ރިޕޯޓުވާނުވާ ނޭނގޭ ގޯތިތަކުގެ މައްސަލަ ހަމައަކަށް އަޅުވަން ޖެހިފައި!

ވާނުވާ ނޭނގޭ ގޯތިތަކުގެ މައްސަލަ ހަމައަކަށް އަޅުވަން ޖެހިފައި!

ހައްދުންމަތީ ގަމުން ބިން ދޫކުރީ އެރަށަށް އިތުރުވާ އާބާދީއާއެކު ރަށަށް ތަރައްގީއާއި ކުރިއެރުން ލިބޭނޭ ކަމުގެ އުއްމީދުގައި. އެހެންނަމަވެސް ދޫކުރި ގިނަ ގޯތިތައް ހުރީ ފަޅަށް. ރެކޯޑު ބެލެހެއްޓިފަ ނެތް. ކައުންސިލްގެ އަމާޒަކީ ދައުރު ނިމުމުގެ އަހަރު ދުވަސް އެ މައްސަލަތައް ހައްލުކުރުން.

ލާމު ގަމުން ގޯތި ދޫކޮށްގެން ހުސްކޮށް އޮތް ބިމުގެ ސަރަހައްދެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ލާމު ގަމުން ގޯތި ދޫކޮށްގެން ހުސްކޮށް އޮތް ބިމުގެ ސަރަހައްދެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިހާރުވެސް މީހުން އުޅެނީ ރަށުގެ އެކި ހިސާބުގައި ދުރުގައި އޮތް ތިން އަވަށެއްގަ އެވެ. ރަށުގެ އެންމެ ދެކުނުން މުކުރިމަގު އަވަށް އޮންނައިރު، ރަށުގެ މެދުގައި މަތިމަރަދޫ އަވަށް އަދި އެންމެ އުތުރުގައި ތުނޑީ އަވަށެވެ. ކޮންމެ އަވަށެއްގެ މެދުގައި މީހުން ދިރިނޫޅޭ ބޮޑު ސަރަހައްދެކެވެ. މިއީ ހައްދުންމަތީ ގަމެވެ. ރާއްޖޭގެ އެންމެ ބިން ބޮޑު، މި ރަށުގައި މިހާރު ވެސް އެ އަތޮޅުގެ މުންޑޫއާއި ކަލައިދޫގެ ބޮޑު އާބާދީއެއް ހިޖުރަކޮށް ރަށްވެހިފައި ވެ އެވެ. ގއ. ދިޔަދޫ މީހުން ވެސް އާބާދުކުރީ ފަހުން މި ރަށުގަ އެވެ.

ބޮޑުމިނުގައި 890 އެއްހާ ހެކްޓަރުގެ ބިމެއް އޮތް މި ރަށުގައި ލ. އަތޮޅުގެ އިތުރަށް ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް މީހުން އާބާދު ކުރުމުގެ ވިސްނުމެއް އަބަދުވެސް އޮވެ އެވެ. އެފަދަ ވިސްނުމެއްގައި 2007 ވަނަ އަހަރު އެ ރަށުން ގޯތި ވެސް ދޫކުރި އެވެ. 3،000 އެއްހާ ގޯތި ދޫކުރި ނަމަވެސް އިމާރާތްކޮށް ނިމިގެން މީހުން ދިރިއުޅެން ފެށީ އެއިން މަދު ގޯއްޗެއްގަ އެވެ. ކައުންސިލުން މީގެ ކުރިން ބުނެފައި އޮތް ގޮތުގައި މީހުން ދިރިއުޅެން ފަށާފައި އޮތީ ގާތްގަނޑަކަށް 700 ވަރަކަށް ގޭގަ އެވެ.

