އިންޓަ ސްކޫލް މުބާރާތްތަކުގައި ވާދަކުރާ ސްކޫލްތަކުގެ އަދަދު އިތުރުވެ، ވާދަކުރާ ކުދިންގެ އަދަދު އިތުރުވުމަކީ ހުރިހާ ގޮތަކުން ވެސް ކުޅިވަރަށް ގިނަ ކުރިއެރުން އަންނާނެ ކަމެކެވެ. ރާއްޖޭގައި ބާއްވާ އިންޓަ ސްކޫލް މުބާރާތްތަކުގައި ބޮޑެތި އުމުރުފުރާ ތަކުގައި ވާދަކުރާ ސްކޫލްތަކުގެ އަދަދު މަދެވެ. ހަޔާ ސެކަންޑްރީ ލެވެލްގައި ކިޔަވައިދޭ ސްކޫލުތައް ކުރިން މަދުވުމާއި، ދަރިވަރުންގެ ކިޔުވުމުގެ ކަންކަން މުބާރާތްތަކާއި ދިމާވުމަކީ އެންމެ ބޮޑު އެއް ސަބަބެވެ.
އަނެއްކޮޅުން, މާލޭގައި އޮންނަ އިންޓަ ސްކޫލު މުބާރާތްތަކުގައި އެންމެ މަތީ އުމުރުފުރާގައި ވާދަކުރާ ސްކޫލުތަކުގެ އަދަދު މަދެވެ. އާންމު ގޮތެއްގައި ފެންނަ ތިން ސްކޫލު ކަމަށްވާ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ގިނަ މުބާރާތްތައް ޑޮމިނޭޓްކުރެ އެވެ. މީގެ އެއް ދުވަސް ކުރިން ނިމުނު، އިންޓަ ސްކޫލް އެތްލެޓިކްސް މުބާރާތުގެ 19 އަހަރުން ދަށުގެ ބައިގެ ގަދަ ތިނެއްގައި އޮތީ މި ތިން ސްކޫލެވެ. އަންހެން ބަޔާ ފިރިހެން ބައިގައިވެސް ކުރީގައި އުޅެނީ މި ތިން ސްކޫލެވެ. މި ދެ ސްކޫލުން ވާދަކުރި އެތުލީޓުންގެ އަދަދުވެސް މި އުމުރުފުރާގައި ގިނައީ އެވެ. 19 އަހަރުން ދަށުގައި 13 ސްކޫލަކުން ބައިވެރިވިއިރު، ދެ ސްކޫލަކުން ވާދަކުރީ އެންމެ އެތުލީޓެކެވެ.
ނަވާރަ އަހަރުން ދަށުގެ އަންހެން ބައިގައި ވާދަކުރި ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދު ދިޔައީ އެންމެ ފަހަތަށް ޖައްސާލައި ވާދަކުރި ތިން އިވެންޓުގެ ރަން މެޑަލް ކަރުގައި އަޅުވައިގެންނެވެ. މި ތިން އިވެންޓުން ސްކޫލު މުބާރާތުގެ ރެކޯޑު ވެސް އޭނާ މުގުރާލި އެވެ.
ރެކޯޑުތައް މުގުރާލައި ލަޔާނާ ދެއްކި ފެންވަރާއި ހުނަރު ފެނިފައި ބައެއް މީހުން ހައިރާންވި އެވެ. ނަމަވެސް އޭނާގެ ހުނަރަށްވުރެ ބޮޑަށް ތައުރީފު ހައްގުވަނީ ހައެއްކަ މަސްތެރޭގައި އޭނާ ހޯދި ކުރިއެރުމަށެވެ. ނަވާރަ އަހަރުން ދަށުގެ އުއްމީދީ އެތުލީޓަކީ ގައުމީ ސްކޮޑުގެ އެތުލީޓެކެވެ. އޭނާ އަންނަނީ ގައުމީ ފެންވަރުގެ މުބާރާތްތަކުގައިވެސް ވާދަކުރަމުންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ގައުމީ މުބާރާތާއި ޑިސެމްބަރު މަހު ބޭއްވި ގްރޯން ޕްރީގައިވެސް އޭނާ ވާދަކުރި އެވެ.

މި ފަހަރުގެ އިންޓަ ސްކޫލް އިވެންޓްގައި ލަޔާނާ ދުވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ދެން އޮތީ ހޯދި ކުރިއެރުމުގެ ވާހަކަ އެވެ.
