ހިނިތުންވުން؛ ހީކުރާ ވަރަށްވުރެ މުހިންމު

ހިނިތުންވުން؛ ހީކުރާ ވަރަށްވުރެ މުހިންމު

އެތަކެއް ސަތޭކަ ބަޔަކު މަސައްކަތްކުރަމުންދިޔަ މަސް ފެކްޓްރީއެއްގައި މަސައްކަތްކުރާ މީހަކު ދުވަހުގެ މަސައްކަތް ނިމެން ދާދި ކައިރިވެފައިވަނިކޮށް، ފެކްޓްރީގެ މަސްފިނިކުރާ ކޮޓަރިއަށް ވަނެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި އޮޅުމަކުން ކުރެވުނު ކަމަކުން ފިނިކުރާ ކޮޓަރީގެ ދޮރު ލެއްޕި އެތަނުގައި އޭނާ ހައްޔަރު ވި އެވެ. ވަގުތަކީ މަސައްކަތް ނިންމާފައި ހުރިހާ މުވައްޒަފުން ގެޔަށްދާ ވަގުތުކަމުން އޮޅިގެން ވެސް އެހިސާބަށް ދެން މީހަކު އަންނާނެކަމުގެ މާބޮޑު އުންމީދެއް ނެތެވެ. ފިންޏާއެކު ގަނޑުވެ ފުރާނަ ވަކިވެދާނެކަމުގެ ބިރުވެރިކަމުގައި ހާސްވި އެވެ. އެހެންނަމަވެސް އުންމީދުގެ އެންމެ ފަހުގެ ހަކަތައާއެކު ބާރު ބާރަށް ހަޅޭލަމުން ދޮރުގައި ތަޅަމުން ގެންދިޔަ އެވެ. އޭގެ ފަސް ގަޑިއިރެއްހާ ފަހުން ކުއްލިއަކަށް މީހަކު އޭނާ ސަލާމަތް ކުރި އެވެ. ބޭރުން އެހިސާބަށް އައިސް އޭނާ ސަލާމަތްކުރި މީހަކީ ކާރުހާނާގެ ފާރަޔަށް ބޭރުގައި ހުންނަ މީހުންގެ ތެރެއިން މީހެކެވެ. މީހުން އޭނާއާ ސުވާލު ކުރި އެވެ. ކާރުހާނާގެ ބޭރުގައި ހުރެފައި އެތަނުގެ އެތެރެއަށް ވަންނަން މެދުވެރިވި ސަބަބަކީ ކޮބާހެއްޔެވެ؟ ހުރިހާ މުވައްޒަފުން އެނބުރި ދިއުމަށްފަހު މީހަކު މަދުވިކަން ކަލެޔަށް އެނގުނު ގޮތަކީ ކޮބާހެއްޔެވެ؟

އެމީހާ ޖަވާބުދިނެވެ. އަހަރެން މިތަނުގެ ސެކިއުރިޓީގެ މުވައްޒަފެއްގެ ގޮތުގައި ހުންނަތާ ތިރީސް ފަސް އަހަރު ވެއްޖެ އެވެ. އެތައް ބަޔަކު މަސައްކަތްކުރާ މި ފެކްޓްރީއަށް މީހުން ވަޒީފާއަށް އައިސް ވަދެނުކުމެ ހަދަމުންދާއިރު، އަހަރެން މިތަނުގެ ދޮރުމަތީގައި ހުންނަމެވެ. އެއްވެސް މީހަކު އަހަންނާ ދިމާއަށް ބަލައެއް ނޫޅޭނެ އެވެ. އަހަރެން ދަންނަ ކަމަކަށް ނުހަދާނެ އެވެ. މި މީހާ ފިޔަވައެވެ. ކޮންމެ ދުވަހަކު ހެނދުނު މީނާ ޑިއުޓީއަށް އައިސް ދޮރުން އެތެރަށް ވަނުމުގެ ކުރިޔަށް އަހަރެންނާ ދިމާވާކަން އޭނާއަށް އެނގެ އެވެ. ހެނދުނުގެ ސަލާމުން އޭނާ ބަސް ބުނެ އެވެ. އަހަންނާ ދިމާއަށް ހިނިތުންވަމުންނެވެ. ޑިއުޓީ ނިންމާފައި އެނބުރި ދަމުން ހަމަ އެފަދަ ރީތި ހިނިތުންވުމާއެކު ވަދާއު ކިޔަ އެވެ. އޭނާގެ ހިނިތުންވުމުން އަހަރެންނަކީ އަގެއް ހުރި މީހެއްކަން އިހްސާސްކޮށްދެ އެވެ. މިއަދު ހުރިހާ މީހުން ދިޔައިރު އޭނާއެއް ނުފެނުނެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް އެނގުނީ އެހެންވެ އެވެ. އެހެންވެގެން ކާރުހާނާގެ އެތެރެއަށް ވަދެ ހުރިހާ ދިމާއެއް އަހަރެން ހޯދީމެވެ. މަސްގަނޑުކުރާ ކޮޓަރިވެސް ބަލާލާނަމޭ އަހަރެންގެ ސިކުނޑިއަށް އެރީ އެވެ. ދެން އަހަރެން އެކަންވެސް ކުރީ އެވެ.