ގަމުން ދެން ގޯތި ދޫކުރީ އޭގެ 13 އަހަރު ފަހުންނެވެ. ގަމު ރައްޔިތުންނަށް ހާއްސަކޮށްގެން އެ ފަހަރު ދޫކުރީ އެންމެ 400 ގޯއްޗެވެ. އެއީ ވެސް ގޯއްޗެއް އެންމެ 2،000 އަކަ ފޫޓުގެ މަގުންނެވެ. ގޯތި ބޭނުންވާ ވަރަށް ގިނަ އާއިލާތައް އަދިވެސް ގަމުގައި އެބަ އުޅެ އެވެ. ބިން ބޮޑު އެ ރަށުގައި ދިރިއުޅެން ބޭނުންވާ އެތައް ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އެބަ އުޅެ އެވެ. ކުރިއަށް ނުގޮސް އޮތީ ގަމުން އެ ގޮތަށް ގޯތި ދޫ ނުކޮށްގެން ނެވެ. ގަމުގައި ގިނަ ހިދުމަތްތަކެއް ވެސް ރަނގަޅު ފެންވަރަކަށް ގާއިމް ނުކުރެވިގެންނެވެ.

"މިއީ މުޅިން ވެސް މި ރަށުގެ ޗާޓުން ގެއްލިފައި ހުރި ތަންތަން، ގަމުގެ ޗާޓުގައި އަލުން ބަލުން ކުރަހަން ޖެހިފައި އޮތް ބައިބައި،" ގަމުގައި ރަޖިސްޓްރީ ސާފުނުވެ އޮތް ގޯތިތަކާއި ޓޫރިސްޓް ރިސޯޓްތައް ތަރައްގީކުރަން ދީފައި އޮތް ބިންތަކަށް އިޝާރާތްކޮށް ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ "އަދަދު"އަށް ވިދާޅުވި އެވެ.

"ވާނުވާ" ގައި އޮތް ގިނަ ގޯތިތައް ދޫކޮށްފައި ވަނީ މުގުރިމަގާއި މަތިމަރަދޫ އަވަށާއި ދެމެދުގައި އޮތް ސަރަހައްދަކުންނެވެ. އޭގެ ތެރެއިން ވަށާފާރު ރާނައި އިން ވަކިވާ ގޮތް ހަދާފައި ހުރީ ވެސް މަދު ގޯއްޗެއްގަ އެވެ. ބައެއް ގޯތިތަކުގެ ވަށާފާރު ވެސް ނެތެވެ. ބައެއް ގޯތިތަކުގައި ކޮންމެވެސް ވަރެއްގެ އިމާރާތެއް ކޮށްފައި ހުރިނަމަވެސް ގިނަ ގޯތިތައް ވަކި ކުރެވޭނޭ މިންވަރުގެ އެއްވެސް މަސައްކަތެއް އެތަންތަނުގައި ކުރެވިފައެއް ނެތެވެ. އޮތީ ބޮޑު ޖަންގައްޔެކެވެ . މުޅި އަވަށް ފެންނަނީ ފަޅު ސަރަހެއްގެ ގޮތުގަ އެވެ. އެކަމަކު މީހުން އުޅޭ މަދު ގެތަކެއް ވެސް އެ ސަރަހައްދުން ފެނުނެވެ.

ޒަކީ ވިދާޅުވި ގޮތުގައި އޭރު ގަމުން ގިނަ ގޯތި ދޫކުރީ މާލޭގައި އޭރު ދިރިއުޅެމުން ދިޔަ މީހުންގެ ތެރެއިން ގަމުގައި ދިރިއުޅެން ބޭނުންވި ބައެއް މީހުންނަށެވެ. ސީދާ އަދަދު ސާފު ނުވިޔަސް 600 އެއްހާ ގޯތި މި ގޮތަށް ހުހަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލަ ހައްލު ކުރަން، ޒަކީ ގަބޫލު ކުރައްވާ ގޮތުގައި، ފުރަތަމަ ވެސް ޖެހޭނީ ގަމު ބިންތަކުގެ ރަޖިސްޓްރީއާއި ރެކޯޑުތައް ސާފު ކުރާށެވެ.