އިންޓަ ސްކޫލްގެ 19 އަހަރުން ދަށުގެ 100 މީޓަރު ދުވުމުގެ ރެކޯޑު ލަޔާނާ ހެދީ 12.99 ސިކުންތުން ދުވެގެންނެވެ. އޭނާ ރަސްމީކޮށް ދުވާ އިވެންޓެއް ނޫން ނަމަވެސް މިއީ ރަނގަޅު ޓައިމިން އެކެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ ގައުމީ މުބާރާތުގެ ތިންވަނަ ހޯދި އަހްނާ ނިޒާރުގެ ޓައިމިން އަކީ 12.88 ސިކުންތެވެ. ޑިސެމްބަރު މަހު އޮތް ގްރޯން ޕްރީގައި ތިންވަ ހޯދި އަހްނާގެ ޓައިމިން އަކީ 12.84 ސިކުންނެވެ.
ދެން އޮތީ 200 މީޓަރު ދުވުމެވެ. މި އިވެންޓުގައި ލަޔާނާ ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތާއި ގްރޯން ޕްރީގައި ދުވެފަ އެވެ. ގައުމީ މުބާރާތުގައި ދުވެ އޭނާ އަށް ހަ ވަނަ ލިބުނުއިރު ޓައިމިން އަކީ 28.51 ސިކުންތެވެ. އޭގެ އެއް މަސް ފަހުން ގްރޯން ޕްރީގައި ދުވެ އޭނާ އަށް ހަތް ވަނަ ލިބުނީ 28.16 ސިކުންތުން ރޭސް ނިންމުމުންނެވެ.
މި ފަހަރުގެ އިންޓަ ސްކޫލުގައި ދުވެ ލަޔާނާ ރެކޯޑު ހެދީ 26.64 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ އެންމެ ފަހުން އޭނާ ގްރޯން ޕްރީގައި ދުވި ޓައިމިން އަށްވުރެ 1.52 ސިކުންތު އަވަސް މިނެކެވެ. ސްޕްރިންޓް އިވެންޓަކަށް ބަލާއިރު މިއީ ބޮޑު ކުރިއެރުމެކެވެ.
ލަޔާނާ އެންމެ ބޮޑު ތަފާތެއް ދެއްކީ 400 މީޓަރު ދުވުމުގަ އެވެ. އޭނާ ރެކޯޑު ހެދީ އެއް މިނެޓު 00.49 ސިކުންތުން ދުވެގެންނެވެ. މިދިޔަ އަހަރުގެ ގްރޯން ޕްރީގައި އޭނާ ދުވި ޓައިމިން އަކީ އެއް މިނެޓު 02.88 ސިކުންތެވެ. މިދިޔަ ހަ މަސް ތެރޭގައި ލަޔާނާ ވަނީ 2.39 ސިކުންތުގެ ކުރިއެރުމެއް ހޯދައިފަ އެވެ.
ލަޔާނާ މި ހޯދި ކުރިއެރުމަކީ ކުރިއަށް ހުރި ބައިނަލްއަގްވާމީ މުބާރާތްތަކަށް ގައުމީ ޖޫނިއާ ޓީމުގެ ނަތީޖާތައް ރަނގަޅުވާނެކަމަށް ދެވޭ ބޮޑު އުއްމީދެކެވެ.

ލަޔާނާއާ ޓްރޮފީ ހަވާލުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޖުލައި މަހު އޮންނަ ކޮމަންވެލްތް ގޭމްސްގެ ސްކޮޑުގައިވެސް ލަޔާނާ ހިމެނެ އެވެ. 12 ދުވުންތެރިން މި ސްކޮޑުގައި ހިމެނޭއިރު، ގޭމްސް އަށް ދާނީ މީގެ ތެރެއިން ހަ ދުވުންތެރިންކަމަށް ބެލެވެ އެވެ.
ކޮންމެ ގޮތެއްވިޔަސް ލަޔާނާ ހަ މަހުން ހޯދި ކުރިއެރުމާ އެކު އޭނާ އަށް އަންހެން އެތުލެޓިކްސްގައި މުހިންމު ހަރުފަތްތަކެއް ގިރާކުރެވޭނެކަމުގެ އުއްމީދު މިހާރު ލިބިއްޖެ އެވެ.
ގާތްގަނޑަކަށް 250 ވަރަކަށް ދަރިވަރުން ކިޔަވަމުން އަންނަ ދާންދޫ ސްކޫލުން ވެސް ކުޅިވަރުގެ އަލިގަދަ ތަރިއެއް އާންމުންނަށް ފެނި މަގުބޫލުވީ އެވެ. ދާންދޫ ސްކޫލުން މި ސާބިތުކޮށްދިނީ ރާއްޖޭގެ އެކި ހިސާބުތަކުގެ ކުޑަ ރަށްރަށުގެ ސްކޫލުތަކުގައި ވެސް ގައުމީ ފެންވަރުގައި ވާދަކުރެވޭނެ ހުނަރުވެރިން ތިބި ކަމެވެ. ބޭނުންވަނީ ކިޔެވުމާއި އެއްވަރަށް ކުޅިވަރުން ވެސް ކުރިއަށްދާން ރަނގަޅު ތަމްރީނާއި ފަހި ފުރުސަތެވެ.












