ޕެމްޕްލޯނާ، ސްޕެއިން (ޖޫން 6) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މިރޭ ލިއޮނަލް މެސީގެ ފަސް ގޯލާ އެކު 5-0 އިން އެސްޓޯނިއާ އަތުން އާޖެންޓީނާ މޮޅުވެއްޖެ އެވެ.
އެސްޓޯނިއާ އަކީ ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގައި ދުނިޔޭގެ 110 ވަނައިގައި އޮތް ގައުމެވެ. އާޖެންޓީނާ އޮތީ ހަަތަރު ވަނައިގަ އެވެ.
މިއީ މެސީގެ ކެރިއަރުގައި އޭނާ އެއް މެޗެއްގައި ފަސް ގޯލު ޖެހި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2012 ވަނަ އަހަރު ބާސެލޯނާ އަށް ކުޅެމުން މެސީ ވަނީ ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސަން ކޮޅަށް ފަސް ގޯލު ޖަހައިފަ އެވެ. އެ މެޗުން ބާސެލޯނާ މޮޅުވީ 7-1 އިންނެވެ.
މެސީ، 34، ގައުމީ ޓީމުގައި އަށް ވަނަ ހެޓްރިކް މިރޭ ހެދިއިރު، މިއީ ފަހަކަށް އައިސް އޭނާ ގައުމީ ޖޯޒީގައި އެންމެ ތަފާތު ކުޅުމެއް ދައްކަމުން އަންނަ ދުވަސްވަރެވެ. މިދިޔަ ހަފްތާގައި މެސީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، އިޓަލީ ބަލިކޮށް އާޖެންޓީނާ އަށް "ފައިނަލިސިމާ" ޓްރޮފީ ހޯދައިދޭން މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މިދިޔަ އަހަރު އާޖެންޓީނާ އިން 28 އަހަރަށް ފަހު ކޮޕަ އެމެރިކާ ތަށި އުފުލާލިއިރު މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މެސީ އެވެ. މި ފަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަކީ މެސީ ގައުމީ ޓީމަށް ކުޅެދޭ ފަހު މުބާރާތަށް ވުމުގެ ފުރުސަތު ބޮޑެވެ.
މިރޭގެ މެޗުގައި އެސްޓޯނިއާ ކޮޅަށް މެސީ ފުރަތަމަ ގޯލު ޖެހީ މެޗުގެ އަށް ވަނަ މިނިޓްގައި ޕެނަލްޓީ އަކުންނެވެ. މެޗުގެ ފުރަތަމަ 47 މިނިޓް ތެރޭ ހެޓްރިކް ފުރިހަމަކުރިއިރު، އޭގެ ފަހުން އިތުރު ދެ ގޯލު ޖެހި އެވެ. މި މެޗުގެ ގޯލުތަކާ އެކު މެސީ ވަނީ ގައުމީ ޓީމަށް 162 މެޗުން 84 ގޯލު ޖަހައިފަ އެވެ.












