ރިޕޯޓުފަރުދާގެ ދެ ފަރާތް: މިއީ ޝައުނާގެ ވާހަކަ

ފަރުދާގެ ދެ ފަރާތް: މިއީ ޝައުނާގެ ވާހަކަ

ޝައުނާއަކީ ކޮން ބޭފުޅެއްތޯ؟ އޭނާގެ ކާމިޔާބުގެ ފަހަތުގައި ވަނީ ނުފޫޒު ގަދަ އާއިލާއެއްތޯ؟ ނުވަތަ ފައިސާ ހުރި ފިރިކަލުންނެއްތޯ؟ ނޫން ނަމަ އޭނާގެ ފަހަތުގައި ވަނީ ބުރަ މަސައްކަތާއި ވަފާތެރިކަމާއި އިލްމާއި ހޯދަމުން ދިޔަ ތަޖުރިބާ އާއި ހިތްވަރު ދޭނެ އާއިލާއަކާއި ރަހުމަތްތެރިން ނޫންބާވަ؟

ޝައުނާ "އަދަދު" އަށް އިންޓަވިއު ދެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން: ރައީސް ނަޝީދު ސަރުކާރު ހިންގެވުމަށް ނެންގެވި ޓީމުގައި ހިމެނުނީ އުމުރުން 23 އަހަރުގައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ޝައުނާ "އަދަދު" އަށް އިންޓަވިއު ދެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން: ރައީސް ނަޝީދު ސަރުކާރު ހިންގެވުމަށް ނެންގެވި ޓީމުގައި ހިމެނުނީ އުމުރުން 23 އަހަރުގައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސ. ހުޅުދޫ، ކައިދަގޭ ހައްވާ މަނިކެ އާއި ރަހާގޭ ހުސެއިން މަނިކުފާނު، އެ ދެމަފިރިންގެ އެންމެ ހަގު ދަރިފުޅު އައިމިނަތު ޝައުނާގެ ދިރިއުޅުން ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަށް ބަދަލު ކުރީ ތައުލީމަކަށްވާ ކަހަލަ ތައުލީމެއް ދިނުމުގެ ގަސްދުގަ އެވެ.

ޝައުނާގެ ދިރިއުޅުން ތަގުދީރުވެ، ތާރީހުވެގެންދާއިރު ލިޔެވިފައި އޮންނާނީ، ހައްވަ އާއި މަނިކުގެ ހަގު ދަރިފުޅަކީ ވެރިކަމުގެ މަތީ ފަޑީގައި، ރައީސުންގެ އަރިހުގައި ގައުމު ހިންގުމުގެ މަސައްކަތުގައި އުޅުނު ބޭފުޅެއްގެ ގޮތުގައިކަން، އެއިރު އެ ދެމަފިރިންނަކަށް ނޭނގެ އެވެ.

އެކަމަކު އެކަން ހިނގީ އެގޮތަށެވެ.

"އެންމެ ފުރަތަމަ ކާރަކަށް އެރިއިރު ވެސް ހިތަށް އެރީ ފައިވާން ބާލާފައޭ ކާރަށް އަރަންޖެހޭނީ. ކާރު ވަރަށް ރީތި އެއްޗަކަށްތާ ވާނީ. ފޯމަލް ސްކޫލިން ފެށީ ވެސް މާލެ އައިސް އިސްކަންދަރުގަ. އެއިރު ނޭނގޭ މާލެ ބަހެއް ވެސް. އިނގިރޭސި ބަހެއް ވެސް އެހާ ރަނގަޅަކަށް ނޭނގޭނެ،" އުމުރުން ހަ އަހަރުގައި މަންމައާއެކު މާލެއަށް ހިޖުރަކުރި ދުވަސްވަރުގެ ހަނދާން އާ ކުރައްވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޝައުނާ ވިދާޅުވި އެވެ.

ނެޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތުގައި ހުންނަ ތިމާވެއްޓާ ބެހޭ ވަޒީރުގެ ކޮޓަރީގައި "އަދަދު" ނޫހުން ހޭދަކުރި އެއް ގަޑިއިރުގެ ތެރޭގައި އެނގުނު ކަމަކީ، ނޫސްވެރިއެއްގެ ގޮތުގައި ޝައުނާ ދަނެފައި، އޭގެ ފަހުން އިތުބާރުހިފޭ މަސްދަރެއްގެ ގޮތުގައި އެނގިފައި، މިހާރު ޒިންމާދާރު ކުރުވަންޖެހޭ މަމާގެއްގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ބަލަންޖެހުނުއިރު ވެސް ޝައުނާއަކީ ކާކުކަމުގެ ކުޑަމިންވަރެއް ވެސް ނޭނގޭ ކަމެވެ.

މިނިސްޓަރު ޝައުނާ އަދަދަށް އިންޓަވިއު ދެއްވަނީ: ޒުވާން މިނިސްޓަރުގެ ހަޔާތުގެ ވާހަކަފުޅުތައް ވިދާޅުވަމުން ގެންދެވީ ދަސްވި ކޮންމެ ފިލާވަޅަކަށް ކްރެޑިޓް ދެއްވަމުން  އަދަދު ފޮޓޯ: މުހައްމަދު ޝާބިން
މިނިސްޓަރު ޝައުނާ އަދަދަށް އިންޓަވިއު ދެއްވަނީ: ޒުވާން މިނިސްޓަރުގެ ހަޔާތުގެ ވާހަކަފުޅުތައް ވިދާޅުވަމުން ގެންދެވީ ދަސްވި ކޮންމެ ފިލާވަޅަކަށް ކްރެޑިޓް ދެއްވަމުން އަދަދު ފޮޓޯ: މުހައްމަދު ޝާބިން

މިނިސްޓަރު ޝައުނާ އަދަދަށް އިންޓަވިއު ދެއްވަނީ: ޒުވާން މިނިސްޓަރުގެ ހަޔާތުގެ ވާހަކަފުޅުތައް ވިދާޅުވަމުން ގެންދެވީ ދަސްވި ކޮންމެ ފިލާވަޅަކަށް ކްރެޑިޓް ދެއްވަމުން އަދަދު ފޮޓޯ: މުހައްމަދު ޝާބިން

ވަޒީރު ޝައުނާއަކީ ކޮން ބޭފުޅެއްތޯ އެވެ؟ ޝައުނާގެ ކާމިޔާބުގެ ފަހަތުގައި ވަނީ މީގެ ކުރިން އެފަދަ މަގާމުތަކަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ފަދައިން ނުފޫޒު ގަދަ އާއިލާއެއްތޯ އެވެ؟ ނުވަތަ ފައިސާ ހުރި ފިރިކަލުންނެއްތޯ އެވެ؟ ނޫން ނަމަ ޝައުނާގެ ފަހަތުގައި ވަނީ ބުރަ މަސައްކަތާއި ވަފާތެރިކަމާއި އިލްމު ހޯދަމުންދިޔަ ތަޖުރިބާ އާއި ހިތްވަރު ދޭނެ އާއިލާއަކާއި ރަހުމަތްތެރިން ނޫންބާވަ އެވެ؟

ޝައުނާގެ ދިރިއުޅުން މާލެ ބަދަލު ކުރުމަށްފަހު އާއިލާއާއެކު އުޅުއްވަމުންދިޔައީ އާދައިގެ ދިރިއުޅުމެވެ. އަތުގަ ބައިވަަރު ފައިސާތަކެއް ނުހުރެ އެވެ. ގެއަށް ކުލި ދައްކާފައި، އާއިލާއަށް ދެން ކުރަންޖެހޭ ހަރަދު ބަލަހައްޓަނީ ކުއްޔަށް ނަގައިގެން އުޅޭ އެޕާޓްމަންޓުން ކޮޓަރިއެއް އިތުރު ބަޔަކަށް ދޫކޮށްގެނެވެ. އަޑުއަހާލިއިރު ޝައުނާގެ ދިރިއުޅުމަކީ ގިނަ ރަހުމަތްތެރިންނާއި އެކުގައި ވަޒީފާ އަދާ ކުރާ މީހުންނާއި ދަންނަ މީހުންނާއި ބައްދަލުވާ މީހުންގެ ވެސް ވާހަކަ އެވެ.

އެކަމަކު، ޝައުނާގެ ތަފާތަކަށްވީ ކަންކަން ދަސް ކުރުމަށް ވަރަށް މޮޅުވުމެވެ. ކިޔަވަން އުޅުނުއިރު އަބަދުވެސް ލިބެނީ އޭ ސްޓާ އެވެ. މަދަރުސާގެ އޯލް-ރައުންޑް އެންމެ މޮޅު ދަރިވަރުގެ މަގާމު އަމީނިއްޔާ ސްކޫލުން ދިނީ އޭނާއަށެވެ. އެހެން ހުއްޓައި، އިތުރަށް އުނގެނުމަށް ޝައުނާއަށް މަގުފަހިވީ، އޯލެވެލްގެ ނަތީޖާ ބަލައިދިޔަ ދުވަހު ފެނުނު އިސްތިހާރަކުންނެވެ.

"ނަތީޖާ ދޫކުރާ ކޮޓަރިއަށް ވަންނަ ދޮރުގަ އިނީ ޖަހާފައި 'އާ ޔޫ ޕްރެޕެއާޑް ޓު ލީވް ހޯމް ފޯ ޓޫ ޔިއާސް" އޭ ޖަހާފަ. ދެން ހިތަށް އެރީ ކުރިމަތިލާންވެއްޖެއޭ މި ފުރުސަތަށް. ދެން އިންޓަވިއުއަށްފަހު ޕްރޮގްރާމަށް ހޮވިއްޖެ،" ދުނިޔެއަށް މަޝްހޫރު ޔުނައިވެޓް ވޯލްޑް ކޮލެޖާސްގެ ޕިއާސަން ކޮލެޖް، ކެނެޑާގައި 2002 ވަނަ އަހަރު ކިޔަވަން ލިބުނު ފުރުސަތުގެ ވާހަކަ ޝައުނާ ހިއްސާ ކުރެއްވި އެވެ.

އަދަދު ފޮޓޯ/މުހައްމަދު ޝާބިން

ޕިއާސަން ކޮލެޖުގައި ޝައުނާ ހޭދަ ކުރެއްވި ދެ އަހަރު އަގު ނުކުރެވޭނެ ފަދަ ތަޖުރިބާތަކެއް ލިބިވަޑައިގެންނެވި އެވެ. ޝައުނާގެ އަމިއްލަ ބަހުން ނަމަ، ދުނިޔެއަށް ލޯ ހުޅުވި، ކަންކަމާމެދު ފިކުރުކުރަން ދަސްވެ، އެކި ހިޔާލުތަކުގެ އެކި މީހުންނާއެކު ވަގުތު ހޭދަ ކުރުމަށް މަގުފަހިވީ ކޮލެޖުންނެވެ. ޝައުނާ ކިޔެވި ބެޗުގައި، ފަލަސްތީނުގެ ދަރިވަރަކާއި ފަލަސްތީނުގެ ބިމުގެ ބައެއްގައި މިހާރު ދިރިއުޅޭ އިޒްރާއީލްއަށް ނިސްބަތްވާ ދަރިވަރަކު، އެއް ކޮޓަރިއެއްގައި ދިރިއުޅުނެވެ. އެ ދެމީހުންގެ ޒުވާބާއި އެކަކު އަނެކަކުގެ ތަރަހައިގެ ތެރެއަށްނުވަދެ ދިރިއުޅުނު ގޮތާއި އަނެކާގެ ވިސްނުމަށް ދިން އިހްތިރާމަކީ އެކަމުން ޝައުނާ އަބަދުވެސް ފިލާވަޅު ލިބިގަންނާނޭ ކަންކަމެވެ.

