ރާއްޖޭގައި ޕްރޮފެޝަނަލްކޮށް ހިންގާ ހަމައެކަނި ބެޑްމިންޓަން ކްލަބް، ރިވައިވަލް ސްޕޯޓްސް ކްލަބުން މެލޭޝިއާގައި ޓްރެއިނިން ޓުއާ އެއް ކުރިއަށް ގެންދިއުމަށް މިއަދު ފުރައިފި އެވެ.
ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިން ކޭމްޕްގައި ބައިވެރިވަނީ ރިވައިވަލްގެ ހައި ޕާފޯމަންސް ޓީމުގެ ހަތަރު ކުޅުންތެރިން ކަމަށްވާ، ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އަހުމަދު ތޯއިފް، ޒަޔާން ޒަކީގެ އިތުރުން ގައުމީ ޓީމަށް މީގެ ކުރިން ކުޅެފައިވާ ރިޝްވާން ޝިޔާމްގެ އަދި އަރަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ، ހައިޝަމް އިބްރާހިމް އެވެ.
ރިވައިވަލްގެ ކޯޗު ނަޝްފާން މުހައްމަދު ވެސް މި ޓްރެއިނިން ޓުއާގައި ޓީމާ އެކު ބައިވެރިވާނެ އެވެ.
ޓްރެއިނިން ޓުއާއާ ބެހޭގޮތުން "އަދަދު" އަށް މައުލޫމާތު ދެމުން ނަޝްފާން ބުނީ ހަގީގަތުގައި މި ޓުއާގެ ބޭނުމަކީ ރިވައިވަލްގައި ތިބި ކުޅުންތެރިން ކުރިއަށް ހުރި، ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުކުރުމުގެ ގޮތުން، ވަރުގަދަ ކޮމްޕެޓިޓިވް މެޗުތަކަށް ހޭނިފައި ބެހެއްޓުން ކަމަށެވެ.
"ހަގީގަތުގައި މިއީ އައިއޯއައިޖީ ޕްރެޕަރޭޝަންގެ ސައިކަލްގެ ތެރެއިން ދާ ކަމެއް. މިހާރު، މާލޭގައި އަޅުގަނޑުމެންގެ ޓީމު އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ކުޅެފައި މި ދަނީ އިންޓަނޭޝަނަލް މުބާރާތަކަށް، ދާތަނުން މި ފެންނަނީ ތަފާތު ލެވަލެއްގެ ކުޅުމެއް، އެހެންވެ، ކޮމްޕެޓިޝަންގައި ބޭނުންވާ ލެވަލަށް ރީޗްވާން ޓައިމް އެބަނަގާ، އެކަމަކު، މި ކަހަލަ ޓްރެއިނިން ޓުއާއެއްގެ ތެރެއިން ޓޮޕް ލެވަލްގެ ގިނަ މެޗުތަކެއް ކުޅޭނެ، އެއީ މުބާރާތްތަކުގެ ރަނގަޅު ލެވަލްގެ މެޗުތަކަށް ހޭނެން ލިބޭނެ ފަސޭހައެއް،" ނަޝްފާން ބުންޏެވެ.
މެލޭޝިއާގެ ވަރުގަދަ ވިޝަން ބެޑްމިންޓަން އެކެޑަމީގެ ކުޅުންތެރިންނާ ދެކޮޅަށް މެޗުތަކެއް ކުޅުމުގެ އިތުރުން ވެސް މެލޭޝިއާގެ ރަނގަޅު ބެޑްމިންޓަން ކްލަބް/އެކެޑަމީތަކާ މެޗު ކުޅޭ ގޮތަށް މި ޓްރެއިނިން ޓުއާ ރޭވިފައިވާ ކަމަށް ނަޝްފާން ވަނީ ބުނެފަ އެވެ.
"ރާއްޖޭގައި ވެސް އިންޓަނޭޝަނަލް މުބާރާތެއް އޮތް ކަމަށް މައުލޫމާތު ލިބެނީ، ދެން، މި އަހަރު އެބައޮތް ޕާކިސްތާން މުބާރާތް ވެސް، މި މުބާރާތްތަކަށް މި ޓްރެއިނިން ކޭމްޕްގެ ސަބަބުން ފައިދާތަކެއް ކުރާނެ،" ކުރިން ގައުމީ ލެވަލްގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ނަޝްފާން ބުންޏެވެ.
މި ވަގުުތުގެ ހާލަތަށް ބަލާފައި، ރިވައިވަލް އިން ޓްރެއިނިން ޓުއާ އަކަށް ދިއުމަށް އެންމެ ރަނގަޅީ މެލޭޝިއާ އެވެ. އެކަމަކު، ކުރިއަށް އޮތްތަނުގައި އިންޑިއާ އަށް ޓްރެއިނިން ކޭމްޕެއް ދިއުމަކީ އެ ޓީމު ގެންގުޅޭ ވިސްނުމެކެވެ.
ބެޑްމިންޓަނުން މަތީ ފެންވަރުގެ ކުޅުންތެރިން އުފައްދައި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އަށް ރަން ވަނަތަކެއް ހޯދައިދިނުމުގެ ބޭނުމުގައި 2019 ވަނަ އަހަރު ވުޖޫދުވި ރިވައިވަލް އިން އަންނަނީ އަހަރެއްގެ މައްޗަށް ބަލާއިރު، އެކަށީގެންވާ މިންވަރަކަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވަމުންނެވެ. މިހާތަނަށް ވަނީ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.