"މީގައި އެބަ އުޅޭ ގޭގެ ރަޖިސްޓްރީ ނެތް ގޯތިތައް ވެސް. ލިޔެކިޔުމަކަށް ސިޓީއެއް އެކަނި އޮތް ގޯތިތައް ވެސް އޮންނާނެ. ވެރިމީހާގެ އާއިލާ މީހުނަށް ނޭނގި އޮތް ގޯތިތައް ވެސް އެބަ އޮތް. ގޯތި ދޫކުރެވުނު ބައެއް މީހުން މިހާރު ދުނިޔެ ދޫކޮށް ގޮސްފައިވެސް ވޭ. ދިޔައިރު ވެރިމީހާގެ އާއިލާ ކައިރީ ނުބުނެ ވެސް އެބަ ހުރި،" ގޯތިތަކުގެ ދަފްތަރުގައި ހުރި އޮޅުންބޮޅުން ކިޔައިދެއްވަމުން ޒަކީ ވިދާޅުވި އެވެ.

މި ގޯތިތައް ދިނުމަށް ފަހު އޭރު އަތޮޅު އޮފީހުން ގޯތިތައް ހިމެނޭ ސަރަހައްދު ސާފުކޮށް މަގުތައް ވެސް ކޮށި އެވެ. މަގުތައް ހެދުމުގެ އިތުރަށް އެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ވެސް ގާއިމް ކުރި އެވެ. އެކަމަކު ކަރަންޓު ބޭނުން ނުކޮށް، ގޯތިތަކަށް މީހުން އައިސް ދިރިނޫޅެ، އެތައް ދުވަހެއް ވުމުން މިހާރު މުޅި އެ ސަރަހައްދު އޮތީ ބޯ ޖަންގައްޔަކަށް ބަދަލުވެފަ އެވެ.

"ގޯތިތަކުގެ މީހުން އެއްވެސް ވަރަކަށް އައިސްފައި ނެތުމުން މުޅި އެ ތަން ބޯ ޖަންގައްޔަކަށް ވެފަ އޮތީ، މީހުން އައިސް އުޅެފައި ނެތީމަ މިހާރު ކުރިން އެ ހެދި ބައެއް މަގުތައް ވެސް ވަރަށް ބޮޑަށް ބެދިފައި އޮތީ، ޖަންގަލި އުފެދިގެން، ބޭނުންތެރި ކަންކަން ކުރެވެން ހުރި ބިންބިން މިއީ،" މާޒީގައި އެ ކަން އެއްވެސް ވަރަކަށް ނުބެލެހެއްޓި އޮތް އޮތުމަށް ކަންބޮޑުވުން ފާޅު ކުރައްވަމުން ޒަކީ ވިދާޅުވި އެވެ.

"އެއީ ވަރަށް ގިނަ ވަގުތާއި ގިނަ ހަަރަދު، އެކަމަކު ހައްލު ކުރާނަން"

ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުން ލިބުނު ބާރުތަކާ އެކު، މި ފަަހަރު އިންތިހާބު ކުރި ކައުންސިލަށް މި މަސައްކަތް ކުރެވޭނޭ ކަމަށް ކައުންސިލްގެ ރައީސް ޒަކީ ގަބޫލު ކުރައްވަ އެވެ.

"ފާއިތުވި އަހަރާއި މި ހިނގަމުންދާ އަހަރު ވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް މި ސާފުނުވާ ރެކޯޑު ފުރާނަމުން މި ދަނީ،" ޒަކީ ވިދާޅުވި އެވެ.

ކައުންސިލުން މިހާރު ވަނީ މި މަސައްކަތް ކުރުމަށް ޓަކައި ލީގަލް ޓީމެއް އެކުލަވާލަން ނިންމާފަ އެވެ. ޓީމު އެކުލަވާލުމާ އެކު ރެކޯޑުތައް ސާފު ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލަށް ލަފާ ކުރެވޭ ގޮތުގައި މި އަހަރު އެ މަސައްކަތް ފެށޭނެ އެވެ.

"އެކި މީހުންގެ ގޯތި އޮތް ކަމުގެ ލިޔުންތައް ކައުންސިލަށް އެބަ އާދޭ، އޭގެ ގާނޫނީ ސައްހަ ކަން ބެލުމަށް ފަހު އަޅުގަނޑުމެންނަށް މި ގޯތިތައް ދެވެން މި އަންނަނީ. އެއާ ގުޅޭ ލިޔުންތައް އަޅުގަނޑުމެން ކައުންސިލުގައި ވެސް އޮތިއްޔާ ދެވޭނީ. ހެކި ވެސް އޮވެގެން ވާނީ،" ޒަކީ ވިދާޅުވި އެވެ.