"ކޮޮލެޖުން އަޅުގަނޑަށް ދަސްވީ ވާހަކަ ދެކެވުމުގެ މުހިންމުކަން. ހަމަނުޖެހުމެއް ކުރިއާލާ ހުއްޓުވުމަށް އެއް ބަޔަކު އަނެއް ބަޔަކަށް ދަސްވެ، އެނގެންޖެހޭ. މިކަން ކުރެވޭނީ ދެބައި މީހުން ވާހަކަ ދައްކައިގެން. ކޮލެޖުގެ ވަރަށް ބޮޑު ބޭނުމެއް އެއީ ޑަޔަލޮގް ކްރިއޭޓް ކުރުން، ހަމައެކަނި ކިޔެވުމެއް ނޫން،" ޝައުނާ ވިދާޅުވި އެވެ.

ކެނެޑާގައި ދެ އަހަރު ހޭދަ ކުރިފަހުން އަނެއްކާ ވެސް ޝައުނާ އިތުރު ފުރުސަތެއް ލިބުނެވެ. މިފަހަރު އެމެރިކާގެ މިޒޫރީގައި ހުންނަ ވެސްޓްމިންސްޓާ ކޮލެޖުގައި ސްކޮލާޝިޕެއްގެ ދަށުން ކިޔެވުމަށެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، އިގްތިސާދާއި ޕޮލިޓިކަލް ސައިންސާއި ތިމާވެށިން މޭޖާވެ، ޑިގްރީއެއް ނެންގެވި އެވެ. އެ ޔުނިވާސިޓީން މާސްޓާސް ހެދުމަށް ވެސް ޝައުނާއަށް ހުށަހެޅި އެވެ. އެކަމަކު އެ ފުރުސަތު އެގޮތަށް ބާއްވާފައި ޝައުނާ އެނބުރި އުފަން ފަސްގަނޑަށް އައީ ގައުމުގައި ބާއްވާ ފުރަތަމަ ޑިމޮކްރެޓިކް އަދި 18 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށެވެ.

"ރާއްޖެ އައިސް ފުރަތަމަ 2008 ގައި ދިޔައީ މިނިވަން ނިއުސްއަށް ތަރުޖަމާ ކުރަން. އެކަމަކު ދުވަސްކޮޅެއް ފަހުން ޖުޑިތު [އެޑިޓަރު] ބުނެފި މިހާރު ހަބަރު ވެސް ލިޔަންވީއޭ. ދެން ޕްރެސް ކާޑެއް ވެސް ދީފަ ނޫސްކޮންފަރެންސްތަކަށް ފޮނުވަން ފެށީ. އަޅުގަނޑު ފުރަތަމަ ދިޔައީ ރައީސް މައުމޫން [އަބްދުލްގައްޔޫމް] ފެހި ގާނޫނު އަސާސީ ތަސްދީގު ކުރައްވާފައި ބޭއްވި ނޫސްކޮންފަރެންސަށް،" ފުރަތަމަ ކުރި މަސައްކަތެއްގެ ގޮތުން ނޫސްވެރިކަމުގެ ތެރެއަށް ވަދެވުނު ގޮތް ޝައުނާ ކިޔައިދެއްވި އެވެ.

އަދަދު ފޮޓޯ/މުހައްމަދު ޝާބިން

ޝައުނާގެ ފުރަތަމަ މަސައްކަތުގައި އޭނާ ކުރިއަށްދިޔައީ ކިޔަވަން ލިބުނު ފުރުސަތުގައި ބޭނުން ހިފި ގޮތަށް، ވަރަށް މޮޅަށް، ވަރަށް އަވަހަށެވެ. މިނިވަން ނޫސްވެރިކަމަށް އެއިރު ރާއްޖެ ހޭލަމުންދިޔައިރު ސަރުކާރާ ދެކޮޅަށް ފާޑުކިޔުމުގެ މާ ބޮޑު ހިތްވަރެއް ހުރިހާ ނޫސްވެރިންގެ ކިބައަކު ނެތެވެ. އެކަމަކު ޝައުނާގެ ބިރެއް ނެތެވެ. އަދި ލިބުނު އެންމެ ފުރަތަމަ ފުރުސަތުގައި ޝައުނާ އެކަން ދެއްކެވި އެވެ.

"މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ޑިމޮކްރެޓިކް ސިޔާސަތުގެ ދަށުން ކަމަށް އާ ގާނޫނު އަސާސީއެއް އެކުލަވާލީ. ސުވާލު ކުރަން ފުރުސަތު ދިން ތިން މީހުންގެ ތެރެއިން އަޅުގަނޑަށް ފުރުސަތު ލިބިގެން އެހީ 'ދެން ކީއްވެތޯއޭ މަނިކުފާނު އެހާ ލަސްވީ'. އޭގެ ފަހުން އަޅުގަނޑު ރައީސް އޮފީހަކަށް ނުވައްދާ،" ނޫސްވެރިއެއްގެ ގޮތުގައި ޝައުނާ ފުރަތަމަ ރާއްޖެއަށް ފެނުނު ދުވަހުގެ ވާހަކަ ޝައުނާ ވިދާޅުވި އެވެ.

ގިނަ ޕާޓީ އެކުލެވޭ ގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ އިންތިހާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވި އިރު ނޫސްވެރިއެއްގެ ގޮތުގައި ޝައުނާ ހުރީ ވަރަށް ބޮޑަށް ފާހަގަވެފަ އެވެ. ނަޝީދަށް ވެސް ހުންނެވީ ޝައުނާގެ މަސައްކަތް ފެނިވަޑައިގަނެފަ އެވެ. އަދި ސަރުކާރު ހިންގުމަށް އެމަނިކުފާނު ހަމަކުރައްވަމުން ގެންދެވި ޓީމަށް ޝައުނާ ނަންގަވަން ބޭނުންފުޅުވި އެވެ.

"ޕްރެޒިޑެންޑްޓް އިލެކްޓުގެ ރިސެޕްޝަނުގައި ދިމާވެގެން ނަޝީދު ވިދާޅުވީ ޓީމަށް ޖޮއިން ކުރަންވީނޫންހޭ. ދެން އޭގެ އަނެއް ދުވަހު އެމަނިކުފާނުގެ ސެކްރެޓަރީ ގުޅާފައި ވިދާޅުވީ އެޗްއީޕީ ބޭނުންފުޅުވެއޭ ބައްދަލު ކުރައްވަން. ރައީސްއާ ބައްދަލު ކުރައްވަން ދިޔައީމަ ވިދާޅުވީ ޕްރެސް ޓީމާ ގުޅެންވީ ނޫންހޭ. އަޅުގަނޑު ދެންނެވިން ނޫނެކޭ. އަޅުގަނޑު ބޭނުމެއް ނޫނޭ ނޫސްވެރިކަމުގެ މިފަޅީގައި ހުރެފަ ތިފަޅިއަށް ދާކަށް. ދެން އޭގެ އަނެއް ދުވަހު ރައީސް އޮފީހުން އަހުމަދު ސައީދު [ކޮއްޓޭ] ގުޅުއްވާފައި ވެސް ވިދާޅުވި ވަޒީފާގެ ވާހަކަ. އޭގެ ފަހުން އިބްރާހިމް ހުސެއިން ޒަކީ އަދި ހާމިދު އަބްދުލްޣަފޫރު ވަޑައިގެންނެވީ އަޅުގަނޑުމެން ގެއަށް އެ ވާހަކަ ދައްކަން،" ޝައުނާ ވިދާޅުވި އެވެ.

ޒަކީއަށް އަދި ހާމިދަށް ވެސް ޝައުނާ ދެއްވީ ހަމަ ނަޝީދަށް ވެސް ދެއްވި ޖަވާބެވެ. އެކަމަކު އޭގެ ފަހުން ވެސް އެމަނިކުފާނުގެ ޓީމުގައި ޝައުނާ ހިމެނުމަށް ނަޝީދު ބޭނުންފުޅުވި އެވެ. އަދި ވަޒީފާއަށް ނިކުންނަ ފުރަތަމަ ދެ ހަފްތާ ޕްރެސް ޓީމުގައި މަސައްކަތް ކުރުމަށްފަހު ކަމުނުގޮސްފި ނަމަ ޕޮލިސީ ޑިޕާޓްމަންޓަށް ބަދަލުވާ ގޮތަށް އެއްބަސްވެގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ޝައުނާ އެންމެފަހުން ގުޅުނެވެ.

"ރައީސް އޮފީހުގައި އަޅުގަނޑަށް ވަރަށް ގިނަ މަސައްކަތް ކުރިން. ކާބަން ނިއުޓްރަލް ޕޮލިސީއާ ތިމާވެއްޓާ ބެހޭ އޯވާސީ ކުރިން. އެންމެ ބޮޑު ޒިންމާއަކަށް އޮތީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުވަމުންދާ މިންވަރު ބެލުން،" ޝައުނާ ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ރައީސް ނަޝީދު 2012 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން، ޝައުނާގެ މަސައްކަތް އަނެއްކާ ވެސް ވަރަށް ބޮޑަށް ބަދަލުވި އެވެ. ރައީސް އޮފީހުގައި އުޅުނު އިރުން ފެށިގެން ވެސް ޝައުނާ ދިޔައީ އެމްޑީޕީގެ އެތެރޭގެ އެކި މަސައްކަތް ކުރަމުންނެވެ. އަދި ހުންނެވީ ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމުގަ އެވެ. ވެރިކަމަށް ނަޝީދުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނެވިފަހުން އެމްޑީޕީއާއެކު ޝައުނާ ވެސް އަނެއްކާ ނިކުންނެވީ މަގުމަތީ ހަރަކާތަށެވެ. އެގޮތަށް އުޅުއްވަނިކޮށް، ފެބްރުއަރީ 1، 2013 ގައި އުސް-ފަސްގަނޑު ސަރަހައްދުން އިތުރު 13 މީހަކާއެކު ޝައުނާ ހައްޔަރުކޮށް ހަތް ދުވަހު ޖަލުގައި ބެހެއްޓި އެވެ.

"ފުލުހުން ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ކައުންސިލަރ މުހައްމަދު ފަލާހާއި މި ޕާޓީގެ ޔޫތު ވިންގުގެ ރައީސް އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވާ. އެދެބޭފުޅުންނާއި އެހެން ހުރިހާ ފަރާތްތަކެއް ވެސް މިއަދު ހައްޔަރުކޮށްފައިވަނީ އެފަރާތްތަކުން ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާފައިނުވަނީސް، ޣައިރު ގާނޫނީ ހައްޔަރަކުން،" ޝައުނާގެ ހައްޔަރު ކުރުން ކުށްވެރިކޮށް، ޕާޓީން ހަމަ އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި އޮތެވެ.

asda
asda

އުސް-ފަސްގަނޑުން ހައްޔަރުކޮށް ހަތް ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމުން ޝައުނާ ކޯޓުން ނިކުމެވަޑައިގަންނަވަނީ: ނަޝީދުގެ ވެރިކަން ބަދަލުވިފަހުން އެމްޑީޕީން ބޭއްވި ގިނަ މަގުމަތީ ހަރަކާތްތަކުގައި ޝައުނާ ބައިވެރިވެވަޑައިގެންނެވި -- ފޮޓޯ: އެމްޑީޕީ އާކައިވް

ރައީސް އޮފީހުގައި އެކުގައި މަސައްކަތް ކުރަންފެށި ފަހުން ނަޝީދާއެކު ވަރަށް ގިނަ އަހަރު ޝައުނާ މަސައްކަތް ކުރެއްވި އެވެ. އުމުރުން އެންމެ 23 އަހަރުގައި ފެށި އެ ދިގު ދަތުރުގެ ތެރެއިން ނަޝީދުގެ ފަރާތްޕުޅުން ވަރަށް ގިނަ ކަންކަން ޝައުނާއަށް ދަސްވި އެވެ. ވަރަށް ގިނަ ތަޖުރިބާލިބި، ނަޝީދާއެކު މަސައްކަތް ނުކުރެއްވި ނަމަ ނުލިބޭނެ އެތަކެއް ފިލާވަޅެއް ހަޔާތުގައި ޝައުނާއަށް ލިބުނެވެ.

