ފަޅުވެ ހިމޭންކަން ވެރިވެފައިވާ މާ ރަށެކެވެ. ކޮޅުމަޑުލު ކަނިމީދު އެވެ. ނުވަތަ އަތޮޅު މީހުންގެ އާންމު މުހާވިރާގައި ނަމަ، "ކަނިމިންދޫ" އެވެ. މިހާރު ރާޅާއެޅުންތެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް ވެސްމެ އެވެ. އެކަމަށްޓަކައި އެ ރަށަށް އަރާ އުޅޭ ފަތުރުވެރީންނާއި ދިވެހީން ގިނަގުނަ އެވެ. އެ މީސް މީހުންގެ މަޖަލާއި ސަކަރާތުން، ފަޅުވެފައިވާ އެ ރަށަށް ވަގުތީ ދިރުމެއް ގެނެސްދެ އެވެ. އަދި ކަން އޮތް ގޮތަކީ މިއީ ކަމުގައި ވިޔަސް ރަށުގެ ތާރީހު ދައްކަނީ މުޅީން އެހެން ކުލައެކެވެ. ތަފާތު މަންޒަރެކެވެ. ބުނެދެނީ އަހާލަން ރީތި ވާހަކަތަކެކެވެ.
އެ މާޒީ ގުޅިފައިވަނީ ދިރުމެއްވާކަމުގެ އަޑުތަކަކާއި އެވެ. މުޅި ރަށް އޮތީ އާބާދުކަމުގެ އަޑުތަކުން ދިރިފައްޔެވެ. ރަށުގެ ރާޅުގަނޑާއި ދިމާއަށް މަޅު ހިފައިގެން ދުވި ޒުވާނުންގެ ހަޅޭކުގެ އަޑެވެ. ގަސްގަހަށް އަރާ ފުންމަމުން ދިޔަ ކުދީންގެ މަޖަލުގެ އަޑެވެ. ރާވެރިން ކިޔަމުން ދިޔަ ރައިވަރުތަކުގެ އަޑެވެ. ދަރާއި ކާށި ހޮވަން ވަލަށް ވަދެ އުޅުނު އަންހެންވެރީން ހޯއް ގޮވި އަޑެވެ. ބޮޑު ނިކަގަސްދޮށުގައި ބިންބި އާއި ހަނޑޫ ތަޅަން ތިބި ސަންފަމެންނާއި ދަލޭކަމެންގެ އަޑެވެ. ފޭރާން ވިޔޭށާއި ރޯނު ވަށަން ތިބި ތިބި އައިސަމެންނާއި ކަތްދަމެންގެ އަޑެވެ. އަށިގެ ދޮށުގައި ދާ ގަތަން ތިބި ތަކުރުމެންނާއި ކަލޯމެންގެ ބަސްތަކުގެ އަޑުތަކެވެ. އަދިވެސް މިފަދަ އާބާދު އަޑުތަކުން އިހަށް ރަށް ވަނީ ގުގުމާފަ އެވެ.
އިއްޔެގެ ކަނި މީދޫ އޭ ހެއްޔެވެ؟ އެއީ ގިނަ އަވަށްތަކަކަށް ބެހިފައި އޮތް މާ ރަށެކެވެ. އާބާދީ ބޮޑު ރަށެކެވެ. އަތޮޅުގައި އެންމެ ނަގާ ކިޔޭ ރަށެވެ. އިގުތިސާދު ހެޔޮ ރަށެކެވެ. ތިޔާގި މީހުން ގިނަ ރަށެކެވެ. ފޭރާމާއި ދިވެހި ހަކުރާއި މަސް ބޭރު ކުރި ރަށެކެވެ. ގަލު ވަޑާމާއި ކިއްސަރު ވަޑާމުގެ މޮޅެތި މާވަޑިން ތިބި ރަށެކެވެ. ފުރެއްދެ އޮޑި ފަހަރާއި (ރާއްޖެއިން ބޭރަށް ދަތުރުކުރާ އޮޑި) މަސްދޯނި ފަހަރު ގިނަ ރަށެކެވެ. ހުނަރުވެރި ކުރެހުންތެރިން ތިބި ރަށެކެވެ. ކުޅަދާނަ ފަންނުވެރީން ތިބި ރަށެކެވެ. އަދި ކޮބައިތޯ އެވެ؟ "ބޯލްރޫމް ޑާންސަށް" ނަން އަރާހުރި "ސަގަލަ ސަންފާ" ވެސް އުޅުނު ރަށޯލައެވެ.
