ދުވަހަކު ސިޔާސީ ޕާޓިއެއްގައި ރެޖިސްޓްރީ ނުވާ ސިޔާސީ ކަންކަމަށް މާ ބޮޑު ޝައުގެއް ވެސް ނުހުންނަ, އެ ޒުވާނާ ސިޔާސީ ޕާޓީއެއްގައި ރެޖިސްޓްރީ ވެފައިވޭތޯ ބަލާލަން 1414 އަށް އޭނާ މެސެޖު ފޮނުވާލީ ރައްޓެހިންނާއެކު ކުރެވުނު ސަމާސާއެއްގެ ތެރެއިންނެވެ. ސަމާސާއެއް ކަމަކު އޭނާއަށް ގެނުވީ ހައިރާންކަމެވެ. މެސެޖްގައި އޮތީ އޭނާއަކީ ޕާޓީއެއްގެ މެންބަރެއް ކަމަށެވެ.
މިފަދަ އެތައް މައްސަލައެކެވެ؛ ޕާޓީއަކަށް ސޮއި ނުކުރާ މީހުން ވެސް "ނޭނގި" ޕާޓީތަކަށް ވައްދަނީ އެވެ. އެނގުމެއް ނެތި، ސޮއިކުރި ޕާޓީ ނޫން އެހެން ޕާޓީތަކަށް ބަދަލު ވަނީ އެވެ. ހިތް އެދޭ ޕާޓީ ނޫން އެހެން ޕާޓީތަކަށެވެ. މިފަދަ އެތައް ޝަކުވާއެއް ކޮންމެ ދުވަހަކު ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅެ އެވެ.
"[ވަގަށް ޕާޓީތަކަށް ވައްދާ މައްސަލަތަައް] ވަރަށް ގިނަ ހަމަ، މިހާރު ދުވާލެއްގެ މައްޗަށް ލިބޭ ފަސް ޝަކުވާ ހަ ޝަކުވާ، އެއީ ހަފްތާއެއްގެ ތެރޭގައި 30 އެއްހާ ޝަކުވާ ލިބެމުން ދަނީ، އެއީ ކުރިއާ ބަލާފައި ވަރަށް ބޮޑު އަދަދެއް. މިހެން ގޮސް އެންމެ ފަހުން މަޖިލިސް މެންބަރެއް ވެސް އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮއްވާ މި ފެނުނީ،" އިލެކްޝަން ކޮމިޝަން, އީސީގެ ރައީސް ފުއާދު ތައުފީގު މި ނޫހަށް ވިދާޅުވި އެވެ.
ވަގުތީ ހައްލަކަށް ޕާޓީތައް ޖޫރިމަނާ ކުރުން، މި ވަރުން ފުދޭނެ؟
މިއީ އިއްޔެއަކު މިއަދަކު ފެށުނު މައްސަލައެއް ނޫނެވެ. ޕާޓީތަކަށް ވަގު ފޯމު ހުށަހަޅާ މައްސަލައަކީ މިހާތަނަށް ވެސް އީސީއަށް ހައްލު ނުކުރެވި އޮތް ބޮޑު މައްސަލަ އެކެވެ. އަލަށް ޕާޓީތައް އުފައްދާއިރު، ވަގު ފޯމު ހުށަހެޅުން އިތުރުވާ ވާހަކައަކީ އީސީން ތަފާތު އެކި ފަހަރު މަތީން ދައްކާފައިވާ ވާހަކައެކެވެ.
މިކަން ހައްލު ކުރުމުގެ ގޮތުން އީސީން މީގެ ކުރިން ބައެއް ފިޔަވަޅުތައް ވެސް އަޅާފައި ވެއެވެ. އެގޮތުން ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން ފޯމުގައި ޖަހާފައި އިންނަ ނަންބަރަށް ގުޅައި، ޕާޓީއަށް ވަންނަން ފޯމު ފުރިންތޯ ސުވާލު ވެސް ކުރި އެވެ. އެހެންނަމަވެސް, ކޮންމެ ފޯމެއްގައި ޕާޓީއަށް ވަންނަން އެދޭ މީހާއަށާއި ދެ ހެކިވެރިންނަށް ވަކިވަކިން ގުޅައިގެން ޔަގީންކުރުންވީ އީސީއަށް ބޮޑު ބުރައަކަށް ކަމަށް ފުއާދު ވިދާޅުވި އެވެ.