"އަޅުގަނޑު 14 އަހަރު ރައީސް ނަޝީދާއެކު މަސައްކަތްކޮށްފިން. އަޅުގަނޑަށް ދަސްވި ވަރަށް ގިނަ ކަންކަން ދަސްވީ ރައީސް ނަޝީދާއެކު މަސައްކަތްކޮށްގެން. ސިޔާސަތުތައް ތަންފީޒު ކުރާ މިންވަރު ބެލުމާއި ވިޝަން ސެޓިންގަ ވެސް ދަސްވީ ނަޝީދުގެ ފަރާތްޕުޅުން. ހިތްވަރާއެކު މަސައްކަތް ކުރުމާ މިފަދަ އެތައް ކަމެއް އަޅުގަނޑަށް ދަސްވި،" ނަޝީދާއެކު އުފެދުނު ގުޅުމުގެ ވާހަކަ ޝައުނާ ހިއްސާ ކުރައްވަމުން ވިދާޅުވި އެވެ.

މިހާރު ޝައުނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގެ މެމްބަރަކަށްވެފައި، ރައީސް ސޯލިހާއި ނަޝީދަކީ ސިޔާސީ ވާދަވެރިންނަށް ބަދަލުވެފައިވާއިރު، ޝައުނާއަށް ކުރިމަތިލާންޖެހުނީ އުނދަގޫ ހާލަތަކާ އެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައީސް ސޯލިހާއި ނަޝީދު ވެސް "ކެންޑިޑޭޓުން ނެރުއްވިއިރު"، ސިޔާސީ މާހައުލު ބަލަމުންދިޔަ މީހުން ތިބީ ޝައުނާ ފައި އަޅުއްވާނެ ކޮޅެއް ބެލުމަށް ކެތްމަދުވެފަ އެވެ. އެހެން ހުއްޓައި ޝައުނާގެ ނިންމުން އާންމު ކުރެއްވި ހިސާބުން، ވަރަށް ގިނަ މީހުން ހައިރާންވި އެވެ. ހުދު ރައީސް ނަޝީދު ޝައުނާއަށް ސޯޝަލް މީޑިއާގައި ފާޑުވިދާޅުވި އެވެ.

އަދަދު ފޮޓޯ/މުހައްމަދު ޝާބިން

"އަޅުގަނޑަކީ ވެސް އަމިއްލަ ވިސްނުމެއް ގެންގުޅޭ މީހެއް. ހާއްސަކޮށް އެތެރޭގެ އިންތިހާބުތަކުގައި ގޮތް ނިންމުމަކީ އަމިއްލަ ކަމެއް. އެއީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ކުރާ ކަމެއް ނޫން،" ފާޑުކިޔުންތަކަށް ކުރު ޖަވާބެއް ދެއްވަމުން ޝައުނާ ވިދާޅުވި އެވެ.

އެކަމަކު ޝައުނާއަށް ފާޑުކިޔުން މިހާރު އަމާޒުވަނީ ހަމައެކަނި އެމްޑީޕީގެ ބައެއް މީހުންގެ ފަރާތުންނެއް ނޫނެވެ. އިށީނދެ ވަޑައިގެން އިންނެވި ގޮނޑީގެ ޒިންމާ ބޮޑުކަމުން، ޝައުނާގެ މަސައްކަތަށް ފާރަވެރިވާ މީހުން ގިނަވެ، ފާޑުކިޔާ މީހުން ވެސް ގިނަ އެވެ. ފާޑުކިޔާ މީހުން އެންމެ ގިނައިން ދައްކާ ވާހަކައަކީ ތިމާވެށި ހަލާކުކޮށްގެން ރަށްރަށުގެ ބިން ހިއްކާ ވާހަކަ އާއި އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ މިނިވަން ކުރުމަށް ސަރުކާރަށް އައުމުގެ ކުރިން ވެފައިވާ ވައުދުގެ ވާހަކަ އެވެ. އެ ހުރިހާ ފާޑުކިޔުމަކަށް ޝައުނާ ޖަވާބެއް ދެއްވި އެވެ.

