އައްޑޫގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގައި 21 އަހަރުގެ ޒުވާނަކު މަރުވި މައްސަލައިގެ ތުހުމަތުވާ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ޒުވާނާ މަރުވި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ކުއްޖާގެ އިތުރުން، އަމަން ނަގައިލަން އުޅުނުކަމުގެ ތުހުމަތަށް ވެސް އައްޑޫން ބަޔަކު ހައްޔަރުކުރި އެވެ. އެއީ ފުލުހުން ބުނި ގޮތުގައި 18 އަހަރުގެ ދެމީހުންނާއި 29 އަހަރުގެ މީހެކެވެ.
އައްޑޫ ފޭދޫގައި މިދިޔަ ބުދަދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ މަރުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.