އޭގެ ފަހުން ޝަކުވާތައް އިތުރުވުމާ ގުޅިގެން އީސީން މިފަހުން ވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރުކުރަން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މީހުންގެ މައުލޫމާތު ވެސް އާންމު ކުރަން ފަށާފަ އެވެ.
"މިހާރު މި ގެންދަނީ ކޮންމެ ޕާޓީއަކުން ވެސް ފޮނުއްވާ ފޯމުތަކުގައިވާ ނަންތައް އައިޑީކާޑުގެ އެންމެ ފަހު ތިން ޑިޖިޓާ އެއްކޮށް އަޅުގަނޑުމެންގެ ވެބްސައިޓަށް ވެސް ލަމުން، އެ ބޭފުޅުން އެއްވެސް ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން،" ފުއާދު ވިދާޅުވި އެވެ.
އެހެންނަމަވެސް އީސީއަށް "ގޮތް ހުސްވެ" މަޖުބޫރުވީ ވަގު ފޯމު ހުށަހަޅާނަމަ، ކޮންމެ ފޯމަކަށް ޕާޓީ ޖޫރިމަނާ ކުރާށެވެ؛ ފުރަތަމަ ފަހަރު 5،000ރ. އިންނެވެ. އަދި އޭގެ ފަހުން ކޮންމެ ފަހަރަކު 10،000ރ.އިންނެވެ.
ޖޫރިމަނާ ކުރަން ފެށުމުން ޕާޓީތަކަށް މީހުން ވެއްދުމުގައި ރަނގަޅު ބަދަލެއް ފެނިގެންދާނެ ކަމަށް ފުއާދު ގަބޫލުކުރައްވަ އެވެ.
"[މިހާތަނަށް އެޅި އެއްވެސް ފިޔަވަޅަކުން] މިކަމުގެ ރަނގަޅު ބަދަލެއް ނުއެއް ފެނޭ އަދިވެސް، އެހެންވީމާ އަޅުގަނޑުމެން ހަރުކަށި ވާން މި ޖެހެނީ، މިކަން އެބަ ދިމާވޭ ހުރިހާ ޕާޓީއަކުން ވެސް، އެއް ބައި ޕާޓީތަކުން ވަރަށް ގިނަ އަދަދަކުން އަދި އަނެއް ބައި ޕާޓީތަކުން ތަންކޮޅެއް މަދު އަދަދަކުން، ޖޫރިމަނާ ކުރަން ފަށާ ހިސާބުން ބަދަލު އަންނާނެ ކަމަށް ބެލެވެނީ،" ފުއާދު ވިދާޅުވި އެވެ.
އެހެންނަމަވެސް، ގިނަ ބައެއްގެ ހިތްތަކުގައި އުފެދޭ ސުވާލަކީ ދެން ވެސް މި މައްސަލަ ހައްލުވެދާނެތޯ އެވެ. މިހާތަނަށް ވެސް ރާއްޖޭގައި ޖޫރިމަނާކޮށްގެން އެއްވެސް ކަމެއް ހުއްޓިފައިނުވާއިރު، އީސީގެ ބޮޑު ޖޫރިމަނާއިން ވަގު ފޯމު ހުށަހެޅުން ހުއްޓިދާނެތޯ އުފެދެނީ ސުވާލެވެ.
ކުޑަ މައްސަލައެއް ނޫން؛ ސީރިއަސް މައްސަލައެއް
ހަގީގަތުގައި ކުރިމަތިވެގެން އުޅޭ މައްސަލައަކީ ހަމައެކަނި "ވަގަށް ޕާޓީ ބަދަލުވާ" މައްސަލަ އެކަންޏެއް ނޫނެވެ. މައްސަލަ ގުޅެނީ ޕާޓީއަކާ ގުޅެން އެދިފައި ނުވާ އެތައް ސަތޭކަ ރައްޔިތުންނަކާ އެވެ. އެ މީހުންގެ އައިޑީކާޑާއި ޒާތީ މައުލޫމާތު "ވަގު ފޯމު" ފުރި ބަޔަކަށް ލިބުނު ގޮތެވެ.
"ދުވަހަކު ވެސް ޕާޓީއަކަށް ވަންނަން ފޯމެއް ލީ މީހެއް ނޫން އަޅުގަނޑަކީ، ސިޔާސީ ކަމެއްގައި ނުވެސް އުޅެން، ދެން ކިހިނެއް އަޅުގަނޑުގެ ނަން ދަފްތަރުގައި އޮންނަންވީ؟ އައިޑީކާޑު އަދި ޒާތީ މައުލޫމާތު ވެސް ލިބެންވީ ގޮތެއް އޮންނާނެއް ނޫންތޯ؟," ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، މީހަކު ކުރި ކޮމެންޓެއްގައި ލިޔެފައިވެ އެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އައިޑީކާޑުގެ މައުލޫމާތު ނަގަނީ ބައެއް ސަރުކާރުގެ އިދާރާތަކުންނާއި އެހެނިހެން ގޮތްގޮތުން ތަންތަނަށް ހުށަހެޅުމުންނެވެ. ވަޒީފާއަށް އެދޭ އެދުމުގައްޔާއި އެހެނިހެން ކަންކަމުގައި އައިޑީކާޑުގެ ކޮޕީ ހުށަހެޅުމުން ވަކި ބަޔަކު އޭގެ ނާޖާއިޒު ފައިދާ ނަގަނީ އެވެ. މިކަން ހިންގަން ވީ އިތުރު ގޮތެއް އެ މީހުންނަކަށް ވެސް ނުވިސްނެ އެވެ.
ނެޝަނަލް ރެޖިސްޓްރޭޝަންގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި އައިޑީކާޑަށް ދޭން ޖެހޭ މުހިންމު ކަމެއް ނުދެ އެވެ. އަދި ކޮންމެ އިދާރާއަކަށް "އައިޑީކާޑުގެ ދެ ފުށުގެ ކޮޕީ" ހުށަހެޅުން އާންމުވެފައި އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.
"އާންމު ރައްޔިތުންނަކަށް ނޭނގޭ ތިމާގެ އައިޑީކާޑުގެ ދެ ފުށުގެ ކޮޕީ އެހެން މީހުންނަށް ނުދެވޭނެ ކަމެއް، އައިޑީކާޑުގަ އިންނާނެ ތިމާގެ ސިއްރު ސީރިއަލް ކޯޑު، އެއީ އެހެން ފަރާތަކަށް ދެވޭނެ އެއްޗެއް ނޫން، ދައުލަތުގެ މިލްކިއްޔާތެއް އެއީ،" އޭނާ ވިދާޅުވި އެވެ.
ޕާޓީތަކަށް ބޮޑު ތަކުލީފެއް، މައްސަލަ ހައްލުވާނެތަ؟
މައްސަލައިގެ ފުންމިނަށް ބަލާއިރު، ގިނަ ބަޔަކު ފާހަގަކުރާ ފޯމުގައި ވަގު ސޮއި ކުރަނީ ޕާޓީއަށް ވަންނަން އެދި، ޕާޓީގެ އެކި މެންބަރުން ހުށަހަޅާ "ފޯމު ސެޓު" ތަކުންނެވެ. ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ޕާޓީއެއްގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި, މިފަދަ ފޯމު ސެޓުތައް ހިފައިގެން އަންނަ ކޮންމެ މީހަކު ވެސް އަންނަނީ އެދުމެއް އޮވެގެންނެވެ؛ ޕާޓީގެ އިސްމަގާމެއްގެ ބޭނުމުގަ އެވެ. ނުވަތަ ފައިސާގެ އެހީއަކަށް އެދި އެވެ. ނުވަތަ އެ ނޫން ވެސް އެފަދަ ސަބަބެކެވެ.
މިކަން މިހެން އޮތުމުގެ ސަބަބުން، "ގިނަ ފޯމު ގެންނަ މީހާއަށް މޮޅު ގޮތް" ވާނެތީ، ވަގު ފޯމު ވެސް ހުށަހަޅަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީތަކަށް ފޯމުތައް ގެންނައިރު، އޭގައި އަމިއްލަ ފައިދާއެއް ލާފަ މިކަހަލަ ކަމެއް މިކޮށްލަނީ، ހަގީގަތުގައި މިކަމުގައި ޕާޓީތަކަށް ވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނޯވޭ، ވެރިފައި ކުރެވޭނެ ގޮތެއް ނޯވޭ، މިހެން އޮންނައިރު ޕާޓީތަކުން ޖޫރިމަނާ ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ހަމަ ސުވާލު އުފެދޭ," އޭނާ ވިދާޅުވި އެވެ.
މިފަހުން އެންމެ ގިނައިން "ވަގު ފޯމު" ހުށަހެޅި ކަމަށް ތުހުމަތުކުރި އެއް ޕާޓީއަކީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ) އެވެ. ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެންބަރަކު އެމްއެންޕީގެ ދަފްތަރުގައި އޮތް މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
"އެންމެ ފަހުން ޕާޓީއަކަށް އަޅުގަނޑުމެންގެ ޕާޓީ މި އުފެއްދީ، ދެން އަޅުގަނޑުމެންގެ ތެރެއަށް ހެޔޮ އެދޭ ފަރާތްތަކުން މި ގެންނަނީ ފޯމުތައް ފުރައިގެން، އަޅުގަނޑުމެންނެއް ނޫން ރަށްރަށުގައި ވެސް ފޯމު ފުރައިގެން މި ގެންނަނީ،" އެ ޕާޓީގެ ދަފްތަރަށް ވަގު ފޯމު ހުށަހަޅާ މައްސަލައިގައި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މި ނޫހަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަސްތުގައި ނޯންނާނެ އެންމެ ފޯމެއް ވެސް ވަގު ސޮއެއް ކޮށްގެން އީސީއަށް ލާފައެއް،"
ނާޒިމް ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް އީސީއާ ގުޅިގެން އެ ޕާޓީން ވެސް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އީސީން ޖޫރިމަނާ ކުރަން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް އެ ބޭފުޅާ ގަބޫލެއް ނުކުރައްވަ އެވެ.

އެމްއެންޕީގެ ރައީސް ނާޒިމް: ޖޫރިމަނާއިން ހައްލު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ--
"މިހާރު އަޅުއްވާފައި އޮތް ފިޔަވަޅަކީ އެންމެ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ، ޕާޓީތަކާ ވެސް މަޝްވަރާއެއް ކުރުމެއް ނެތި، މިހާ ބޮޑު ޖޫރިމަނާއެއް [ދައްކަން ޖެހޭ ގޮތަށް މި ހެދީ]، ޖޫރިމަނާ ކޮށްގެން ހައްލުވާނެ ކަމަށް ހަމަ ގަބޫލުނުކުރެވޭ،" ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު އިދިކޮޅު އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތް ޕްރޮގްރެސިވް ޕާޓީގެ ކޯލިޝަނުން ވެސް ވަނީ އީސީގެ ނިންމުން ބަލައި ނުގަންނަން ނިންމާފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި އެ ޕާޓީގެ މެންބަރުން "ވަގަށް ނެގި މައްސަލަ ނުބަލައި" ބޮޑު ޖޫރިމަނާއެއް ކުރަން ނިންމި ނިންމުން ބަލައެއް ނުގަނެވެ އެވެ.
"އަޅުގަނޑުމެންގެ 5000 އަށް ވުރެ ގިނަ މެންބަރުން ވަގަށް ނަގައިގެން އެހެން ޕާޓީތަކަށް ގެންދިޔަ މައްސަލަ އީސީން ނުބަލާ، އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ، އެ ކަން ނުބެލި ޖޫރިމަނާ ކުރަން ފެށީމާ ހަމަ ސިފަ ވަނީ ވަކި ބަޔަކަށް މޮޅު ގޮތް ހޯދައިދޭން އީސީން ކުރާ މަސައްކަތެއްގެ ގޮތުގައި،" ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.
ކޮންމެ ފޯމެއް އީސީއަށް ވެރިފައި ނުކުރެވެންވީ ސަބަބަކާ ގުޅޭ ގޮތުން ވެސް ޝުޖާއު ވަނީ ސުވާލު އުފައްދާފަ އެވެ.
"އަޅުގަނޑުމެންގެ ޕާޓީ، ޕީއެންސީ އުފައްދަން މަސައްކަތް ކުރިއިރު ދަރުބާރުގޭ ދޮށުގައި ތިބެ، ވަކި ވަކީން، ވަކި ވަކީން ކޮންމެ މީހެއް ގެންގޮސްގެން ފޯމުގެ ފިންގާ ޕްރިންޓާ އެ ހުރިހާ ކަމެއް ދިމާވޭތޯ ބެލީ، އަޅުގަނޑުމެން ތިން ހާސް މެންބަރުން ހަމަ ކޮށްފައިވާނީ އެގޮތަށް، ސައްހަކަން އީސީއަށް އޭރު އެގޮތަށް ކުރެވެން ވަންޏާ މިހާރު ނުކުރެވެންވީ ކީއްވެތޯ," ޝުޖާއު ވިދާޅުވި އެވެ.