"އީކޯ ސިސްޓަމްސް އިން އެބްޒޯބް ނުކުރެވޭ ވަރަށް މޫސުމީ ބަދަލު އަންނަމުން މި ދަނީ. މާނައަކީ އާޓިފިޝަލް ހައްލު ހޯދަންޖެހެއޭ މޫސުމީ ބަދަލުން ލިބޭ ގެއްލުން ކުޑަ ކުރުމަށް. އިންސާނުން ކުރާ ކަމަކުން މޫސުމަށް ބަދަލު އަންނަނީ. ދެން ކިހިނެއްތޯ ގުދުރަތީ ނިޒާމުން އެކަމަށް ހައްލެއް ހޯދޭނީ. ރާއްޖޭގެ އާންމު ގޮތެއްގައި ރަށްތައް މި ހުންނަނީ ލޮނަށްވުރެ އެއް މީޓަރަށްވަރު އުސްކޮށް. މި ވަރަށް ހުރެފައި ލޮނުގަނޑު އުސްވަމުންދާ މިންވަރަކަށް އުދަ އެރުމާއި ރަށް ގިރުމާ ކަންކަން ގޯސްވަމުން ދާނީ، އެހެންވީމަ ބިން ހިއްކުމަކީ މޫސުމީ ބަދަލުތަކުން ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ މައްސަލައަކުން ހައްލު ހޯދޭނެ ކަމެއް،" ބިން ހިއްކުން ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވި އެވެ.

"މިނިސްޓާއަށް އެބަ އޮވޭ ބާރު އީޕީއޭ ހިންގުމުގެ އުސޫލު ކަނޑައެޅުން. އަޅުގަނޑު ގެންނަން ބޭނުންވާ އެއް ބަދަލީ އީޕީއޭގެ ބޯޑުގެ ޒިންމާ ބަދަލުކޮށް އެ ބޯޑަކީ އެޑްވައިޒަރީ ބޯޑެއްގެ ބަދަލުގައި ގަވަނިން ބޯޑަކަށް ބަދަލު ކުރުން. އަދި ތިމާވެއްޓާ ބެހޭ ގާނޫނު އަލުން ޑްރާފްޓް ކުރާއިރު އީޕީއޭގެ ދައުރު ތަފްސީލު ކުރަންޖެހޭ. އަދި އަޅުގަނޑު ދެކޭ ގޮތުގައި އީޕީއޭގެ ވިޝަންއަކަށްވާންވީ ދިވެހިރާއްޖޭގައި އޮތް އެންމެ މުހިން ސައިންޓިފިކް ބޮޑީއަށްވުން. ޑޭޓާއަށް ބިނާކޮށް ގޮތް ނިންމާ އިދާރާއަކަށްވުން."

ހައްވާ މަނިކެ އާއި ހުސެއިން މަނިކުފާނުގެ ޝައުނާ މިއަދު އެހުރީ ވަރަށް އުހުގަ އެވެ. އަދި މިއީ ދެން އޭނާ ހުންނަވާނެ އެންމެ މަތީ މަގާމުތޯ އެވެ؟ ނޫން ނަމަ ސިޔާސީ ދާއިރާގައި އިތުރަށް ކުރިއަށް ގޮސް، ކޮންމެވެސް ދުވަހަކުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަ ކުރައްވާފާނެތޯ އެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަމެއް ތިކަމަކަށް ނެތް. އަޅުގަނޑު ބޭނުން ވަނީ އަބަދުވެސް ޕޮލިސީ ތަންފީޒު ކުރެވޭ ހިސާބެއްގަ ހުންނަން،" ޝައުނާގެ ވިސްނުން ހާމަކޮށް، އިންޓަވިއު ނިންމާލައްވަމުން އޭނާ ވިދާޅުވި އެވެ.

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox