އަޕިއާ، ސަމޯއާ (މޭ 28) - ދެކުނު ޕެސިފިކް ސަރަހައްދަށް ޗައިނާގެ ފޮރިން މިނިސްޓަރު މިހާރު ކުރައްވަމުން ގެންދާ ދަތުރުގެ ތެރެއިން ސަމޯއާއާ އެކު އިތުރަށް މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސޮއިކުރި އެއްބަސްވުމުގެ ތަފްސީލް ސާފު ނުވާ ކަމަށް ނޫސްތަކުން ބުނެ އެވެ. ނަމަވެސް ކުރިން ލީކުވި ޑްރާފްޓެއްގައިވާ ގޮތުން އެއްބަސްވުމުގައި ހިމެނެނީ ސަލާމަތާއި އިގްތިސާދީ ގުޅުން ވަރުގަދަކޮށް، ކުރިއެރުވޭނެ ގޮތުގެ ޕްލޭނެކެވެ.
ޗައިނާގެ އިސް ވަފުދަކުން ޕެސިފިކް ކަނޑުގެ އަށް ގައުމަކަށް ފަށައިގެން އުޅޭ ދަތުރުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވެ އެވެ. ހުޅަނގުގެ ވެރިން ގޮވާލާފައި ވަނީ ޕެސިފިކް ކަނޑުގައި ޗައިނާގެ ނުފޫޒު ފެތުރޭނެ ގޮތްތަކަށް އެއްބަސްނުވުމަށެވެ.
ސަމޯއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި ސަމޯއާގެ ބޮޑު ވަޒީރު ފިއަމޭ ނައޯމީ މަތައާފާ ބައްދަލުކުރައްވައި މޫސުމީ ބަދަލާއި، ކޮވިޑް ބަލުމަޑުކަމާއި ސުލްހަ އާއި ސަލާމަތާ ގުޅޭ މަޝްވަރާ ކުރެއްވި ކަމަށެވެ.
ބަޔާނުގައި ބުނީ ސަމޯއާގެ ތަރައްގީއަށް ކުރާ އިންފްރާސްޓްރަކްޗާ މަސައްކަތްތަކަށް ޗައިނާއިން އެހީ ފޯރުކޮށްދެމުން ދާނެ ކަމަށާއި މުސްތަގްބަލްގައި ހިންގާނެ ޕްރޮޖެކްޓްތަކާ ގުޅޭ މުޅިން އާ ފްރޭމްވޯކެއް ދެ ގައުމު ގުޅިގެން ތައްޔާރު ކުރާނެ ކަމަށެވެ.
ސަމޯއާއަށް ދިޔުމުގެ ކުރިން ޗައިނާގެ ވަފުދުން ވަނީ ސޮލޮމިން އައިލެންޑްސް އާއި ކިރިބަޓީއަށް ވެސް ދަތުރުކޮށްފަ އެވެ. ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެ ވަފުދުން ދާނީ ފިޖީ އަށެވެ. ދަތުރުގައި ދެން ހިމެނޭ މަންޒިލްތަކަކީ ޓޮންގާ، ވަނުއަޓޫ، ޕަޕުއާ ނިއު ގިނީ އަދި އީސްޓް ޓިމޯ އެވެ.