"ޖޫރިމަނާ ކުރަން ނިންމުމުން ހާމަވަނީ އީސީގެ ދޯހަޅިކަން، ތަފާތު ކުރުންތައް އިންތިހާއަށް ގެންގުޅޭކަން،"

ޕީޕީއެމްގެ މެންބަރުންތަކެއް؛ ޖޫރިމަނާ ކުރުމާ ޕާޓީން ވަނީ ފާޅުގައި ދެކޮޅު ހަދާފައި
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އީސީގެ ނިންމުމާ މެދު ކަންބޮޑުވުންތައް ހުރިކަން ހާމަކޮށްފަ އެވެ. އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު މި ނޫހަށް ވިދާޅުވީ މައްސަލަ ހައްލުކުރެވޭނެ ގޮތްތައް މަގުފަހި ކޮށްދިނުމެއް ނެތި، ބޮޑު ފިޔަވަޅެއް އަޅަން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ހައްލު ހޯދަން އުޅޭއިރު އެންމެ ފުރަތަމަ ވެސް މި ނަގަނީ ދަނޑިބުރި، އޭގެ ބަދަލުގައި ރާއްޖޭގައި މިކަންކަން ކުރެވޭނެ، ހައްލު ކުރެވޭނެ ކަންކަން ފަހިކޮށްދޭން ޖެހޭ، އެބަ ޖެހޭ އެ ކަންކަން ކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމް ކުރަން،" އަލީ ސޯލިހު ވިދާޅުވި އެވެ.
ވަގު ފޯމު ހުށަހެޅުމުގެ މައްސަލައަކީ ހައްލު ކުރަން ޖެހިފައި އޮތް މައްސަލައެއް ގަބޫލުކުރައްވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިިޔާޒް ވިދާޅުވި އެވެ. އެހެންނަމަވެސް އީސީގެ ނިންމުމާ މެދު އެއްޗެއް ވިދާޅުވާން އެ ބޭފުޅާ އަދި ބޭނުން ނުވެ އެވެ.
ޑިޖިޓަލައިޒް ކުރުމުން ހައްލު ކުރެވިދާނެ
އިލެކްޝަންސް ކޮމިޝަނުން ވެސް ފާހަގަކުރާ ގޮތުގައި ވަގު ފޯމު ހުށަހެޅުން ހުއްޓުވަން ދިމާވެފައި އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ބެލޭނެ ނިޒާމެއް ގާއިމް ވެފައި ނެތުމެވެ. ފޯމުގައިވާ ސޮއި އަދި އިނގިލީގެ ނިޝާނުގެ ސައްހަކަން ބެލޭނެ ގޮތެއް އީސީގައި ވެސް އަދި ޕާޓީތަކުގައި ވެސް ނެތެވެ.
"މިހާރު ވާ ގޮތަކީ އެއްވެސް ފަރާތެއްގައި އެއީ އަދި ފުލުހުންގެ ވިޔަސް ނެޝަނަލް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ކަމަށް ވިޔަސް ނެތް މީހުންގެ އިނގިލީގެ ނިޝާން ޗެކް ކުރެވޭނެ ނިޒާމެއް، އެހެންވީމާ ވަގު ސޮއިކޮށްގެން ވަގު ފޯމު ހުށަހެޅުން ހުއްޓުވެން މިވަގުތަކަށް ނެތް ހަމަ،" ފުއާދު ވިދާޅުވި އެވެ.
ޕާޓީތަކުން ވެސް ގަބޫލުކުރާ ގޮތުގައި ވަގު ފޯމުގެ މައްސަލަ މުޅިން ހައްލު ކުރެވެން އޮތީ އީސީގެ ކެޕޭސިޓީ އިތުރުކޮށްގެންނެވެ. އަދި ޕާޓީތަކާއެކު ގުޅިގެން އެ ކަމަށް މަސައްކަތް ކޮށްގެންނެވެ.
"އަޅުގަނޑުމެން ހުށަހަޅާ ފޯމުގައި ޖަހާފައި މި އިންނަ ފިންގަޕްރިންޓަކީ ޑާޓާބޭސްއަކުން ވެރިފައިކުރެވޭ އެއްޗެއްގެ ގޮތުގައި އޮތުމުން މި މައްސަލަ މި ހައްލުވީ، ދެން ޖޫރިމަނާކޮށްގެން މިކަން ހައްލު ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ނާޒިމް ވިދާޅުވިއެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި މި މައްސަލަ ހައްލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ އީސީން އަދިވެސް ގެންގުޅެމުން އަންނަ "މުސްކުޅި" ގޮތްގަނޑެވެ. ޕާޓީތަކަށް މީހުން ވަނުމާއި ކެނޑުމުގެ ކަންކަން ޒާމާނާ ގުޅޭ ގޮތަށް ބައްޓަން ކޮށްފިނަމަ, މިކަން ހައްލު ވެގެން ދާނެ ކަމަށް އޭނާ ގަބޫލުކުރެއްވި އެވެ.
"މިސާލަކަށް ބުނަންޏާ ބޭންކު އެޕްލިކޭޝަންތަކާ އެއްޗެހި މި ހުންނަ ގޮތަށް އީސީގެ ކަންކަން ވެސް އެބަ ޖެހޭ ޑިޖިޓަލައިޒް ވާން، އެ މީހެއްގެ ކަންކަން އެ މީހަކަށް ކުރެވޭ ގޮތަށް އޯޓީޕީއެއް ބޭނުންކޮށްގެން، ވަގުތުން ފޯނަށް މެސެޖުދާ ގޮތަށް ސޮފްޓްވެއާ އަކުން މިކަން ކުރެވިދާނެ، އަދި އެއްވެސް ބަދަލެއް ގެނެސްފި ހާލަތެއްގައި ވެސް ފޯނަށް ވަގުތުން މެސެޖު ދާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް މިފަދަ ވިސްނުންތަކެއް ނުގެންގުޅޭ ކަމަށް އީސީން ވިދާޅުވި އެވެ. އީސީގެ ވިސްނުން ހުރީ ޑިޖިޓަލް އައިޑީކާޑު ތައާރަފްވުމާއެކު މައްސަލަ އެއްކޮށް ހައްލު ވެގެން ދާނެ ކަމަށެވެ.
"ޑިޖިޓަލް އައިޑީކާޑުގައި އިނގިލީގެ ނިޝާނާއި ބައޯޑާޓާ ހިމަނާނެ، އެހެން ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެ ލިބެނީ ވެރިފައި ކުރުމުގެ ބާރު، ގާތްގަނޑަކަށް މި އަހަރު ނިމޭހާ ހިސާބުގައި، ސަރުކާރުން މިކަން ކުރައްވާނެ ކަމުގެ އިންޑިކޭޝަންތަކެއް އަޅުގަނޑުމެންނަށް ލިބިފައި އެބަވޭ އެހެން ކަމަށް ވެއްޖެއްޔާ އޭގެ ބޭނުން ކޮށްގެން އަޅުގަނޑުމެންނަށް ޗެކް ކުރެވޭނެ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި ޑިޖިޓަލް އައިޑީ ތައާރަފް ކުރެވުމާއެކު ވަގު ފޯމު ހުށަހެޅުން އެއްކޮށް ހުއްޓިގެން ދާނެ ކަމަށް ގަބޫލުކުރައްވަ އެވެ.
ޕާޓީތަކުގެ ގިނަ ކަންބޮޑުވުންތަކެއް އީސީގެ ނިންމުމުގައި ހުރި ނަމަވެސް، އީސީން ގަބޫލުކުރަނީ ޖޫރިމަނާގެ ސަބަބުން ވަގު ފޯމު ހުށަހަޅަން "ޕާޓީތަކުން ޖެހިލުންވާނެ" ކަމަށެވެ. އެހެންނަމަވެސް, މި ކަމުގެ ހަގީގީ މައްސަލައަށް އީސީގެ ނިންމުމުން ހައްލު ލިބޭނެ ހެއްޔެވެ؟ ހައްލެއް ނެތި ދޭ އަދަބަކުން ތަފާތެއް ފެންނާނެ ހެއްޔެވެ؟












