އެއްލާލާފައި ހުއްޓާ ފެނުނު ޑީ ފްރީޒަރެއް ގެއަށް ގެނެސް، އީކޯސިސްޓަމެއް ގޮތަށް ރީތި މަސް ޓޭންކެއް ހެދި ދުވަހުގެ ވާހަކައިން، 48 އަހަރުގެ އިބްރާހިމް ނިޝާރު މި ވާހަކައެއް ފެށީ، ރިސައިކަލް ކުރުމާއި މޮޑިފައި ކޮށްގެން ތަފާތު އެއްޗެހި އެއްޗެހި ހެދުމަށް އޭނާ ގެންގުޅޭ ޝައުގުވެރިކަން ބުނެދިނުމަށެވެ. އޭނާގެ ގޭގައި ހުރި ގިނަ ފަރުނީޗަރަކީ ރިސައިކަލް ސާމާނުން އަމިއްލަ ޑިޒައިންތަކަށް ހަދާފައިވާ ތަކެއްޗެވެ.
އެހެންވީމަ ޗާންސެއް ލިބުމުން މިފަހަރު އޭނާ ތައްޔާރުކުރީ ތިމާވެއްޓާ ރައްޓެހި، ދުޅަހެޔޮކަމަށް ވެސް ހިތްވަރުދޭ 'އީކޯގްރީން' މިކްސަރެކެވެ - ތަފާތަކީ، މި މިކްސަރު ހިނގަނީ ބައިސްކަލުގެ ފިޔަވަޅުންނެވެ. ކަރަންޓު ބޭނުމެއް ނުވެ އެވެ.

ނިޝާރު އުފެއްދި 'އީކޯ ގްރީން' ބައިކް: މި ބައިކް ހާއްސަވަނީ ޖޫހާއި ސްމޫތީ ފަދަ ތަކެތި ހެދުމަށް ކަމަށް ނިޝާރު ބުނޭ އަދަދު ފޮޓޯ/އަބްދުﷲ އިޔާން

"ރައްޓެއްސަކު، ސިއްހަތާ ރައްޓެހި ރިސޯޓެއް ހުޅުވަން ތައްޔާރުވަމުންދާތީ އަހަރެން ކައިރީގައި އެހީ އެދުވަހަށް ރަނގަޅު ހިޔާލެއް އޮތްތޯ. އިންސާނީ ހަކަތައިން ހިނގާ މެޝިނެއް އެމީހުން ބޭނުންވީ. އެހެން ބުނެގެން ވިސްނަނިކޮށް ދަރިފުޅު ދެއްކީ އިންޑިއާގެ މީހަކު ބައިސްކަލުގެ ފަހަތުގައި ބަހައްޓައިގެން އުޅޭ މިކްސަރެއްގެ ވީޑިއޯ އެއް. ދެން ހިތަށްއެރީ އެ ކޮންސެޕްޓް އެއަށްވުރެ ރަނގަޅަށް ހަދާނީ އޭ،" ނިޝާރު ބުންޏެވެ.

ނިޝާރުގެ 9 އަހަރުގެ ދަރިފުޅު ރަޔަން އޭނާގެ މިކްސަރު ބައިކްގައި ޓެސްޓް ދުއްވުމެއް ދައްކާލަނީ އަދަދު ފޮޓީ/ އަބްދުﷲ އިޔާން
އޭނާ ބުނީ އުކާލާފައި ހުންނަ ތަކެތިން ބޭނުންތެރި އެއްޗެހި އުފެއްދުމަކީ އޭނާ އާއި އަންހެނުން ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށެވެ. މިކްސަރު ހަދަން ބޭނުންކޮށްފައި ހުރި ބައިސްކަލު މައިގަނޑަކީ ވެސް އެއްލާފައި ހުއްޓާ ނަގައިގެން ގެނައި އެއްޗެކެވެ.
މިކްސަރު ބޭނުންކުރާ ވަގުތު ކަސްރަތަކަށް ހެދުމުގެ ހިޔާލު
ބައިސްކަލަށް އަރައި ދުއްވާލުމުން 1:12 ރޭޝިއޯގައި މިކްސަރު ތަށީގެ ބުރަފަތި އެނބުރެ އެވެ. މީގެ މާނައަކީ ބައިސްކަލުގެ ފުރޮޅު ހަމަކުރާ ކޮންމެ ބުރަކަށް މިކްސަރު ތަށީގެ އެތެރޭގައި އިންނަ ބުރަފަތި 12 ފަހަރަށް އެނބުރޭނެ އެވެ. އެހެންވީމަ މިކްސަރުގެ މަސައްކަތުގެ ކޮލިޓީ ބަރޯސާވަނީ ބައިސްކަލު ދުއްވާ މީހާ އަށެވެ. ދުޅަހެޔޮ މީހަކަށް މިކްސަރުން ހަވާދު ކަހަލަ އެއްޗެހި ވެސް ފުޑޭނެ އެވެ. އެކަމަކު ކުޑަ ކުއްޖަކަށް ވެސް ޖޫސް އެއްޗެހި ގިރައިލެވޭނެ އެވެ.

'އީކޯ ބައިކް' އުފެއްދުމުގައި ބޭނުންކޮށްފައިވާ ސްކޭޓް ބޯޑެއްގެ ފުރޮޅެއް: ނިޝާރު އަކީ ރިސައިކަލް ކުރުމަށް ހާއްސަކަމެއް ދޭ ތިމާވެއްޓަށް ލޯބިކުރާ މީހެއް އަދަދު ފޮޓޯ/ އަބްދުﷲ އިޔާން
"މީގެ އެންމެ މުހިއްމު ކަމަކީ ލިބޭ ކަސްރަތު. އެ ވަގުތުކޮޅުގައި ވެސް އެ ހޯދެނީ ވަރަށް ފައިދާހުރި ކަސްރަތެއް. ދުޅަހެޔޮ ލައިފްސްޓައިލަކަށް މޯޓިވޭޓްކުރުން އަސްލު ގެންގުޅެފައި އިން ހިޔާލަކީ." ނިޝާރު ބުންޏެވެ.
އޭނާ ބުނީ ބައިސްކަލު ހެދުމުން ވަރަށް ގިނަ މީހުންގެ ޝައުގުވެރިކަން އެއަށް ލިބުނު ކަމަށެވެ.

އަދަދު ފޮޓޯ/ އަބްދުﷲ އިޔާން
މިކްސަރު ބޭނުންކުރާ ވަގުތުކޮޅު ކަސްރަތާއި ގުޅުވާލައި ނިޝާރު މިދިނީ މިކަހަލަ ތަފާތު ކަންކަމަށް ލޯބިކުރާ މީހުންނަށް ބޭނުންހިފިދާނެ ހައްލެކެވެ.