ސަގަލަ ސަންފާގެ ވާހަކަ އަކީ ކަނި މީދޫ އާއި ގުޅުވައިގެން ކިޔާ އުޅުނު ފޯކުލޯރު ވާހަކައެކެވެ. ބުނެވޭ ގޮތުގައި އެ ކަމަނާއަކީ ބަޣަލްޤީރަށް ނެށުމަށް (ބޯލްރޫމް ޑާންސަށް) ވަރަށް ކުޅަދާނަ އަންހެނެކެވެ. ރަށުގެ ބޮޑު ކަތީބުގެ ދަރިކަނބަލެކެވެ. މުއްސަނދި ފޯރުންތެރި އާއިލާއެއްގެ ބޭކަނބަލެކެވެ. ޝާހީ ދަރިކޮޅެއްގެ ކަމަނާއެކެވެ. މި ފޯކުލޯރު ވާހަކައިގައި އުޅޭ ޝަޚުސިއްޔަތަށް ނިސްބަތްކުރައްވާ ފަޟީލަތުއްޝައިޚު ހުސައިން ޞަލާޙުއްދީނުވެސް ވަނީ ރީތި ޅެމެއް ހައްދަވާފަ އެވެ. ޅެމަށް ދެއްވާފައިވަނީ ވެސް އެކަމަނާގެ ނަންފުޅެވެ. އެ ޅެން ފައްޓަވަމުން ވިދާޅުވެފައި ވަނީ؛
"ނަށާލާށޭ ބުނީމާ ނުކުމެ، ތެޅިގަތުމުން ނެށޭނޭހޭ
ފަށައިލާފާ ދެރާގެއް ޝޯރުނުކުރީމާ ނިމޭނޭހޭ"
ތެދެކެވެ. ތެޅިގަތުމަކީ އަދި ނެށުމެއް ނޫނެވެ. އެއީވެސް ފަންނެއް ވިއްޔާ އެވެ. އެކަމުގައިވެސް އެންމެ އަރާހުރި، މީހުން ޝޯހު ކުރި ސަގަލަ ސަންފާ ނެށީ ކިހިނަކުން ހެއްޔެވެ؟ އަހާށެވެ. ސަގަލަ ސަންޕަގެ ނެށުމަށް އިޝާރާތް ކުރައްވަމުން ޞަލާޙުއްދީނު ވިދާޅުވެފައިވަނީ،
"ސަގަލަސަންފާ ބަޣަލްޤީރަށް، ނަގިލިނަގަމުން ނަށައިލީމާ
ޢަޤަލްޙައިރާނެ ސަރުގިރުދާން، ނުވާކުއްޖަކު އުޅޭނޭހޭ" ... އެވެ.
ތެދެކެވެ. ނަގިލި ނަގަމުން ނަށާލީމާ ބުއްދި ހައިރާން ނުވާނެ އެއްކުއްޖަކުވެސް ނޫޅޭނެއެވެ. ސަންފަގެ ނެށުމަކީ މީހުން ޝޯހު ކުރުވި ނެށުމަކަށް އެބަވޭތާ އެވެ. ބުނާ ގޮތުން ސަގަލަ ސަންފަ އާއި އެކު އިތުރު އޮނަ ސާޅީސް ސަންފަ އުޅެ އެވެ. އެއީ އޭނާގެ އެކުވެރިންނެވެ. ނެށުމުގެ ހަފުލާތައް ބާއްވަނީ މިކުދީންނާއިއެކު އެވެ. މިގޮތުން އީދު ކުޅިވަރު އަދި އެނޫންވެސް ރަށުގައި ބާއްވާ ހަފުލާތަކުގައި ބަޣަލްޤީރަށް ނެށުން (ބޯލްރޫމް ޑާންސު ކުރުން) އޮވެ އެވެ. މިފަދަ ހަފުލާތަކުގައި ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކާއެކު ނަށާނޭ ފިރިހެން ބައިވެރިއެއް ވެ އެވެ. ކަނި މީދޫގައި އޮންނަ އެފަދަ މެހެފިލުތަކަށް އެހެނިހެން ރަށްރަށުގެ ބޮޑުންނާއި އާންމުންނަށްވެސް ދައުވަތު ދެވެ އެވެ. ތަނަށް ހާޒިރުވެ ތިބޭ އެންމެންވެސް އެދިގެން ތިބެނީ ސަގަލަ ސަންފާގެ ނެށުމެއް ބަލާލުމަށެވެ. އެކަމަނާ "ނަގިލި ނަގަމުން ނަށައިލީމާ" މީހުން ކޮސްވެ އަޖައިބުވާހާ ވަރު ވެ އެވެ. މުއައްރިޙު އަބްދުލްހަކީމު ހަސައިން މަނިކު މި ސަގަލަ ސަންފާ އާއި ބެހޭ ގޮތުން ލިޔުއްވަނީ،
"ސަގަލަ ސަންފަގެ ދުވަސްވަރަކީ ރާއްޖޭގައި ފެހެންދޫ އުޘްމާނު ރަސްގެފާނު ރަސްކަން ކުރެއްވި ދުވަސްވަރެވެ. މިރަސްގެފާނުގެ ނަންފުޅަކީ އައްސުލްޠާނު ޢުޘްމާނުލް ފެހެންދުވީ ސިރީ ސުންދުރަ މަހާރަދުންނެވެ. ރަސްކަން ކުރެއްވި ދުވަސްވަރަކީ މީލާދީން 1388 ގެ ދުވަސްވަރެވެ.
ސަގަލަ ސަންފަގެ ނަމުން ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނު ހެއްދެވި ޅެމުން އެނގޭގޮތުގައި މި ސަންފަޔަކީ ކޮޅުމަޑުލު ކަނި މީދޫގައި އުޅުނު ސަންފަޔެކޯލަ އެވެ. މީނާގެ ބައްޕައަކީ ކަނިމީދޫ ބޮޑު ކަތީބެވެ. އެކަތީބަކީ ވަރަށް ބޮޑާ މީހެކެވެ. މީނާ ބުނެޔޯލަ އެވެ. އަހަންނަކީ ހައްދުންމައްޗަށް އަރުވާލި ޝިހާބުއްދީނު ރަސްގެފާނުގެ ފަސްވަނަ ދަރިކޮޅުން އައިސްހުރި މީހެކެވެ.
