އިސްލާމިކް ފައިނޭންސިންގެ ތެރެއިން ވިޔަފާރިތަކަށް ޓްރޭޑް ފައިނޭންސްކޮށްދޭ އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެމްބަރު ގައުމަކަށް ރާއްޖެއިން ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާތީ އެކަމަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އައިޓީއެފްސީގައި ބައިވެރިވާން އެދި ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ މިއަދު މަޖިލީހުގެ ތަޅުމުގައި އަމީންއާންމު ވަނީ އިއްވަވައިފަ އެވެ.
ވަޒީރުންނާ މަޝްވަރާކުރުމަށް ފަހު އެ ޖަމިއްޔާގައި ބައިވެރިވުމަަށް މިދިޔަ މަހުގެ 24 ވަނަ ދުވަހު ނިންމެވިކަމަށް ރައީސްގެ ސިޓީފުޅުގައި ވެއެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތަށް އެ ޖަމިއްޔާގައި ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުން ދިރާސާކޮށް ގޮތެއް ނިންމަވައި ދެއްވުމަށް ރައީސް އެދިވަޑައިގެންފައި ވެއެވެ.
މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރިޔާސަތުން ވަނީ މަޖިލީހުގެ ހާރިޖީ ގުޅުން ތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
އައިޓީއެފްސީއަކީ އައިއެސްޑީބީގެ މެމްބަރުންގެ މެދުގައި ވިޔަފާރި އާއި އިގުތިސޯދު ކުރިއަރުވަން މަސައްކަތް ކުރާ ކޯޕަރޭޝަނެކެވެ. މި ކޯޕަރޭޝަނާ ގުޅުމުގެ ސަބަބުން ރާއްޖެއަށް ވިޔަފާރީގެ ދާއިރާއިން އިތުރު ފައިނޭންސިން ހޯދަން މަގުފަހި ވާނެ އެވެ.














