ހިޔުސްޓަން، އެމެރިކާ (މޭ 28) - ޓެކްސަސްގެ ސްކޫލެއްގައި ބަޑި ޖަހައި 19 ކުދިންނާއި ދެ ޓީޗަރުން މަރުވުމުން ބަޑި ގެންގުޅުމުގެ މުހިއްމުކަން ފެންނަ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"ދުނިޔޭގައި ނުބައި މީހުން އުޅުމަކީ ގާނޫނާ އެއް ގޮތަށް އުޅޭ މީހުންނަށް ހަތިޔާރު ނުލިބެންވީ ސަބަބެއް ނޫން. ނުބައި މީހުން އުޅޭތީވެސް ގާނޫނާ އެއް ގޮތަށް އުޅޭ މީހުންނަށް ފަސޭހަކަމާ އެކު ހަތިޔާރު ގެންގުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ،" އެމެރިކާގެ ނޭޝަނަލް ރައިފަލް އެސޯސިއޭޝަން ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ ބަޑި ގެންގުޅުނު ކޮންޓްރޯލް ކުރަން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ޓެކްސަސްގެ ސްކޫލްގައި ހިނގި ފަދަ ހާދިސާތައް ނުހުއްޓުވޭނެ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ޓެކްސަސްގެ ސްކޫލަކަށް ބަޑި ހިފައިގެން ވަން އުމުރުން 18 އަހަރުގެ ފިރިހެނަކު ވަނީ 19 ކުދިންނާއި ދެ ޓީޗަރުން މަރާލާފަ އެވެ. އޭނާ ހުއްޓުވުމަށް ފުލުހުން ބަޑި ޖެހުމުން، އޭނާ ވެސް ވަނީ މަރުވެފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، ސްކޫލްތަކުގެ ސެކިއުރިޓީ ވަރުގަދަކޮށް، މުޅިން އާ ވިސްނުމަކުން ސްކޫލްތަކާއި ކުދިން ރައްކާތެރި ކުރުމަށް ކުރިއަށް ދާން ޖެހޭ ކަމަށެވެ.
ޓެކްސަސްގެ ސްކޫލްގައި ބަޑި ޖެހުމުން ރައީސް ޖޯ ބައިޑެން ވަނީ ބަޑި ގެންގުޅުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަޅަން މަސައްކަތް ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. އެމަނިކުފާނާއި އަނބިކަނބަލުން ޖިލް، އާދީއްތަ ދުވަހު ހާދިސާ ހިނގި ސްކޫލަށް ޒިޔާރަތް ކުރައްވާނެ އެވެ.
އެމެރިކާގެ ގަން ވަޔަލެންސް އާކައިވްގެ ތަފާސްހިސާބް ދައްކާ ގޮތުން މި އަހަރު އެކަނިވެސް އެ ގައުމުގައި އާއްމު ތަންތަނުގައި ބަޑި ޖެހުމުގެ 214 ހާދިސާ ހިނގާފައިވެ އެވެ.