ސަގަލަ ސަންފަޔަކީ ވަރަށް ސަމައްތަރު ހެޔޮ ރީތި އިސްކޮޅެއް ހުރި އަންހެންވަންތަ އަންހެން ކުއްޖެކެވެ. ޞަލާޙުއްދީނު ބަޔާންކުރާގޮތުގައި ސަންފަ ކިޔާ އޮނަ ސާޅީސް ކުދިންނާއިއެކު އީދު ކުޅިވަރުތަކުގައި ބައިވެރި ވެ އެވެ. އެދުވަސްވަރު ކޮޅުމަޑުލުގައި އެންމެ ބާރު ގަދައީ ކަނިމީދޫ އެވެ. އެކި ރަށްރަށުން ސަންފަ ކިޔާ އޮނަ ސާޅީސް ކުދިން ހޯދައިގެން ގެނެސްފައި ތިބެނީ އެވެ. ސަންފަގެ ބައްޕަގެ މުއްސަނދިކަމުން އެހުރިހާ ކުދިންނަށް ދަރިފުޅު އުފާކުރަން ހުރިހައި ހަރަދެއް ކޮށްދެ އެވެ. އެހެންނުވާންވީ ކީއްވެގެންހެއްޔެވެ؟ ސަންފަގެ ބައްޕަގެ މިލްކުގައި ފުރެއްދެ އޮޑީގެ (ރާއްޖެއިން ބޭރަށް ދަތުރުކުރާ އޮޑި) ހަތަރު އޮޑި އޮވެ އެވެ. އެ އޮޑިތައް އުތުރު ކަރަޔަށާއި އަސޭކަރަޔަށާއި ލަންކާއަށް މޫސުމުގައި ދަތުރު ކުރެ އެވެ. ރާއްޖޭގައި ވިޔާ ފޭރާމާއި އުފައްދާ އަތްތެރި މަސައްކަތުގެ ތުނޑު ކުނަލާއި ބޯވައްޖެހި ކުނަލާއި މުޅިން އާދައިގެ ކުނަލާއި ސާންތި އާއި ގޮށި ޖޯޑާއި ގޮށި ބަތްޕޮޅި އެކަރަ ކަރައަށް ގެންދެ އެވެ. އަތްތެރި މަސައްކަތަށް ރާއްޖެ އޮންނަނީ ވަރަށް ކުރިއަރާފަ އެވެ. އެރާއްޖެތަކުން ގެންނަ މުދާ ކަނި މީދޫ އަށާއި މުޅި އަތޮޅަށް ވިއްކަ އެވެ. އެހެންވީމާ ކަތީބުގެ އޮންނަނީ ވަރަށް މުއްސަނދިވެފަ އެވެ.
ސަގަލަ ސަންފަ ފިރިހެން ކުދީންނާއި އެކު ބަޣަލްޤީރަށް ނަށަ އެވެ. އެހެން ސަންފައިންވެސް އެކުއްޖަކު ގަބޫލު ކުއްޖަކާއި އެކު ބަޣަލްޤީރަށް ނަށަ އެވެ. މި ނެށުމަކީ މި ޒަމާނުގެ "ބޯލްޑްރޫމް ޑާންސެވެ."
ވާހަކަ ބުނާ ގޮތުން ނަމަ ކަނި މީދޫ އަކީ ބޮޑެތި "ބޯލް"ތައް ބޭއްވި ރަށަކަށް އެބަ ވެ އެވެ. އެކަމުގައި އެންމެ ނަގާ ކިޔަމުން ގޮސްފައި އެވަނީ ސަގަލަ ސަންފަ އާއި އޭނާގެ ރައްޓެހި އޮނަ ސާޅީސް ސަންފަ އެވެ. ސަންފައަކީ ޝިހާބުއްދީނު ރަދުންގެ ހަވަނަ ދަރިކޮޅުގެ ބޭފުޅެކެވެ. ވީމާ މުސްކުޅި ސޯމަވަންސަ ޝާހީ އާއިލާގެ ކަމަނާއަކަށް އެބަ ވެ އެވެ. މިހެންކަމުން އެބުނާ ޒާތުގެ "ބޯލް"ތައް ނުބާއްވަންވީ ސަބަބެ ނެތެއްނުންތޯ އެވެ. އެހެނީ "ބޯލް"ތައް ފާޑުގެ ހަފުލާތަކަކީ މުއްސަނދީންގެ ތަބީއަތަކަށްވާތީ އެވެ. އަނެއްކާ އެކަމަނާގެ ބައްޕަ އެހާ ފޯރުންތެރި އެވެ. ބޭރު ދަތުރުކުރާ އޮޑި ފަހަރު ގިނައިން ހުރި ބޭފުޅެކެވެ. ރަށަކީ ވިޔަފާރީގެ މަރުކަޒަކަށްވެފައިވާ ކަމަށްވެސް އެބަ ވެ އެވެ. ކަރަކަރައިން ގެންނަ އެކި ބާވަތްތަކުގެ މުދާތައް ބާލާ "ޕޯޓަކީ" ކަނި މީދޫގެ ބަނދަރުކަމަށް އެބަ ވެ އެވެ. ކަރަކަރައިން ގެންނަ މުދާ އެރަށުން އެހެން ރަށްރަށަށް ވިއްކަމުން އެދަނީ އެހެންވީމަ އެވެ.
ދެން ކަނިމީދޫގެ ވިސްނުމުން ކުޑަ ވަގުތުކޮޅަކަށް ބޭރުވެ މިބާވަތުގެ މަޒުމޫނުތަކުގައި އަބަދުވެސް އަހުރެން ފާހަގަކުރަމުން އަންނަ މުހިންމު ނުކުތާއެއްގެ މަތިން އަނެއްކާވެސް ހަނދާން އައުކޮށްލަމާ ހެއްޔެވެ؟ އެއީ މިފަދަ ފޯކުލޯރު ވާހަކަތަކުގެ ތަބީއަތުގެ މައްޗަށެވެ. ތަނެއްގެ ތާރީހު ހޯދުމުގައި އޭގެ މުހިންމު ދައުރުގެ މައްޗަށެވެ. ފޯކުލޯރު ވާހަކަތަކަކީ އެތަނެއްގެ އަހުލުވެރީންނާއި އެމީހުންގެ މާހައުލާއި ގުޅޭ ގޮތުން އުފަންވެ ބޮޑުވެފައި ހުންނަ ވާހަކަތަކެވެ. އޭގައި ރައްކާކޮށްފައި ހުންނަނީ އެބަޔެއްގެ ތާރީހާއި ގަބޫލުކުރުންތަކާއި މުޅި ތަބީއީ ވިސްނުމެވެ. ސަގަލަ ސަންފާގެ ވާހަކައަކީ ފޯކުލޯރު ވާހަކައެކެވެ. މިހާރު ފަޅުވެ ގޮސްފައިވާ ކަނި މީދޫ އާއި ގުޅޭ ގޮތުން އިހުއްސުރެ ކިޔަމުން އައިސްފައިވާ ވާހަކައެކެވެ. އޭގައި އެކުލެވިފައި އެވަނީ ރަށުގެ މާޒީގެ ހަބަރުތަކެވެ. އެރަށުގެ ހަނދާންތަކެވެ. އަމިއްލަ ހިޔާލާތާއި ފޮލާވެސް އެއްކޮށްގެން އަހާލަން ރީތި ވާހަކައެއްގެ ސީޣާގައި އެކަންކަން ގެނެސްދީފައި ވަނީ އެވެ.
