ރެއާލްގެ ތާރީހަށް ލިވަޕޫލުން ނުބަލާނެ: ކްލޮޕް

May 28, 2022, 6:13 AM
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް: ފައިނަލުގައި ރެއާލާ އެއް ލެވަލަށް ކުޅެން ބޭނުންވާ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް: ފައިނަލުގައި ރެއާލާ އެއް ލެވަލަށް ކުޅެން ބޭނުންވާ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އޭއެފްޕީ

ޕެރިސް (މެއި 28) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތާރީހަށް ލިވަޕޫލުން ނުބަލާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން ވަނީ ކްލޮޕްގެ ކޯޗުކަމުގައި ރެއާލާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅެފަ އެވެ. ޔޫކްރެއިންގެ ކިއޭވްގައި 2018 ވަނަ އަހަރު ކުޅުނު ފައިނަލުގައި ލިވަޕޫލް އަތުން ރެއާލް މޮޅުވީ 3-1 އިންނެވެ. އޭރު ރެއާލްގެ ކޯޗަކަށް ހުރީ ޒިނެދިން ޒިދާން އެވެ. ލިވަޕޫލުން ވަނީ އޭގެ އެއް ސީޒަން ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ ފައިނަލުގައި 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރުމަށް ފަހު އެވެ.

މިރޭ ލިވަޕޫލުން ރެއާލް ބަލިކޮށްފިނަމަ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ލިބޭނެ އެވެ. މި ވަގުތު ދެ ވަނައިގައި އޮތީ ހަތް ތަށި ހޯދާފައިވާ އޭސީ މިލާން އެވެ. ލިވަޕޫލް ވަނީ ހަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެންމެ ގިނައިން ތަށި ހޯދީ 13 ފަހަރު، ޗެމްޕިއަންކަން ހޯދި ރެއާލް އެވެ.

"ތާރީހަށް ބަލާނަމަ ނޫނީ މި ލެވަލްގެ މެޗުތަކުގެ ނަތީޖާތައް އަނބުރާލައި ކާމިޔާބީތަކުގެ އުފާފާޅުކުރުންތަކަށް ބަލާނަމަ ފޭވަރިޓުންނަކީ އަބަދުވެސް ރެއާލް މެޑްރިޑް، އެކަމަކު، އަހަރެން ބޭނުން މި މެޗުގައި ރެއާލާ އެއް ލެވަލެއްގައި އޮންނަން، ރެއާލަށް ވުރެ ކުރި ހޯދަން، އެހެންވެ، މި ބުނަނީ މި މެޗުގައި ލިވަޕޫލުން ރެއާލްގެ ތާރީހަށް ނުބަލައި، މެޗަށް ފޯކަސް ކުރުން މުހިންމޭ،" ކްލޮޕް ބުންޏެވެ.

ފައިނަލުގެ ކުރިން ލިވަޕޫލުން ބޭއްވި ފަހު ޕްރެކްޓިހުގެ ތެރެެއިން.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން މި ސީޒަނުގައި ހަތަރު ތަށްޓަށް ވާދަކުރި އެވެ. އެ ގޮތުން ލީގު ކަޕާއި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ނަމަވެސް އެއް ޕޮއިންޓްގެ ފަރަގުން އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި ލިވަޕޫލް ފަހަތަށް ދިޔައީ އެވެ.

ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ހޯދުމުން، ކްލޮޕް ހުރީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ފެންބޮވައިގަނެފަ އެވެ. އަނެއްކޮޅުން 2018 ވަނަ އަހަރުގެ ބަދަލު ހިފައި ރެއާލް ބަލިކުރުމަކީ ވެސް ލިވަޕޫލްގެ އަމާޒަކަށްވާނެ އެވެ.

"މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ މި މެޗު (ޗެމްޕިއަންސް ލީގު ފައިނަލް) ލިވަޕޫލަށް ހޯދައިދޭން. ރެއާލްގެ ކާމިޔާބީތަކުގެ ވާހަކަ އަހަރެމެންނަށް ދެއްކިދާނެ ފޮތެއް ލިޔެވޭހާ މިންވަރަށް. އެކަމަކު، މި ވަގުތު ހިނގާ އަހަރެމެން މި ސީޒަނުގައި މި ހިސާބަށް އަންނަން ކުރި މަސައްކަތުގެ ވާހަކަ ދައްކައި، އަހަރެެެމެން ފައިނަަލަށް މޯޓިވޭޓް ކުރަމާ،" ކްލޮޕް ބުންޏެވެ.

ފައިނަލަށް ނުކުންނައިރު، ކްލޮޕަށް ލިބުނު އެންމެ އުފާވެރި ހަބަރަކީ އަނިޔާއިން ރަނގަޅުވެ، ތިއާގޯ އަލްކަންޓާރާ އާއި ފަބީނިއޯ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އައުމެވެ. އަދި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނުފެނުނު ވާޖިލް ވެން ޑައިކް ވެސް މި މެޗަށް އެނބުރި އަންނާނެ އެވެ.

ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ބުނީ އަންނަ ސީޒަނުގައި އޭނާ ހުންނާނީ ލިވަޕޫލްގައި ކަމަށާއި މި ވަގުތު ހުރިހާ ފޯކަސް އެއް ހުރީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށެވެ. ލިވަޕޫލަށް ކުޅޭ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭ އުފާވެރި ހަބަރެއް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ދޭނެ ކަމަށެެވެ. މާނޭ ހޯދަން ބަޔާން މިއުނިކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލާއި ރެއާލް ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox