މާފުށީ ކައުންސިލް ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަން ޗެމްޕިއަންކަން ބިއާންކޯ ރޫބީސް ހޯދިއިރު، ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޓްރައިކާސް އެފްސީން ހޯދައިފި އެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުގައި ބިއާންކޯ ރޫބީސް ވަނީ 2-1 އިން ސްޓްރައިކާސް އެފްސީ ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ، ބިއާންކޯ ރޫބީސްގެ ފާތިމަތު ގުރޭޝާ އެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ބިއާންކޯގެ މައްޗަށް ސްޓްރައިކާސް ކުރިހޯދީ 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސްޓްރައިކާސްގެ އިސްމާއިލް ނަޒީީހު އެވެ. ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނުންނަށް 40،000ރ ގެ ފައިސާގެ އިނާމެއް ދިންއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަނަށް ވަނީ 25،000ރ ގެ ފައިސާގެ އިނާމެއް ދީފަ އެވެ.

ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ސްޓްރައިކާސް ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ސިމާދު
ފިރިހެން ޑިވިޝަނުގެ ރަނަރަޕަށް 20،000ރ ދިންއިރު، އަންހެން ޑިވިޝަނުގެ ރަަނަރަޕަށް ވަނީ 10،000ރ ދީފަ އެވެ. ދެ ޑިވިޝަނުގެ ފެއާޕްލޭ ޓީމު ހޮވައި ކޮންމެ ޓީމަކަށް ދިނީ، 3000ރ އެވެ. އަންހެން ފެއާޕްލޭ ޓީމަކީ ބިއާންކޯ ރޫބީސް އެވެ. ފިރިހެން ފެއާޕްލޭ ޓީމަކީ ވަން އެންޑް އޮންލީ ދަގަނޑު އެވެ.
ފިރިހެން ޑިވިޝަނުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ "ކިންގް" އަކީ ބިއާންކޯގެ އިސްމާއިލް މަފާޒް އެވެ. އެންމެ މޮޅު ފަސް ކުުޅުންތެރިންނަކީ ސްޓްރައިކާސްގެ އިސްމާއިލް ޝިހާްމް، ނަޒީހު، ބިއާންކޯގެ މަފާޒް އާއި ޔޫސުފް މުހައްމަދު އުމެއިރުގެ އިތުރުން ބިރާގަން ސްޕޯޓްސް ކްލަބްގެ އިސްމާއިލް ޒަރީރު އެވެ. އެންމެ މޮޅު ކޯޗަކީ ސްޓްރައިކާސްގެ މުހައްމަދު ޝާހީން އެވެ.
އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ސްޓްރައިކާސްގެ ޝާލިޔާ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބިއާންކޯ ރޫބީސްގެ ހަސަން ސުނީން އެވެ. މި ޑިވިޝަނުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ބިއާންކޯ ރޫބީސްގެ ގުރޭޝާ، އައިމިނަތު އަޒީމާ، ޝަރުވާ މުހައްމަދު، ސްޓްރައިކާސްގެ ޝާލިޔާ އަދި ސައިރަންސްގެ ޝިޔާނާ އަހުމަދު ޒުހެއިރު (ތާތި) އެވެ.

ފައިނަލް މެޗުގެ ކުރިން އެމްޓީސީސީގެ ސީއީއޯ އާޒިމް (ކ) ބޯޅައިގައި ސޮއިކުރައްވައި، މާފުށީ ކައުންސިލްގެ ރައީސް ސޮލާހުއާ ހަވާލުކުރަނީ.-- ފޮޓޯ: ސިމާދު
މި މުބާރާތުގެ ކޮންމެ މެޗެއްގެ މޭން އޮފް ދި މެޗު ޓްރޮފީ އާއި ފައިސާގެ އިނާމާ އެކު، މުޅި މުބާރާތުގެ ޖުމްލަ ފައިސާގެ އިނާމުގެ އަދަދު، 105،000ރ ހަރަދުވެފައިވާ ކަމަށް މާފުށީ ކައުންސިލުން މައުލޫމާތު ދެ އެވެ.
މިދިޔަ މަހުގެ 17 އިން ފެށިގެން މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް މާފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި ފިރިހެން ޑިވިޝަނުގައި 22 ޓީމު ވާދަކުރިއިރު، އަންހެން ޑިވިޝަނުގައި ހަ ޓީމެއް ކުޅުނެވެ. ޖުމްލަ 49 މެޗު ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި، އެ ރަށު އެކި މުއައްސަސާތަކުގެ އިސްވެރިން ވަނީ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.










