މިއުނިކް (މެއި 25) - މިދިޔަ ދެ އަހަރު ފީފާ އިން ހޮވި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި، ބަޔާން މިއުނިކްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އެދުނަސް އޭނާ ބާސެލޯނާ އަށް ދޫކޮށްލަން ބަޔާނުން ދެކޮޅު ހަދަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް ބަޔާންގެ ކޮންޓްރެކްޓްގައި ހުރި ލެވަންޑޯސްކީ އަންނަ ސީޒަނުގައި ބަޔާނުން ނުފެނިދާނެ ކަމަށް ވަނީ މި ފަހަރު ޖަރުމަނު ލީގުގެ ފަހު މެޗަށް ފަހު ބުނެފަ އެވެ. އެކަމަކު، ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަަސަން ސަލިހަމްދްޒިޗް ބުނީ ކޮންޓްރެކްޓެއް އޮއްވައި، ބަޔާނުން ލެވަންޑޯސްކީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ލެވަންޑޯސްކީ، 33، ބާސެލޯނާއާ އެކު ތިން އަހަރުގެ ކޮންޓްރެކްޓެއް އެއްބަސްވެފައިވާ ކަމަށް ޕޮޮލެންޑްގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒާއި ބާސެލޯނާގެ ރައީސް ޖޮއާްން ލަޕޯޓާ އާއި ލެވަންޑޯސްކީގެ އޭޖެންޓް ދާދި ފަހުން ބައްދަލުކުރި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ލެވަންޑޯސްކީ އަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާން ދޫކޮށްލެވޭނީ އެ ކްލަބުން ކިޔާ އަގެއް ބާސެލޯނާ އިން ދޭނަމަ އެވެ. އެކަމަކު، ބަޔާނުގެ ވިސްނުމަކީ މި ވަގުތު ބާސެލޯނާ އަށް ނުދެވޭނެ އަގެއް ކިޔައި ޑީލް ދިގުލައިގެންދިއުމެވެ.
ބާސެލޯނާ އިން އޮތީ ލެވަންޑޯސްކީގެ ސޮއި ހޯދަން މެމްފިސް ޑިޕާއި އާއި 20 މިލިއަން ޑޮލަރު ދޭން ތައްޔާރަށެވެ. އެކަމަކު، އެ ޑީލަށް ބަޔާނުން އެއްބަހެއް ނުވެ އެވެ. ބަޔާނުން ލެވަންޑޯސްކީ ވިއްކާލަން ކިޔާ އަގު އުޅެނީ 50 މިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަޔާންގެ ވިސްނުން ހުރީ ކޮންޓްރެކްޓް ނިމެންދެން ލެވަންޑޯސްކީ ލައްވައި ބަޔާނަށް ކުޅުވުމަށެވެ. އަދި އެހާތަނަށް ކުރެވުނު ވަރަކަށް ލެވަންޑޯސްކީގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތް ކުރުމަށެވެ. ބަޔާނުން ލެވަންޑޯސްކީ އަށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން އޮތީ ތައްޔާރަށެވެ.
ލެވަންޑޯސްކީ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 373 މެޗުން 343 ގޯލު ޖަހައިފަ އެވެ. ބަޔާނާ އެކު 19 ތަށި ހޯދިއިރު، އޭގެ ތެރޭގައި ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް އެއް ފަހަރު ޖަރުމަނު ލީގު އަށް ފަހަރު ހިމެނެ އެވެ.












