ލަންޑަން (ޖޫން 1) - ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕްގައި އިޓަލީ ނެތުމުން ހައިރާންވާ ކަމަށް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.
ކޮޕަ އެމެރިކާގެ ޗެމްޕިއަން، އާޖެންޓީނާ އާއި ޔޫރޯގެ ޗެމްޕިއަން، އިޓަލީ ބައްދަލުކުރާ "ފައިނަލިސިމާ" މެޗު މިރޭ އިންގްލެންޑްގެ ރަސްމީ ދަނޑު، ވެމްބްލީ ސްޓޭޑިއަމްގައި ކުރިއަށްދާނެ އެވެ. އެ މެޗުގެ ކުރިން ޓައިކް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މެސީ ވަނީ އިޓަލީ ވޯލްޑް ކަޕްގައި ނެތުމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"އިޓަލީ ޔޫރޯ ކާމިޔާބުކުރި ޓީމު، ވޯލްޑް ކަޕްގައި ނެތުމުން ހައިރާންވޭ. އިޓަލީ އަކީ ވޯލްޑް ކަޕްގައި ވެސް ކާމިޔާބު ނަމެއް. އެ މީހުން ވޯލްޑް ކަޕްގައި ކުޅޭނަމަ ޔަގީނުން ވެސް އެއީ ފޭވަރިޓެއް. މި ހުރިހާ ވިސްނުމަކަށް ބަލާއިރު، އިޓަލީ ވޯލްޑް ކަޕްގައި ނެތުމަކީ ލަދުވެތި ކަމެއް،" މެސީ ބުންޏެވެ.
މެސީ ބުނީ ފައިނަލިސިމާ މެޗަކީ ޕްރެޝަރުގައި ތަށްޓަކަށް ކުޅެންޖެހޭ މެޗަކަށްވާއިރު، ވޯލްޑް ކަޕްގެ ކުރިން މި ފަދަ މެޗެއް ކުޅެލަން ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އާޖެންޓީނާ އިން ވަނީ އެންމެ ފަހުން އިޓަލީއާ ދެކޮޅަށް އިންގްލެންޑްގައި ކުޅުނު މެޗުން މޮޅުވެފަ އެވެ. އިއްތިހާދު ސްޓޭޑިއަމްގައި 2018 ވަނަ އަހަރުގެ މާޗް މަހު ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 2-0 އިންނެވެ. އިޓަލީ އެންމެ ފަހުން އާޖެންޓީނާ އަތުން މޮޅުވީ މީގެ 35 އަހަރު ކުރިންނެވެ. އެއީ 1987 ވަނަ އަހަރު، ކުޅުނު އެކުވެރިކަމުގެ މެޗެއްގައި 3-1 އިން އިޓަލީ މޮޅުވި ފަހަރެވެ.
މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ޔޫރޯ އާއި ކޮޕަ އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަ ކަޕް މެޗު ކުޅެފަ އެވެ. އެއީ 1985 އާއި 1993 ވަނަ އަހަރު އެވެ. ކާރު އެކްސިޑެންޓެއްގައި މަރުވި ޔުއެފާގެ ކުރީގެ ރައީސް އިޓަލީގެ އާޓެމިއޯ ފްރާންޗީގެ ނަމުން ނަން ދީގެން އޭރު ކުޅުނު މި މެޗުގައި ފުރަތަމަ ފަހަރަށް 1983 ގައި ވާދަކުރީ އުރުގުއޭ އާއި ފްރާންސް އެވެ. އެ މެޗުން ފްރާންސް މޮޅުވިއިރު، ދެ ވަނަ ފަހަރަށް 1993 ވަނަ އަހަރު ކުޅުނު މެޗުގައި އާޖެންޓީނާ ވަނީ ޑެންމާކް ބަލިކޮށްފަ އެވެ.
ބޮޑުު މެދުކެނޑުމަކަށް ފަހު ޔުއެފާ އާއި ކޮންމެބޯލްގެ ޗެމްޕިއަނުންގެ މެޗު އިއުލާނު މި ކުރީ ދެ ބައްރުގެ މެދުގައި ރޭވިފައި އޮތް އެކްސްޗޭންޖް ޕްރޮގްރާމްތަކެއްގެ ތެރެއިންނެވެ.

އިޓަލީން މި އަހަރު ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ކިއެލީނީ: ފައިނަލިސިމާ މެޗަކީ ކިއެލީނީ ގައުމީ ޖޯޒީގައި ފެންނާނެ ފަހު ފަހަރު.
ކިއެލީނީ ބޭނުންވަނީ ތަށްޓަކާ އެކު ގައުމީ ޓީމަށް އަލްވަދާއު ކިޔަން
ފައިނަލިސިމާ މެޗު ހާއްސަވާނެ އެއް ކުުޅުންތެރިއަކީ އިޓަލީގެ ކެޕްޓަން، ޖިއޮޖިއޯ ކިއެލީނީ އަށެވެ. އުމުރުން 37 އަހަރުގެ ކިއެލީނީ މިރޭގެ މެޗަށް ފަހު އިޓަލީ ޓީމުން ރިޓަޔާކުރަން ނިންމާފައިވާކަން ވަނީ މާ ކުރިން އިއުލާނުކޮށްފަ އެވެ.
އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ވަނީ މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކިއެލީނީ ހިމަނަން ނިންމައިފަ އެވެ. ކިއެލީނީ މިރޭގެ މެޗު ކުޅެފިނަަމަ، މިއީ ގައުމީ ޖޯޒީގައި އޭނާ ފެންނާނެ 117 ވަނަ މެޗެވެ.
"ހާއްސަ މެޗެއްގައި އަމުދުން އާޖެންޓީނާއާ އެކު ފަހު މެޗު ކުޅެލަން ލިބުމަކީ ވަރަށް ހާއްސަ ކަމެއް. މެސީ ކަހަލަ ކެޕްޓަނެއް އިދިކޮޅުގައި ހުއްޓައި، މި ގޮތަށް ރިޓަޔާކޮށްލަން ލިބުން ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ދެކެނީ، މިއީ ޓްރޮފީ އެއްވެސް ދޭ މެޗެއް ކަމަށްވާތީ، ތަށްޓަކާ އެކު ނިންމާލުމުގެ އަޒުމުގައި މި ހުރީ،" ކިއެލީނީ ބުންޏެވެ.
ކިއެލީނީ އަކީ އިޓަލީގެ ގައުމީ ޓީމަށް ހަތަރު ވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އެ ގޮތުން 2004 އިން ފެށިގެން މިހާތަނަށް 116 މެޗު އިޓަލީގެ ގައުމީ ޓީމަށް ކުޅެދިންއިރު، ފަހުގެ ތާރީހުގައި އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ އުނދަގޫ ހާލަތްތަކުގައި ޓީމުގައި ދެމިހުރެ އެހެން ކުޅުންތެރިންނަށް ނަމޫނާ ދެއްކި އެއް ކުޅުންތެރިއަކީ ކިއެލީނީ އެވެ. އަދި މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދިއިރު، ލީޑަރެއްގެ ގޮތުގައި ކިއެލީނީ ވަނީ ތަފާތު ދައްކައިފަ އެވެ.
އިޓަލީ އާއި އާޖެންޓީނާ ކުޅޭ ފައިނަލިސިމާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.












