ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އާއްމު މުވައްޒަފުން (ފުލުހުން ނޫން ފަރާތްތައް) އަމަލުކުރަން ޖެހޭ އަދި އެ މުވައްޒަފުންނާއި މެދު ފުލުހުންގެ އިދާރާއިން އަމަލުކުރަން ޖެހޭނެ ގޮތުގެ ވަރަށް ތަފްސީލު ގަވައިދެއް މިއަދު ގެޒެޓްކޮށްފި އެވެ.
ދިވެހި ފުލުުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލާ މިއަދު ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރާ އާއްމު މުވައްޒަފުން އަމަލުކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއް ހުރި އިރު، އެ މުވައްޒަފުންނަށް ވެސް ގިނަ އިނާޔަތްތަކެއް ލިބެ އެވެ. ފުލުހުންގެ އާއްމު މުވައްޒަފުން މަސައްކަތުގެ ވަގުތުގައި އަދި އާއްމު ދިރިއުޅުމުގައި ވެސް ހިފަހައްޓަން ޖެހޭ ގިނަ އުސޫލުތަކެއް އެ ގަވާއިދުގައި އެބަހުއްޓެވެ.
ގަވައިދުގައި ހިމެނޭ ބައެއް މުހިއްމު ބައިތައް
- މުވައްޒަފުންނަށް ލިބޭ އިމްތިޔާޒްތަކާއި ހައްގުތައް
- އަމަލުކުރަން ޖެހޭ އާންމު އުސޫލީ މިންގަނޑުތައް
- ސިއްހީ މިންގަނޑުތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް
- މަސައްކަތުގެ ވެށީގެ ސާފުތާހިރުކަން ބެލެހެއްޓުން
- ހިދުމަތްކުރަން ޖެހޭ މުއްދަތަށް ހިދުމަތް ނުކުރުމުން ދައުވާ އުފުލުން
މިއަދު ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން، ފުލުހުންގެ ހިދުމަތުގެ އާއްމު މުވައްޒަފުންގެ ގޮތުގައި މަސައްްކަތްކުރާ މުވައްޒަފުންނަށް ވެސް، ގާނޫނުގައި ފުލުހުންނަށް މަނާކޮށްފައިވާ ބައެއް ކަންތައްތަކަކީ މަނާ ކަންތައްތަކެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި ސިޔާސީ ހަރަކާތްތަކަށް އެހީތެރިވުން އޭގެ ތެރޭގައި ހިމެނެ އެވެ. ފުލުހުންގެ އިދާރާގެ ހުއްދަ ލިއުމުން ނުހޯދައި، އާމްދަނީއެއް ހޯދަން އިތުރު މަސައްކަތެއް ކުރުމަކީ ވެސް އެ މުވައްޒަފުންނަށް މަނާ ކަމެކެވެ.
އާއްމު މުވައްޒަފުން އަމަލުކުރަން އެ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލީ މިންގަނޑުތަކުގެ ތެރޭގައި ހިދުމަތް ހޯދަން އަންނަ މީހުންނަށް އޯގާތެރިވުމާއި ކޮރަޕްޝަނުން ދުރުހެލިވުމާއި ސިއްރު ހިފެހެއްޓުން ހިމެނެ އެވެ.












