މި އަހަރުގެ އެންމެ ފޯރިގަދަ އެތުލެޓިކްސް މުބާރާތް ކަމަށްވާ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ރެކޯޑު އަދަދެއްގެ އެތުލީޓުންނާ އެކު މިއަދު ފަށައިފި އެވެ.
މި އަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި 47 ސްކޫލަކުން 1،839 އެތުލީޓުން ވާދަކުރެ އެވެ. ޖުމްލަ 47 ސްކޫލުގެ ތެރޭގައި ހިމެނެނީ މާލޭގެ 22 ސްކޫލަކާއި އަތޮޅު ތެރޭގެ 25 ސްކޫލެކެވެ.
މިއަހަރުގެ މުބާރާތުގައި ހަތަރު އުމުރުފުރާއެއްގައި 102 އިވެންޓެއް ކުރިއަށްދާނެ އެވެ. ސްކޫލްތަކުގެ އެތުލީޓުން ވާދަކުރާ އުމުރުފުރާ ތަކަކީ 13 ،15، 17، 19 އަހަރުން ދަށުގެ ކެޓަގަރީތަކުގަ އެވެ.
މި މުބާރާތުގެ ކުރިން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ޓެކްނިކަލް އޮފިޝަލުން ތަމްރީން ކުރުމުގެ ގައުމީ ފެންވަރުގެ ކޯހެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި މަހުގެ 20 ވަނަ ދުވަހު ފެށި މި ކޯހުގެ ބައިވެރިން އަންނަނީ އިންޓަ ސްކޫލް މުބާރާތުގެ ތެރޭގައި ކޯހުގެ ޕްރެކްޓިކަލް ބައި ފުރިހަމަ ކުރަމުންނެވެ.

އިންޓަ ސްކޫލް މުބާރާތުގެ ލޯންގް ޖަމްޕްގެ އިވެންޓެއް ކުރިއަށްދަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް (މުންތޭ)، "އަދަދު" އަށް ވިދާޅުވީ މި މުބާރާތަކީ މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު އިންޓަ ސްކޫލް މުބާރާތަށް ވާނެ ކަމަށެވެ. އަދި ސްކޫލްތަކުން މި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް މުންތަގިމް ފާހަގަކުރެއްވި އެވެ. އެހެންކަމުން، އެސޯސިއޭޝަނުން ވެސް ވަރަށް ބޮޑު އިސްކަމެއް އަބަދު ވެސް މި މުބާރާތަށް ދެމުން އަންނަކަން މުންތޭ ވިދާޅުވި އެވެ.
"ރަށްރަށުގެ ސްކޫލްތަކުން ވެސް ވަރަށް ބޮޑަށް ތައްޔާރުވެފައި ތިބިކަން ފާހަގަކޮށްލެވޭ. ޖުމްލަ 1،839 އެތުލީޓުންނަކީ ވަރަށް ބައިވަރު. ވަރަށް ބުރަކޮށް ދާނެ މުބާރާތެއް މިއީ" މުންތޭ ވިދާޅުވި އެވެ.
މުބާރާތުގައި މިއަދު ފަށާފައި ވަނީ 100 މީޓަރު ދުވުމުގެ ހީޓުތަކުންނެވެ. މީގެ އިތުރުން އެކި އުމުރުފުރާގެ ޖެވްލިން ތުރޯ، ލޯންގް ޖަމްޕް އަދި ހައި ޖަމްޕްގެ އިވެންޓްތައް ވެސް ކުރިއަށްދިޔަ އެވެ. އެންމެ ފޯރިގަދަ ބައިކަމަށްވާ ޓީމް ރިލޭތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތް މި އަހަރު މި ބާއްވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގަ އެވެ. މިއީ މާލޭ ސިންތެޓިކް ޓްރެކް ހުޅުވި ފަހުން އެ ތަނުގައި ބާއްވާ ފުރަތަމަ އިންޓަ ސްކޫލް މުބާރާތެވެ.












