ލިވަޕޫލް (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި ކްރިސްޓަލް ޕެލެސް އަތުން 3-2 އިން މޮޅުވެ، އެވަޓަން ރެލިގޭޝަނުން ސަލާމަތްވެއްޖެ އެވެ.
އެވަޓަން ދަނޑުގައި ފުރަތަމަ ހާފުގައި ޕެލެސް އިން ދެ ގޯލުގެ ލީޑެއްނެގިއިރު، ދެ ވަނަ ހާފުގައި އެވަޓަން އިން ވަނީ ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. ލީގުގެ ފަހު މެޗަށް ދިއުމުގެ ކުރިން އެވަޓަން އިން ރެލިގޭޝަނުން ސަލާމަތްވިއިރު، ރޭގެ މެޗުގެ ފަހު ކަށިގަނޑަށް ފަހު އެވަޓަން ސަޕޯޓަރުން ދަނޑަށް އަރައި ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
ރެލިގޭޝަން ޒޯނަށް ބަލާއިރު، އެންމެ ފުލުގައި އޮތް ނޮރިޗް ސިޓީ އާއި ފަހަތުން ދެ ވަނައިގައި އޮތް ވަޓްފޯޑް ވަނީ ރެލިގޭޓްވެފަ އެވެ. ލީގުގެ 20 ވަނައިގައި އޮތް ނޮރިޗް ސިޓީ އަށް 37 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، 19 ވަނައިގައި ވަޓްފޯޑް އޮތީ 37 މެޗުން 23 ޕޮއިންޓާ އެކު އެވެ. ރޭގެ ނަތީޖާތަކަށް ފަހު 18 ވަނައިގައި އޮތީ ލީޑްސް ޔުނައިޓެޑް އެވެ. އެއީ ރޭ ބާންލީ ކުޅުނު މެޗުން އެސްޓަން ވިލާ ދަނޑުގައި 1-1 އިން އެއްވަރުކޮށްފައިވާތީ އެވެ. ލީޑްސް އަށް 37 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ބާންލީ އަށް ވެސް ވަނީ 37 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ. ރޭގެ މޮޅާ އެކު އެވަޓަން 16 ވަނައިގައި އޮތީ 37 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ޕެލެސް އިން ފުރަތަމަ ހާފުގައި ލީޑުނެގީ ޖިއާން ފިލީޕޭ މަޓޭޓާ އާއި ޖޯޑަން އަޔޫ ޖެހި ގޯލުތަކުންނެވެ. ދެ ވަނަ ހާފުގައި އެވަޓަންގެ ފުރަަތަމަ ގޯލު ޖެހީ މައިކަލް ކީން އެވެ. އެވަޓަން އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ރިޗާލިސަން އެވެ. އަދި އެ ޓީމު މޮޅުކޮށްދިން ގޯލު ކާމިޔާބުކުރީ ޑޮމިނިކް ކަލްވެޓް-ލެވިން އެވެ.
މެޗަށް ފަހު އެވަޓަންގެ ސަޕޯޓަރުން އުފާފާޅުކުރަން ދަނޑަށް އެރިިއިރު، އެ ވަގުތުގައި ސަޕޯޓަރަކާއި ޕެލެސްގެ ކޯޗު ޕެޓްރިކް ވިއޭރާއާ މެދު ހަމަނުޖެހުމެއް ހިނގި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާބެހޭ ގޮތުން ސުވާލުކުރުމުން ވިއޭރާ ޖަވާބެއް ނުދިނެވެ.
އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ވިއޭރާ އާއި ސަޕޯޓަރާ ދެމެދު ކަމެއް ހިނގި ކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އެކަމަކު އެކަމާ ބެހޭގޮތުން ވާހަކަ ދެއްކޭވަރަށް ކަން ހިނގި ގޮތް ޔަގީންކަމާ އެކު އެނގިފައިނުވާ ކަމަށެވެ. އަދި މި މެޗުން އެވަޓަން ދެ ގޯލު ފަހަތުން އަރައި މޮޅުވުމަކީ ކްލަބް ބޭނުން މިސްރާބަށް ގެންދަން ފެށުމެއްގެ ގޮތުގައި ދެކުމަށް ލަމްޕާޑް ވަނީ އެވަޓަން ސަޕޯޓަރުން ކިބައިން އެދިފަ އެވެ.
ޗެލްސީ އަށް ލީގުގެ ތިން ވަނަ
ލީގުގައި ރޭ ޗެލްސީ ކުުޅުނު މެޗުން އަމިއްލަ ދަނޑުގައި 1-1 އިން ލެސްޓާ ސިޓީއާ އެއްވަރުކުރިއިރު، މި ނަތީޖާއާ އެކު ޗެލްސީ އަށް ވަނީ ލީގުގެ ތިން ވަނައިގައި ނިންމާލުމުގެ ފުރުސަތު ބޮޑުވެފަ އެވެ.

ޗެލްސީގެ ރީސް ޖޭމްސް (ކ) އަތުން ބޯޅަ ހޯދަން ލެސްޓާގެ ލޫކް ތޯމަސް މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ
ޗެލްސީ މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 37 މެޗުން 71 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް 37 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމަށް ތިން ވަނަ އަށް އެރެން އޮތީ ފަހު މެޗުގައި ޗެލްސީ ބަލިވެ، 18 ފައިދާ ގޯލު ތަފާތު ބަދަލުކޮށްގެންނެވެ. ޗެލްސީގެ މި ވަގުތު ފައިދާ 42 ގޯލު އޮތްއިރު، ޓޮޓެންހަމްގެ އޮތި 24 ގޯލެވެ.
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެންގޯލޯ ކާންޓޭ އަށް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނު ސީޒަނެއްގައި ލީގުގެ ތިން ވަނަ ޗެލްސީ އަށް ލިބުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.
"ކާންޓޭ ނުލައި ގިނަ މެޗު ކުޅެގެން އަހަރެމެން ތިން ވަނަ ހޯދުމަކީ އަޖައިބެއް. ކާންޓޭ އަހަރެމެންނަށް ވަރަށް މުހިންމު، ކާންޓޭ އަކީ އަހަރެމެންގެ ސަލާހު، ކާންޓޭ އަކީ އަހަރެެމެންގެ ވެން ޑައިކް، ކާންޓޭ އަކީ އަހަރެމެންގެ ޑި ބްރޭނާ، ކާންޓޭ އަކީ އަހަރެމެންގެ ނޭމާ، ނޫނީ ކާންޓޭ އަކީ އަހަރެމެންގެ އެމްބާޕޭއޭ ވެސް ބުނެވިދާނެ،" ޓުޗެލް ބުންޏެވެ.
މި ސީޒަނަށް ފަހު ކާންޓޭ ޗެލްސީ ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ލީޑުނެގީ ލެސްޓާ އިންނެވެ. މިއީ މެޗުގެ ހަ ވަނަ މިނިޓްގައި ޖޭމްސް މެޑިސަން ޖެހި ގޯލެކެވެ. ޗެލްސީން އެއްވަރުކުރި ގޯލު ޖެހީ މެޗުގެ 34 ވަނަ މިނިޓްގައި މާކޯސް އަލޮންސޯ އެވެ. މިއީ ރީސް ޖޭމްސް ދިން ބޯޅައަކުން ޖެހި ގޯލެކެވެ.












