އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކަށް ގދ. އަތޮޅު ތައުލީމީ މަރުކަޒާއި ފުވައްމުލަކުގެ މުހައްމަދު ޖަމާލުއްދީން ސްކޫލް ހޮވިއްޖެ އެވެ.
މިމަހުގެ 25-27 އަށް މާލޭގައި ކުރިއަށް ގެންދިޔަ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 47 ސްކޫލަލުން 1839 އެތުލީޓުން ވާދަކުރި އެވެ. މުބާރާތުގައި ވަނީ 13 ،15، 17، 19 އަހަރުން ދަށުގެ ކެޓަގަރީތަކުގައި ޖުމްލަ 102 އިވެންޓެއް ކުރިއަށް ގެންގޮސްފަ އެވެ.
މި އަހަރު މުބާރާތުގެ އެންމެ މޮޅު ސްކޫލުގެ ބައިން އެންމެ ގިނަ ވަނަ ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޏ. ފުވައްމުލަކު، މުހައްމަދު ޖަމާލުއްދީން ސްކޫލެވެ.

މި ފަހަރުގެ އިންޓަ ސްކޫލް މުބާރާތުގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 22 ސްކޫލަކުން ވާދަކުރި 17 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލުގެ މަގާމް ހޯދައިފަ އެވެ. މި ބައިގައި އެ ސްކޫލުގެ ފިރިހެން ޓީމުން މުބާރާތުގެ ދެ ރެކޯޑެއް މުގުރާލިއިރު، އެ ސްކޫލުގެ އިބްރާހިމް ނާހިލް ނިޒާރު ވަނީ ގައުމީ އިންޑިވިޖުއަލް ތިން ރެކޯޑެއް މުގުރާލައިފަ އެވެ.
ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ އިތުރުން ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 15 އަހަރުން ދަށުގެ ފިރިހެން ބައިން ދެ ވަނަ، އަންހެން ބައިން ތިން ވަނަ އަދި 17 އަހަރުން ދަށުގެ އަންހެން ބައިން ތިން ވަނަ ސްކޫލުގެ މަގާމް ވެސް ހޯދައިފަ އެވެ.
މި ފަހަރު އެންމެ ކާމިޔާބު އެއް ސްކޫލުގެ ގޮތުގައި ފެނުނު މުހައްމަދު ޖަމާލުއްދީން ސްކޫލުން ވަނީ 27 ސްކޫލަކުން ވާދަކުރި 13 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލުގެ މަގާމް ހޯދައިފަ އެވެ. މީގެ އިތުރުން 13 އަހަރުން ދަށުގެ އަންހެން ބައިގެ ތިން ވަނަ ވެސް އެ ސްކޫލުން ހޯދި އެވެ.
މުހައްމަދު ޖަމާލުއްދީން ސްކޫލުން ވަނީ 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިން ވަނަ އާއި 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ތިން ވަނަ އަށް އެންމެ މޮޅު ސްކޫލުގެ މަގާމް ވެސް ހޯދާފަ އެވެ.

ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން އަހުމަދިއްޔާ އެތުލީޓުންނާ ޓްރޮފީ ހަވާލުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މުބާރާތުގައި ވަނަ ހޯދި އެހެން ސްކޫލުތަކަށް ބަލާއިރު، އެންމެ ގިނަ ސްކޫލުން ވާދަކުރި 13 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަފީފުއްދީން ސްކޫލެވެ. މި ބައިގައި 29 ސްކޫލަކުން ވާދަކުރި އެވެ. 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އިސްކަންދަރު ސްކޫލުން ހޯދިއިރު، އަންހެން ބައިގެ އެއް ވަނަ ސްކޫލަކީ ޖަލާލުއްދީން ސްކޫލެވެ.
ސަތާރަ އަހަރުން ދަށުގެ އަންހެން ބައިގެ އެންމެ މޮޅު ސްކޫލަކަށް ޝަރަފުއްދީން ސްކޫލް ހޮވުނުއިރު، 19 އަހަރުން ދަށުގެ ފިރިހެން އެއް ވަނަ ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ.

އިންޑިވިޖުއަލް ވަނަ ތަކަށް ބަލާއިރު، 15 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ އިސްކަންދަރު ސްކޫލުގެ ޔޫސުފް އަޔާން އާމިރު އެވެ. މިބައިގެ އަންހެން އެންމެ މޮޅު އެތުލީޓަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާޠިމަތު މާއިން ފަރީދު އެވެ.
ސަތާރަ އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނާހިލް ހޮވުނުއިރު، މިބައިގެ އަންހެން އެންމެ މޮޅު އެތުލީޓަކީ އަންހެން ބައިގެ އެއް ވަނަ ސްކޫލުގެ މަގާމް ހޯދި ޝަރަފުއްދީން ސްކޫލްގެ ހައްވާ މިޒްނާ ފާއިޒް އެވެ.
ނަވާރަ އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކީ ޢިމާދުއްދީން ސްކޫލުގެ އަޙްމަދު ވިޝާމް އެވެ. އަދި އަންހެން އެންމެ މޮޅު އެތުލީޓަކީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދު އެވެ.












