އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާ އަކަށް 3.50ރ. ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފި އެވެ.
ދެހާސް އެކާވީސް ވަނަ އަހަރު ނިންމާލީ އެމްޓީސީސީއަށް ރެކޯޑު އަދަދެއްގެ ސާފު ފައިދާއާއެކު އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 1.96 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ސާފު ފައިދާއަކީ 232 މިލިއަން ރުފިޔާ އެވެ. ދެހާސް ވިހި ވަނަ އަހަރު 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، ސާފު ފައިދާއަށް ޖެހުނީ 191 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީގެ ހިއްސާ އަކަށް 2020 ވަނަ އަހަރު ބެހީ 3ރ. އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ބޮޑު ޕަސެންޓެއް ހިއްސާކޮށްފައިވަނީ ކޮންސްޓްރަކްޝަން ދާއިރާ އެވެ. އެ ދާއިރާއިން 1.63 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެހެން ދާއިރާތަކުން 2021 ގައި ލިބުނު އާމްދަނީއަކީ؛
- ޓްރޭޑިން - 240 މިލިއަން ރުފިޔާ
- ޓްރާންސްޕޯޓް - 58 މިލިއަން ރުފިޔާ
- ރިއަލް އެސްޓޭޓް - 17 މިލިއަން ރުފިޔާ
- އެހެނިހެން: 33 މިލިއަން ރުފިޔާ
ހިއްސާ ބެހިފައިވާ ގޮތް
އެމްޓީސީސީގެ މެޖޯރިޓީ ހިއްސާދާރެއްގެ ގޮތުގައި ސަރުކާރުގެ 64.20 ޕަސެންޓް ހިއްސާ އޮންނައިރު، އާންމު ހިއްސާދާރުންގެ ނިސްބަތަކީ 31.15 ޕަސެންޓެވެ. ބާކީ، 4.65 ޕަސެންޓް ހިއްސާ އޮންނަނީ މޯލްޑިވްސް ނެޝަނަލް ޝިޕިން ކޮމްޕެނީއަށެވެ. އެމްޓީސީސީގެ ހިއްސާއެއްގެ މޫނުމަތީގެ އަގަކީ ފަސް ރުފިޔާ އެވެ.
ޑިރެކްޓަރުންގެ ބޯޑަށް މީހުން އައްޔަންކުރުން
ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ދެ ޑިރެކްޓަރުން ވަނީ ބޯޑަށް ހޮވައިފަ އެވެ. ހިއްސާދާރުންގެ ވޯޓުން ބޯޑަށް ހޮވުނީ މ. މެއިންޒް، މުޙައްމަދު އިމްރާން އަދުނާން އަދި ގއ. ވިލިނގިލީ ހެޕީނައިޓް، ނަސްރަތު މުހައްމަދު އެވެ.
ސަރުކާރުގެ ފަރާތުން އައްޔަން ކޮށްފައިވަނީ މިހާރު ވެސް ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. އެއީ؛
- ޗެއާޕާސަން މުޙައްމަދު ފަހީމް
- ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް
- އެގްޒެކެޓިވް ޑިރެކްޓަރު ޝާހިދު ހުސައިން މޫސާ
- ނޮން-އެގްޒެކެޓިވް ޑިރެކްޓަރު ސިނާން އަލީ
- ނޮން-އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު ފަރީދު










