މިއީ މިދިޔަ އަށް ވަރަކަށް އަހަރަށް ބަލާއިރު ނެގުނު އެންމެ ވަރުގަދަ ގައުމީ ޖޫނިއާ ޓީމު ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް (އެޑަމް) ވިދާޅުވެއްޖެ އެވެ.
ގައުމީ ޖޫނިއާ ޓީމް ތައްޔާރުވަމުން އަންނަނީ ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިން އަށެވެ. އަށާރަ އަހަރުން ދަށުގެ އޭޝިއަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަން އޮތީ އަންނަ މަހުގެ 1-5 އަށް އިންޑިއާގެ އޮޑިސާގެ އެވެ. މުބާރާތުގައި ފުރަތަމަ ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތީ ދިވެހި ރާއްޖެ، ނޭޕާލް، ބަންގްލަދޭޝް އަދި އިންޑިއާ އެވެ. ނަމަވެސް ފަހު ވަގުތު ނޭޕާލުން މުބާރާތަށް ނުދާން ނިންމުމުން ކޮލިފައިންގައި ވާދަކުރާނީ ތިން ގައުމެވެ.
އަށާރަ އަހަރުން ދަށުގެ އޭޝިއަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޖޫނިއާ ޓީމުން ގއ.ވިލިނގިލީގައި ތަމްރީން ކޭމްޕެއް ފުރިހަަމަކޮށްފަ އެވެ. މި ވަގުތު މާލޭގައި ތަމްރީން ހަދަމުން އަންނަ ޒުވާން ޓީމު ގއ.ވިލިނގިލީގައި ކޭމްޕްކޮށްފައިވަނީ މިމަހުގެ 10-18 އަށެވެ. ޖޫނިއާ ބާސްކެޓް ޓީމް މި މުބާރާތަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ގަ އެވެ.

ޒުވާން ގައުމީ ޓީމުން ގއ. ވިލިނގިލީގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން.
ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑަމް މިއަދު "އަދަދު" އަށް ވިދާޅުވީ ވިލިނގިލީގައި ކޭމްޕު ކުރި މައިގަނޑު ސަބަބަކީ މާލޭގައި ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތުމާއި، ޓީމު އެއްކޮށް އެއްތަނެއްގައި ތިބެ މިކަމަށް އެކަނި ހުސްވެގެން ތިބެ ޕްރެކްޓިސް ކުރުމުގެ ފުރުސަތު ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ގައުމީ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްގެންދަން ބެލިއިރު، ރޯދައިގެ ކުރިން ބޭއްވި ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ މުބާރާތަށް ފަހު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލު ދޫކޮށްފައި އޮތީ ޓޭބަލް ޓެނިސް އެސޯސިއޭޝަނަށެވެ. އެއީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ބޭއްވުމަށެވެ. އޭގެ ފަހުން ހޯލު ދޫކުރީ ވޮލީބޯޅަ އެސޯސިއޭޝަނަށެވެ. ޖުލައި މަހުގެ މެދާއި ހަމައަށް ކުރިއަށްދާ ވޮލީ ސީޒަނުގެ މުހިންމު ހުރިހާ މުބާރާތެއް އޮތީ ސޯޝަލް ސެންޓަރު އިންޑޯގަ އެވެ.
"މާލެ އަށް މި މަހު ވިއްސާރަކޮށް ދިޔައީ ވެސް، އެހެންވެ، އައުޓްޑޯގައި ޕްރެކްޓިސް ރެގިއުލާކޮށް (ގަވާއިދުން) ނުކުރެވުނު. ދެން އިންޑޯ ލިބޭ ގޮތް ނުވީ. ކޮންމެ ގޮތެއްވިޔަސް ވޮލީގެ ވެސް ބޮޑު މުބާރާތްތައް އެހެރީ ތާވަލްކޮށް ޕްލޭން ކުރެވިފައި. އެހެންވީމަ ދެ އިރު ޕްރެކްޓިސް ކުރަން އުނދަގޫވާނެ،" އެޑަމް ވިދާޅުވި އެވެ.
އެޑަމް ވިދަޅުވީ މި ފަހަރު ނެގުނު ސްކޮޑަކީ މިދިޔަ އަށް ވަރަކަށް އަހަރަށް ބަލާއިރު ރާއްޖެ އިން ވާދަކުރާނެ އެންމެ ރަނގަޅު، ހުނަރުވެރި ސްކޮޑު ކަމަށެވެ. ދާދިފަހުން ނިމުނު ގައުމީ ލީގުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިން މި ޓީމުގައި ހިމެނޭކަން އޭނާ ފާހަކުރި އެވެ. އޭގެ ތެރެއިން ބައެއް ކުޅުންތެރިން މިހާރު ވަނީ ފުރަތަމަ ޑިވިޝަންގެ ޓީމްތަކަށް ވެސް ސޮއިކޮށްފަ އެވެ.
"މީގައި އުޅޭ ގިނަ ކުޅުންތެރިންނަކީ 2017 ގައި ކުރިއަށް ގެންދިޔަ ވައިޑީޕީ އިން ފައްކާވި ކުޅުންތެރިން. ބައެއް ކުޅުންތެރިން އެ ކުޅެނީ މިހާރު ފަސްޓް ޑިވިޝަންގައި. މި ފަހަރު މިއޮތީ ވަރަށް ރަނގަޅު ސްކޮޑެއް. ވަރަށް ރަނގަޅު ހުނަރު އެބަހުރި މި ޓީމްގައި" އެޑަމް ބުންޏެވެ.

ގއ. ވިލިނގިލީ ބާސްކެޓްބޯޅަ ކޯޓު.
ވިލިނގިލީ ކޭމްޕްގައި 17 ކުޅުންތެރިން ބައިވެރިވި އެވެ. ގައުމީ ސީނިއާ ޓީމާއި، ޖޫނިއާ ޓީމްގެ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ބުނީ ކޭމްޕްގެ ސަބަބުން ޓީމަށް ކުރިއެރުން އައިސްފައިވާ ކަމަށެވެ. އަދި މުބާރާތަށް ފުރުމުގެ ކުރިން 12 ކުޅުންތެރިންނަށް ސްކޮޑު ކުޑަކުރާނެ ކަމަށް އިއްލެ ވަނީ ބުނެފަ އެވެ.
"ދެ އިިރު ޕްރެކްޓިސް ކުރީ އެކޮޅުގައި. އެއީ ހެނދުނު ދޮޅުގަޑިއިރު، އަދި ރޭގަނޑު ދެ ގަޑިއިރު، ހިތްހަމަޖެހޭ ކުރެވުނު ޕްރެކްޓިސްއާ މެދު. ކުޅުންތެރިންގެ ޕްރޮގްރެސްވެސް ވަރަށް ރަނގަޅޭ ހަމަ ބުނެވޭނީ" އިއްލެ ބުންޏެވެ.
އެޑަމް ވިދާޅުވީ ގއ. ވިލިނގިލީގައި ކުރެވުނު ކޭމްޕަކީ ޓީމަށް ލިބުނު ރަނގަޅު ޕްރެކްޓިސްތަކެއްގެ އިތުރުން ބާސްކެޓްބޯޅައިގެ ކުރިއެރުމަށް ކުރެވުނު މުހިންމު ދަތުރެއް ކަމަށެވެ. އަތޮޅުތަކަށް ބާސްކެޓްބޯޅައިގެ ހަރަކާތްތައް ފުޅާކުރަން އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި ވިލިނގިލިން ލިބޭ އެއްބާރުލުން އޭނާ ވަރަށް ބޮޑަށް ފާހަގަކުރި އެވެ.
"ރަށުގެ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ދިން. ކައުންސިލުންވެސް. ވަރަށް ހިތްގައިމު ކޯޓެއް އެ ރަށުގައި އޮތީ ވެސް. ވަރަށް ރަނގަޅު މެހުމާންދާރީއެއް ލިބުނު. އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން. ވަރަށް ހިތްހަމަޖެހިލައިގެން ހުރިހާ ޕްރެކްޓިސްތަކެއް ވެސް ކުރިއަށް ގެންދެވުނީ." އެޑަމް ވިދާޅުވި އެވެ.
ގައުމީ ޖޫނިއާ ޓީމާ އެކު ވިލިނގިލީގައިވަނީ ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. އަދި އެ ރަށުގެ ކުދިންނަށް ބާސްކެޓްބޯޅައިގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އަތޮޅު ތެރެއަށް ބާސްކެޓްބޯޅަ ފުޅާކުރުމުގެ މަގުސަދުގައި ދުނިޔޭގެ ބާސްކެޓް ފެޑެރޭޝަން، ފީބާ އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގުޅިގެން ކުރިއަށްގެންދާ "ބޯލް އިން ސްކޫލް ޕްރޮގްރާމް" މިއަހަރު ފެށި އެންމެ ފުރަތަމަ ރަށަކީ ވެސް ގއ. ވިލިނގިއްޔެވެ.
ބާސްކެޓަށް ވަންނަން ޝައުގުވެރިކަން އުފެދޭ، ހުނަރު ހުރި ކުޅުންތެރިންނަށް ކުރިއަށްްދާން ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަގުސަދުގައި ފެށި މި ޕްރޮގްރާމް ވަނީ ގދ. ތިނަދޫގައި ވެސް ފަށައިފަ އެވެ.