އަނެއްކާ ވެސް ކަނި މީދޫއަށް ވިސްނުން އަނބުރާލަމާ ހިނގާށެވެ! އާންމުކޮށް ބޮޑު ރަސްގެފާނުގެ ޒަމާނުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅެފައި ހުރި ރަށްރަށަށް ދެއްވާފައި ބޯގަ ފަތްކޮޅުތަކާއި އެނޫން ވެސް ފަތްކޮޅުތައް ފެންނާން ހުރެ އެވެ. މިފަދަ އެއްވެސް ފަތްކޮޅަކުން އަދި މިހާތަނަށް ކަނި މީދޫގެ ނަމެއް ފާހަގަ ކުރެވިފައެއް ނުވެ އެވެ. ފަހަރުގައި އޮވެވެސްދާނެ އެވެ. އަދި ނުފެންނަނީވެސް ތޯއްޗެކެވެ. އާއެކެވެ! އަރުޝީފުގައި ހުރިނަމަ ހުރިހާ ފަތްކޮޅެއް ހޯދާ ބެލުމުގެ ފުރުސަތު ލިބިގެން ރަށުގެ ނަމެއް ފެނޭތޯ ބެލުނީއެއް ނޫނެވެ. އެކަމަށް މަގުފަހިވި ދުވަހަކުން އެކަން ކުރާނީ އެވެ. އަދިއެއް ނުވެ އެވެ.

ކަނިމީދޫގައި ހުރި ހަވިއްތަ ފާޑުގެ އުސްގަނޑު ހުރި ސަރަހައްދުން ފެނުނު ބިންވަޅު ނަގާފައިވާ ގަލެއް އަދި އެ ރަށުގައި ހުރި ފެނުނު ވަށް ވެވުން ބައެއް. މިއީ ހަލާކު ނުވެ ރީތިކޮށް އޮތް ބޮ ވެވެއް.
މިހާތަނަށް އެކި ގޮތްގޮތުން ހޯދުނު ހޯދުންތަކުން ކަނި މީދޫގެ ނަން ފެނިފައިވަނީ ތާރީހީ ދެ މަސްދަރަކުންނެވެ. އެއީ ބޮޑުގަލު ލޯމާފާނާއި އަދި ހަމަ އެދުވަސްވަރުގެ ލޯމާފާނެއްކަމަށް ބެލެވޭ އެހެން ލޯމާފާނަކުންނެވެ. ބޮޑުގަލު ލޯމާފާނުގައި ވަނީ އެރަށުގެ ރުއްގަނޑެއް މީހަކު ވާރުން ހޯދި ވާހަކަ އެވެ. ބޮޑުގަލު ލޯމާފާނުގައި ވަނީ؛
"މެދުގެ މުހައްމަދު ކާރްޔަވެރިއޮން ކިލަގެ ވާރިންގަތި ފޮނިދާނިއާއި ކަނިމީދޫ ރުކްޔާއި...." މިހެންނެވެ.
މިއީ ބެލް ސާހަބުގެ މޮނޮގްރާފުގައި އޭނާ އިނގިރޭސި އަކުރުން ލިޔުއްވާފައިވާ ތަންކޮޅެއް ބަލައިގެން ލިޔުނު ލިޔުމެކެވެ. ބޮޑުގަލު ލޯމާފާނު ތަރުޖަމާ ކުރެއްވީ އޭނާ އެވެ. މި ލޯމާފާނަކީ މަޝްހޫރު ހަދީޖާ ރެހެންދި މަހާރަދުންގެ ރަސްކަމުން ސޯޅަވަނަ އަހަރު ލިޔެވުނު ލޯމާފާނެކެވެ. އެއީ މީލާދުން 1300 ގެ އަހަރުތަކުގެ މެދެއްހާ ހިސާބެވެ.
އަނެއް ލޯމާފާނުގެ ފޮތީގައި ވަނީ؛
"ބާރަ ރަށް ނަގާ ދެމަވެ. މި ބަހާއި އެއްމެ ވެރިތަކުން ހިތަށަ ދުރޮއަކައި ބާރަ ރަށް ބާރަ އަތޮޅުން ނުފެނި މުޅި "ލައްކާއިން" ބާރަ ރަށް ދެމާވެ ބުނެގެން އުއްތަރައިން ނޭކުރަންދު އައި ކަޅައިދު އައި ލަންދުވް އައި އިނގުރައިދު އައި ކާށިދު އައި ހުޅުލެ އައި އެލަ އައި ކަނި (މީ)ދު އައި ފޮނަދު ދެ ތުޑި އައި..."
މި ލޯމާފާނުގައި ބުނެފައި އެވަނީ މުޅި ރާއްޖެއިން ބާރަ ރަށް ބޮޑުންގެ ބަޔަކަށް ދެއްވި ވާހަކަ އެވެ. މިގޮތުން ކޮޅުމަޑުލު އެލާ އާއި ކަނިމީދޫވެސް އެބަ ފާހަގަ ކުރެވެ އެވެ. މި ލޯމާފާނުން ފެންނާން އޮތީ އެންމެ ބުރިވަރެއްކަމުން މިއީ ކޮން ދުވަސްވަރެއްގެ ލޯމާފާނެއްކަމެއް ޔަގީންކަމާއި އެކު ބުނާކަށް ނޭނގެ އެވެ. އެހެނަސް އެ ބުރިވަރުވެސް އޮތީ ބޮޑުގަލު ލޯމާފާނުގެ ފޮތިތަކާއި އެކުގައި ކަމަށްވެފައި، އޭގެ ލިޔުމުގެ ފާޑުވެރިކަމަށް ބަލާފައި އެއީވެސް އެދުވަސްވަރުގެ ލޯމާފާނެއްކަމަށް ބައެއް މުއައްރިޚުން ދެކެލައްވަ އެވެ. މި ލޯމާފާނުތައް ލިޔެފައި އެވަނީ ސަގަލަ ސަންފާގެ ވާހަކައިގައި ބުނާ ޝިހާބުއްދީނު ރަސްގެފާނުގެ ދައިތާފުޅު ރެހެންދި މަހާރަދުންގެ ދުވަސްވަރެވެ. އިސްވެ ބުނެވުނު ފަދައިން މި ނޫން އެހެން ތާރީހީ މަސްދަރަކުން އަދިއެއް މިރަށުގެ ނަމެއް ފާހަގަކުރެވިފައެއް ނުވެ އެވެ.
ދެން އަނެއްކާވެސް އަބްދުލްހަކީމު ހުސައިން މަނިކުގެ ލިޔުއްވުމުން ތަންކޮޅަކަށް ބަލަމާ ހިނގާށެވެ. ރަށާއި ގުޅޭ ގޮތުން އޭނާ ލިޔުއްވަނީ
"ކަނި މީދޫއަކީ އިމާރާތުގެ ގޮތުން ވަރަށް ފުރިހަމަ ރަށެކެވެ. ހިރިގަލުގެ ވަޑާމުން ހަދައިފައި ހުންނަ މިސްކިތްތަކާއި ވެއުވަޅުތައް ބައިވަރެވެ. މޮޅު މީހުންގެ ގެދޮރުވެސް ހުންނަނީ ހިރިގަލުން ގާފޮޅު ބަނދެފައި ގާފޮޅު މަތީގައި ވަކަރު އަޅާފައި ވަރަށް ފުރިހަމައަށް އިމާރާތްކޮށްފައެވެ."
ކަނިމީދޫގެ މޮޅު މީހުން ވަރަށް މުއްސަންޖެވެ. ހިންދުކަރައިގެ ރަށްރަށަށް ދަތުރު ކުރާނެ ފުރެއްދެ އޮޑިތައް ބައިވަރު ހުރެ އެވެ. މިއީ ވަރަށް ބޮޑު ބިޔަ އޮޑިފަހަރެވެ. އޮޑި ފަހަރުގޮސް ހަނޑޫ ހަކުރު އަދި ހަވާދު ގަނެގެން ގެނެއެވެ.
މުޅި ރަށުގައިހެން އޮންނަނީ މޮޅު މީހުންގެ ބައިގައި ރަސްރަސްކަލުންގެ ދަރިކޮޅު މީހުންކަމަށް އެމީހުން ދަޢުވާކުރެއެވެ..."
ފޯކުލޯރު ވާހަކައިންނާއި އިސްވެ ދިޔަ ބަޔާނުން ކަނި މީދޫގެ މާޒީ ސޫރަކޮށްލެވެ އެވެ. މި ތަސައްވަރުގެ މައްޗަށް އިތުރު ހެކިތަކެއް ގެނެސްދެނީ މިހާރުވެސް އެރަށުން ފެންނާން އެހުރި އާސާރުތަކުންނެވެ. ރަށުގެ އެކި ދިމާގައިވާ އާސާރުތަކުގެ ޒަރީއާއިން އެއީ ގަދީމީ ޒަމާނުއްސުރެ އާބާދުވެ އޮތް ރަށެއްކަން ޝައްކެއްނެތި އަންގައި ދެ އެވެ. އެހެނީ ރަށުގައި "ހަވިއްތަ" އޭ މިކިޔާ ޒާތުގެ ދެ އުސްގަނޑު ހުރީމަ އެވެ. އެއީ ރާއްޖެ އިސްލާމުވުމުގެ ކުރީގެ ބިނާއެއް ހުރި ދެ އުސްގަނޑުކަމަށް ވަރަށް ބޮޑަށް ބެލެވޭތީ އެވެ. ޔަގީނޭ ދެންނެވޭނީ އާކިއޮލިޖިކަލް ދިރާސާއެއް ކުރެވުނީމާތާ އެވެ. ހަމައެހެންމެ ވަރަށް ބޮޑު ވަށް ވެވެއްވެސް ވެ އެވެ. އަދި މިސްކިތްތަކުގެ ތަރާގަނޑުތައްވެސް އެބަހުއްޓެވެ. މީގެ އިތުރަށް މުސްކުޅީންގެ ކިބައިން އިވުނު ގޮތުގައި އިހުގައި ބޮޑެތި މަހާނަ ގައުތައްވެސް ރަށުން ފެންނާން ހުއްޓެވެ. އޭގެ ގިނަ ގައުތައް ހަލާކުވެ ނެތިދިޔައީ ދަނޑުވެރިކަމަށް ރަށް ކޮށާ ހެދި ހެދުމުގަ އެވެ. އޭގެ ފަހަށް ވަރުވާ އުސޫލުން ރަށް ގެންގުޅުނު ފަރާތްތަކުން އެކި ކަހަލަ ކަންކަމަށް ބިން ސާފުކޮށް ހެދުމުގެ ތެރެއިންވެސްމެއެވެ. ކޮންމެއަކަސް މިހާރުވެސް ރަށުގެ ތެރެއިން ފެންނާން ހުރި އާސާރުތަކުން މިއީ އިހުގައި ވަރަށް ރަނގަޅަށް އިމާރާތްވެ އޮތް ރަށެއްކަން އަންގައިދެ އެވެ. ހަމައެހެންމެ ހުނަރުވެރި ފަންނުވެރި ބަޔަކު ދިރިއުޅުނު ރަށެއްކަމުގައިވެސްމެ އެވެ.

ކަނިމީދޫގައި ކުރިން ޒިޔާރަތް ހުރި ތަން ބަޔަކު ބަލަނީ
"ބޯލްތައް" ބޭއްވުމާއި "ބޯލް ޑާންސު" ކުޅައުމީ ގިނަ ފަހަރަށް މަހުޖަނުންގެ ތަބީއަތެކޭ ބުނެވިއްޖެ އެވެ. އެބާވަތުގެ ސަކަރާތް ޖެހޭނީވެސް ފޯރުންތެރިކަމެއް ހުރެގެންނެވެ. މިހެންވުމުން "ބޯލް ޑާންސަށް" ކުޅަދާނަ ސަގަލަ ސަންފާގެ ރަށަކީ ވަރަށް ފޯރުންތެރި ރަށަކަށްވެސް އެބަ ވާންޖެހެ އެވެ. ފޯކުލޯރު ވާހަކަ އާއި އަބްދުލްހަކީމު ހުސައިން މަނިކުގެ ލިޔުމުން ރަށުގެ މޮޅު އިގުތިސާދާއި ނަފާވެރިކަމަށް އެބަ އިޝާރާތް ކުރެ އެވެ. ދެން އޮތީ އޭގެ މައްޗަށް ފެންނާން ހުރި ހެއްކާއި ގަރީނާއަކީ ކޮބައިތޯ ހޯދާ ބެލުމެވެ. މިކަމަށްޓަކައި އިންޑިޔާ ކަނޑުގެ ހަލަބޮލި ވިޔަފާރީގެ މަގުގެ މަތީން ހަނދާންކޮށްލާށެވެ. ދިވެހީންގެ ރާއްޖެއަކީ އެމަގުގެ މެދުގައި އޮތް ރާއްޖެ އެއްކަންވެސް ހަނދާނަށް ގެންނާށެވެ.
މުދާ ބަރުކޮށްގެން މި ކަނޑުގެ ދިގަށާއި ހުރަހަށް ދުއްވި ކިތަންމެ ނައުފަހަރެއް ދަތުރުކޮށްފައި ދަނީ ރާއްޖެ ހުރަސްކޮށްފަ އެވެ. ފެން ބަރުކޮށް އަދި ވިޔަފާރިކުރުމަށް އޭގެ ކިތަންމެ ނައުފަހަރެއް ރާއްޖޭގެ އެކި ބަނދަރުތަކުގައި ޖައްސާ އުޅުނުކަމީ ތާރީހުން ސާބިތުވެ ދިމާއަށް ފެންނާން އޮތް ކަމެކެވެ. މިހެންކަމުން ރަށް އާބާދުވެ އޮތް ޒަމާނުގައި، އިންޑިޔާ ކަނޑުގެ ވިޔަފާރީގެ ރަން ދުވަސްވަރުގައި އެފަދައިން އޮޑި ފަހަރު އެ ބަނދަރުގައި އަޅާ އުޅުނުކަމީ ވުން ވަރަށް ގާތް ގޮތެކެވެ. ނުވާނެކަމެކޭ ނުބުނެވޭނެ އެވެ. ކަނި މީދޫ އޮންނަނީ ބަނދަރު ފަޅު ކިޔާ މައި ކަނޑުއޮޅިއެއްގެ އަނގަމަތީގަ އެވެ. އެއީ ރާއްޖޭގެ ތެރޭގައްޔާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ އޮޑިފަހަރު އަޅާ އުޅުނު ހެޔޮ ބަނދަރެކެވެ. ކޮޅުނބު ދަތުރު ކުރި ޒަމާނުގައި އައްޑޫ އޮޑިފަހަރު އެ ފަޅުގައި އަޅާ އުޅުނު ހަނދާން ހުރި މީހުން އަދިވެސް އަތޮޅުގެ އެކި ރަށްރަށުގައި އެބަތިއްބެވެ.
ބެލެވޭ ގޮތުގައި ކަނި މީދޫގެ ނަންވެސް ގުޅިފައި އެވަނީ މި ކަނޑުއޮޅިއާ އެވެ. ބޭރުން ދަތުރުކޮށްފައި އަންނަ އޮޑިފަހަރަށް ކަނޑުއޮޅި ފާހަގަވާނޭހެން ރަށުގެ ކޮޅުން ބައްތި ދިއްލާފާ ހުންނާތީ އެވެ. މިހާރުވެސް ރަށުގެ އެއް ކޮޅުގައި މި ބޭނުމަށްޓަކައި "ލައިޓުހައުސް" އެއްފަދަ ބައްތިއެއް ހުރެ އެވެ. މިބީދައިން އިހުގައިވެސް މީދޫގައި ބައްތިއެއް ހުރުމަކީ ވަރަށް އެކަށޭކަމެކެވެ. މި ރައުޔަށް އިތުރު ބާރެއް ލިބިގެން ދަނީ އަތޮޅުގެ ބައެއް ރަށްރަށުގައި "ކަނީކޮޅުން ބައްތި ދިއްލާ" ވާހަކަ ބިރުވެރި ވާހަކައެއްގެ ގޮތުގައި ކިޔަމުން އަންނާތީ އެވެ. މިކަމުން އެއީ ހިނގަހިނގާ އޮތްކަމެއްކަމަށް ފެނެ އެވެ. މި އެންމެހައި ކަންކަމަށް ވިސްނާއިރު ކަނި މީދޫ ފަޅުނުވެ އޮތް ޒަމާނުގައި އެއީ ވަރަށް ފޯރުންތެރި ރަށަކަށްވެފައި އޮތުމުގެ މައްޗަށް އިތުރު ބުރަދަން ދެވެ އެވެ. ދުނިޔޭގެ ވިޔަފާރި އާއި ގުޅިފައިވާ ބަނދަރެއްގެ އަނގަމަތީގައި އޮތް ރަށަކަށް ވާތީ އެވެ. ރަށާއި ގުޅުވައިގެން ކިޔަމުން އަންނަ ސަގަލަ ސަންފާ" ވާހަކައިން ބުނެދެމުން އެދަނީ މި އެންމެހައި ކަންކަމެވެ.
އެ ވާހަކަ ނޫނަސް ރަށާއި ގުޅޭ ގިނަ ފޯކުލޯރުތައް ހުންނަނީ ރަށް ބޭރުގައި ޖެއްސި ކޮންމެވެސް އޮޑިޔަކާއި ގުޅުވާފަ އެވެ. މިގޮތުން ކިޔާ އުޅޭ އެއް ވާހަކައަކީ ޅޮސް އާރު ސަންދޯކުގެ ވާހަކަ އެވެ.
"ޅޮސް އާރު ސަންދޯކެއް ހިފައިގެން ދަތުރުކޮށް އުޅޭ މީހަކުވިއެވެ. އޭނާ ދާހާ ތަނަކަށް ދަނީ އެ ސަންދޯއް ހިފައިގެންނެވެ. ޅޮސް އާރަކީ ނުލިބޭފަދަ ތަދު އެއްޗެކެވެ. ޅޮހުގައި އާރެއްލާނަމަ ލާނީ ލައްކަ ޒަމާނުންކަމުގައި ވެ އެވެ. އެ ދަތުރުވެރިޔާ ސަންދޯއް ހިފައިގެން އުޅުމުގެ މަގުސަދަކީ ދަތުރުމަތީގައި އޭނާ މަރުވެއްޖެނަމަ އޭގައި ވަޅުލުމެވެ. ކޮންމެއަކަސް މި މީހާ އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން އައިސް ކަނިމީދޫ ބޭރުގައި އޭނާގެ އޮޑި ޖައްސައިފި އެވެ. ދެން އާންމު އުސޫލުން އެހެން މީހުން ފަދައިން އޭނާ ވެސް އެ ރަށަށް ފޭބީ ފެންވަރާލާ ހަދާށެވެ. ފެންވަރައިގެން އަދި އޮޑިޔަށް ނުދެވި އުޅެނިކޮށް އޭނާ މަރުވެއްޖެ އެވެ. ދެން އޭނާ އާއި އެކު ފޭބި މީހުން ބުނެފި އެވެ. މީނާ އެދިފައިވަނީ ޅޮސް އާރު ސަންދޯކުގައި ވަޅުލައި ދިނުމަށެވެ. ސަންދޯއް ވީ އޮޑީގަ އެވެ. ވީމާ އިހަށް ސަންދޯއް ބަލާ ދަމާ ހިނގާށެވެ.
ދެން އޮޑީގައިވީ ސަންދޯއް ބާލަންވެގެން ރަށުގެ މީހުން ފުރަން އުޅެ އުޅެ ރަށަކުން ނުފުރުނެވެ. އެހެރަތަނުން ގުގުރިއެއް މިހިރަ ތަނުން ގުގުރިއެއް ޖަހާ އެހެރެ ވެހެންފެށީ ވިއްސާރަ އެވެ. ޖެހެނީ ގަދަ ވަޔެވެ. ކަނޑު އޮތީ ކައްކާ ފޮނު އަރުވާފަ އެވެ. މި ގަދަ ތޫފާން މަޑުވޭތޯ ރަށުގެ މީހުން ތިބެތިބެ ތޫފާން މަޑެއްނުވި އެވެ. މަރުވި މީހާ މުޅަވާން ގާތްވި އިރުވެސް ތޫފާނުން އެންމެ ތަންކޮޅެއްވެސް މަޑެއްނުވި އެވެ. ދެން ޅޮސް އާރު ސަންދޯއް ނުބޭލޭނެކަމަށް ބުނެފައި އެމީހާ ކަނި މީދޫ ދޮންފަސް މަތީ ވަޅުލީ އެވެ. އޭނާ ވަޅުލާ ހަމަ އަވަދިވީތަނުން އިސާހިތަކު އުޑުމަތި ސާފުވެ މޫސުން ހެޔޮވެއްޖެ އެވެ."
ރަށާއި ގުޅިފައިވާ މިފަދަ ވާހަކަތަކަށް ވިސްނާލުމުންވެސް އެނގެނީ ކަނި މީދޫ އާއި ރަށް ބޭރުގައި މަޑުކުރާ އޮޑިފަހަރާއި އޮތް ގުޅުމެވެ. އެފަދަ އޮޑިފަހަރުތަކުން މީހުން އަރާ ފައިބާ އުޅުނު ރަށެއްކަމެވެ. ރާއްޖެ އޮތް ސަރަހައްދާއި އެތަނުގައި އެކުލެވިފައި އޮތް ވިޔަފާރީގެ ކަންތައްގަނޑަށް ވިސްނަމުން ކަނި މީދޫ އޮތް ބަނދަރު ފަޅަށްވެސް ވިސްނާލާށެވެ. ހަމަމިހެންމެ ރަށާއި ގުޅިފައިވާ ހުރިހާ ފޯކުލޯރު ވާހަކައެއް އޮޑިފަހަރާއި އޭގެން ރަށަށް ފައިބާ މީހުންނާއި ގުޅުފައި ހުންނަ ހުރުމަށްވެސް ވިސްނާލަން ވާނެ އެވެ. އެހައިރުން މީހުން ދިރިއުޅުނު ޒަމާނު ރަށުގެ އިގުތިސާދު އޮންނާނެ ގޮތް ތަސައްވުރު ވެސް ކޮށްލެވޭނެ އެވެ. ރަށަށް ވަންނަމުން ދާނެ ނަފާ އެނގިދާނޫ އެވެ.
ދެން އޮތީ ހަމަ ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެވެ. އާބާދީ ބޮޑު މާރަށެއް، އަތޮޅުގައި ނަގާ ކިޔަމުން އައި ރަށެއް، ހެޔޮ ބަނދަރެއްގެ އަނގަމަތީ އޮތް މުއްސަނދި ރަށެއް، ފަޅުވީ ކިހިނެއް ކަމެވެ؟ މި ބޮޑު މާ ރަށް، ފަޅުވެ ހިމޭންވީ ކޮން ދުވަސްވަރެއްގައި ކަމެވެ؟ މި ސުވާލުގެ ފުރިހަމަ ޖަވާބު އަދި ވަނީ ނޭނގުމެއްގެ ތެރޭގަ އެވެ. ރަށް ފަޅުވި ގޮތާއި ގުޅޭ ގޮތުން އިވިފައިވަނީ ކޮޅުމަޑުލު ކިނބިދޫގައި ކިޔާ ފޯކުލޯރު ވާހަކައެކެވެ. ރަށާއި ގުޅުން ހުރި އެހެނިހެން ވާހަކަތައް ފަދައިން އެ ވާހަކަވެސް ގުޅިފައިވަނީ ހަމަ އޮޑިފަހަރާ އެވެ. ބަނދަރު ފަޅާ އެވެ. ރަށަށް އަރާ ފައިބާ އުޅުނު މީހުނާ އެވެ. ކިނބިދޫއިން އިވުނު ވާހަކައަކީ،
"ރަށުގެ ބޭރުގައި ބަނދަރުކުރި އައްޑޫ އޮޑިޔެކެވެ. އޭގެން ފެން ވަރާލަން ފޭބި މީހަކު، ފެންވަރާ ނިމިގެން އޭނާގެ ގައިގައި އުނގުޅާލާނެ ތެޔޮކޮޅެއް ދޭތޯ ރަށުގެ މީހުން ގާތުގައި އެދުނެވެ. އެހެނަސް އޭނާގެ ގައިގައި އުނގުޅާލާނެ ތެޔޮކޮޅެއް ދޭނެ ހަމަ އެކަކުވެސް އެރަށަކުން މައްޗެއް ނުވި އެވެ. މިކަމާ އޭނާގެ ގާތަށް އަރާގަތް ރުޅީން އަނބުރާ އޮޑިޔަށް ދިޔައިރު، ދިޔައީ އެރަށުން ރަތް ހާލެއް ހިފައިގެންނެވެ. އޮޑިޔަށް ގޮސް އެ ހެދި މަންތަރެއް ހަދާފައި އޭތި އަނބުރާ ރަށަށް ދޫކޮށްލީ އެވެ. އޭގެ ފަހަށް އެ ހާ ގޮވާލާ ކޮންމެ ފަހަރަކު ރަށުން މީހަކު މަރުވެ އެވެ. މިހެން މަރުވަމުން ގޮސް މުޅި ރަށް އެކީއެކަށް ހުސްވީ އެވެ. އެހެން ރިވާޔަތެއްގައި ބުނާ ގޮތުންނަމަ މުޅި ރަށް އެކީއެކަށްހެން ހުސްވުމުން ބާކީ ތިބި މަދު މީސްކޮޅު ރަށުން ފޭބީ އެވެ.
މިއީ "ކަނި މިންދޫ" ފަޅުވި ގޮތާއި ގުޅޭ ގޮތުން ކިނބިދޫގެ ހުރިހާ މުސްކުޅީންވެސް މި ވާހަކަ ކިޔައިދިން ގޮތެވެ. ރަށް ފަޅުވި ދުވަސްވަރަކާއި ޒަމާނެއް ހޯދުމަށްޓަކައި އިތުރު ދިރާސާތައް ކުރަން ޖެހިފައި ވެ އެވެ. ރަށުގެ ތެރޭގައި ހަރުދަނާ ދިރާސާއެއް ތާރީހީ ގޮތުން ކުރެވިއްޖެނަމަ އިތުރު އައު ހޯދުންތައް ހޯދޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އިތުރު އާސާރުތައް ފެނިގެންދާނެކަމާއިމެދުވެސް ޝައްކެއްނެތެވެ. އޭގެ ސަބަބުން ރާއްޖޭގެ ތާރީހަށް އައު ދިރުމެއް ލިބިގެންދާނެކަމީވެސް ހަމަ ޝައްކެއްއޮތްކަމެއް ނޫނެވެ. އާއެކެވެ. ފަޅުކަމާއި ހިމޭންކަމަކީ ކަނި މީދޫގެ މާޒީކަމުގައި ވެފައެއް ނެތެވެ.
މައުލޫމާތު؛
- ސަގަލަ ސަންފަގެ ވާހަކަ/ ޢަބްދުލްޙަކީމު ޙުސައިންމަނިކު
- ބޮޑުގަލު ލޯމާފާނު
- އެޗްސީޕީ ބެލް ގެ މޮނޮގްރާފް
- ކޮޅުމަޑުލު އުމުރުން ދުވަސްވީ މީހުންގެ ފުށުން ލިބުނު މައުލޫމާތު