"ވަރަށް ގިނަ ވަގުތު ދާނެ، އަދި ބައިވަރު ހަރަދުތަކެއްގެ ވާހަކަ މި ދައްކަނީ،"

ރެކޯޑުތައް ސާފު ކުރުމަށް ފަހު ގިނަ ގޯތިތަކެއްގެ ލިޔުން ބާތިލްވެ އޭގެ ސަބަބުން އިތުރު ހުސް ބިންތައް ވެސް ލިބޭނެ ކަމަށް ޒަކީ ގަބޫލު ކުރައްވަ އެވެ. އެކަމަކު ގޯތި ލިބިފައިވާކަން ކަށަވަރުވާ ފަރާތްތަކަށް ގޯތި ދޫކޮށް ދިރިއުޅެން ފުރުސަތު ދޭއިރު ވެސް ގިނަ ހަރަދުތަކެއް ކައުންސިލުން ހިނގާނެ އެވެ.

"މަގުތައް އަލުން ހަދަން ޖެހޭނެ، ވަރަށް ބޮޑަށް މާ ޖަންގައްޔެއް ހެން އޮތް ސަރަހައްދު ސާފުކޮށް އަލުން ވެލި އަޅައި، ވަރަށް ބޮޑު ހަރަދެއް ކޮށްގެން އެ ކަން ވާން މި އަންނަނީ، އެ ކަން ވެސް ކުރަން ކައުންސިލުން މިހާރު އޮންނާނެ ފާސްކޮށްފައި،" ޒަކީ ތަފްސީލްކޮށްދެއްވި އެވެ.

"އެއްވެސް ލިޔެކިއުމެއް ފެންނަން ނެތީ. ގޯތި އޮތް ކަމުގެ އެއްވެސް ހެއްކެއް ވެސް ފެންނަން ނެތް. ގޯތީގެ މިން ވެސް ނޭނގެ. އެހެންވީމަ ދެން ދެވޭނެ ގޮތެއް ނޯންނާނެ އެ ތަނެއް، އެ ހުސްވާ ބިންތައް އިތުރަށް ބޭނުން ކުރަން އެ ލިބެނީ،"

ހުސްވާ ބިންތައް ބޭނުން ކުރާނެ ގޮތެއް ކައުންސިލުން އަދި ނުނިންމަ އެވެ. ޒަކީ ވިދާޅުވި ގޮތުގައި ކައުންސިލުން އެ ބިންތައް ބޭނުން ކުރާނެ ގޮތެއް ނިންމާނީ ދޮރުން ދޮރަށް ގަމު މީހުން ކައިރިއަށް ގޮސް ހިޔާލު ހޯދުމަށް ފަހު ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގަމުން މި ދަނީ، ކޮންމެ ގެއަކަށް ވެސް އެބަ ދެން ހިޔާލު ލިޔުމުގެ ކަރުދާސްތަކެއް، ފޯމުތަކެއް ވެސް، މިސާލަކަށް މި ރަށުގައި އެހެން ރަށްރަށުގެ މީހުން އާބާދު ކުރަން ބޭނުންވޭތޯ، އާނއެކޭ ނުވަތަ ނޫނެކޭ ބުނެ ފާހަގައެއް ޖަހަން ޖެހޭ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

މިހާރު އޮތް ކައުންސިލްގެ އަމާޒަކީ މި ކައުންސިލްގެ ދައުރު ނިމުމުގެ އަހަރު ދުވަސް ކުރިއަށް މި ހުރިހާ ކަމެއް ހަމައަކަށް އެޅުވުމެވެ. ބުރަ މަސައްކަތެކެވެ. އެހެންނަމަވެސް ކައުންސިލް އޮތީ މި މަސައްކަތް ކާމިޔާބު ކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަށް އަމާޒު ހިފާފަ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox