކޮމިޓީން އެދުނީ އެޓާނީ ޖެނެރަލް އޮފީހުގެ ގާނޫނީ ލަފައެއް އެ ކަމުގައި ހޯދުމަށެވެ.
މި މައްސަލާގައި ޝަހުބާން ވިދާޅުވަނީ އެފަދަ ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި އޭނާއަކީ އެ ކުންފުނީގެ "ސްލީޕިން ޕާޓްނާ" އެއް ކަމުން ކުންފުނީގެ އެއްވެސް ކަމެއްގައި އަމަލީ ގޮތުން ބައިވެރި ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އިސްތިއުފާ ދެއްވާނީ ދައުވާއެއް އުފުލައިފިނަމަ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.