މިހާދިސާގެ މާނަ ފުންކަމާ އެވެ. ހިނިތުންވުމަކީ އޭނާގެ ފުރާނަ ނަޖާވުމުގެ ސަބަބު ކަމަށް މެދުވެރިވުމުގައި އަދި އޭނާގެ ބަންދުން ވީއްލުމުގައި ހިމެނިފައިވާ ހިކުމަތްތަކުގެ ގިނަކަމާ އެވެ. އާދޭހެވެ! ހިނިތުންވުމަކީ ވަގޮށް ޖެހިފައިވާ އެތައް ކަސްތޮޅެއް މޮހާލެވޭނެ ބާރުގަދަ އުކުޅެވެ. ހިނިތުންވުމަކީ ތިމާގެ ނަފުސާއި ބުއްދި އޭގެ ކަސްތޮޅުތަކުން ވީއްލުވައި، ތިމާގެ ހިތްފަސޭހަކަމާއި ފާގަތިކަމަށް މިސްރާބުކޮށްދޭ މަގެވެ. މާތް ނަބިއްޔާގެ އެތައް ނަބަވީ އިރުޝާދަކާއި އިތުރު އެކަލޭގެފާނުގެ އެތައް އަމަލުފުޅަކުން ހިނިތުންވުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައިވަނީ ސިއްރުތަކުން ފުރިގެންވާ ވަސީލަތަކަށް ހިނިތުންވުން ވެފައިވާތީ އެވެ.

ޢަބްދުﷲ ބިން ޙާރިޘްގެ އަރިހުން އިމާމް ތިރްމިޛީ ރިވާކުރެއްވި ހަދީސެއްގެ މާނައިގައި ވެ އެވެ. މާތް ނަބިއްޔާއަށްވުރެ ގިނައިން ހިނިތުންވެފައި ހުންނަ އެހެން މީހަކު ތިމަން ނުދެކެމެވެ. މާތް ނަބިއްޔާ ސިފަކުރައްވަމުން އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައި ވެ އެވެ. އެކަލޭގެފާނަކީ އެންމެ އޯގާތެރި އިންސާނާ އެވެ. އެންމެ ދީލަތި އިންސާނާ އެވެ. އެކަލޭގެފާނަކީ ތިޔަބޭކަލުންގެ ތެރެއިންވީ ފިރިހެނެކެވެ. އެކަމަކު އެކަލޭގެފާނަކީ ގިނަގިނައިން ހިނިވަރުނަކުރައްވާ ގިނަގިނައިން ހިނިތުންވެވަޑައިގަންނަނާ ބޭކަލަކު ކަމުގައި ވިއެވެ.

މާތް ސަހާބީ ބޭކަލެއްކަމުގައިވާ ޖަރީރް ބުން ޢަބްދުﷲ ގެ ކިބައިން ރިވާވެގެން ވެ އެވެ. ތިމަން އިސްލާމްވުމަށްފަހުގައި ރަސޫލާއާ ބައްދަލުކުރަންއުޅެ ބައްދަލުވެފައިނުވާ ދުވަހެއް ނުވެ އެވެ. އަދި ހިނިތުންވެވަޑައިގެންވާ ހާލުކޮޅުގައި މެނުވީ ތިމަން އެކަލޭގެފާނު ނުދެކެމެވެ.

އަބޫޛައްރުގެ އަރިހުން ރިވާވެފައި ވެ އެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެ އެވެ. ކަލޭގެ އެކުވެރިޔާގެ ކުރިމަތީގައި ހިނިތުންވުމަކީ ކަލެޔަށް ހުރި ސަދަގާތެކެވެ. މިހަދީސްގެ މުރާދަކީ އެއީ އަނެކާގެ ކުރިމަތީގައި ހިނިތުންވުމަކީ ސަދަގާތެއްކަމަށާއި ސަދަގާތެއްގެ ސަވާބު ލިބޭނެކަމެއްކަމުގައި ގިނަ އިލްމުވެރިން ވިދާޅު ވެ އެވެ. ނަމަވެސް ހަދީސްގައި އެއީ ކަލެޔަށް ހުރި ސަދަގާތެކޭ މިފަދައިން އޮތުމުން ދޭހަކުރެވޭ އިތުރު މާނައެއް ވެ އެވެ. އެހެނީ އަނެކާގެ ކުރިމަތީގައި ހިނިތުންވުމަކީ ތިމާގެ އަމިއްލަ ނަފުސަށް ތިމާ ކުރާ ސަދަގާތެއްކަމެވެ. މިދޭހަކުރުމަށް އެތައް ގޮތަކުން ބާރުލިބޭ އެތައް ނަފްސާނީ ހަގީގަތްތަކެއް ވެ އެވެ. އެންމެ ކުރުކޮށް ދަންނަވާނަމަ މުޅި ކާއިނާތު ތިމާއަށް އަނބުރާ ރައްދުކުރަނީ އެކާއިނާތަށް ތިމާ ދޫކޮށްލާ އެއްޗެއްގެ ބާވަތެކެވެ. ނާއުންމީދާއި ގިލަންވެރިކަމުގެ އިހްސާސްތައް ކާއިނާތަށް ދޭ މީހުން ތާއަބަދުގެ އަބާއްޖަވެރިކަމުގައި އުޅޭތަން ފެންނަނީ އެހެންވެ އެވެ. އުފާވެރިކަމާއި ފާގަތިކަމުގެ އިހްސާސްތައް ވަށައިގެން ދޫކުރަމުންދާ މީހުން އަބަދުވެސް ހިނިތުންވެފައިވާ މޫނާއެކު ހަމަޖެހިފައިވާ ތަން ފެންނަނީ ވެސް އެހެންވެ ނޫންތޯ އެވެ.

އިމާމް ބައިހަޤީ ރިވާކުރެއްވި، މާތް ނަބިއްޔާގެ ހަދީސްބަސްފުޅުގައި ވެ އެވެ. ތިޔަބައިމީހުންގެ މުދަލަކުން ތިޔަބައިމީހުންނަކަށް މީސްތަކުންގެ ހިތްތައް ހޯދައެއް ނުގަނެވޭނެ އެވެ. އެކަމަކު އެކަންކުރެވޭނީ މޫނުމަތީގެ އުޖާލާކަމުންނާއި އަހުލާގުގެ ރީތިކަމުންނެވެ.

ޝައްކެތް ނެތެވެ. މުދާވެރިކަމުން ސަދަގާތްކުރުމަކީ މީހުންގެ ލޯތްބާއި ރުހުން ލިބޭ ކަމަކެވެ. އެކަމަކު ވަށައިގެންވާ އެންމެހައި ބަޔަކަށް ބަހާނެ މުދާވެރިކަން ވަނީ ކާކު އަތުގައި ހެއްޔެވެ؟ އެކަމަކު ވަށައިގެން ތިބި އެންމެންނަށް ސަދަގާތްކުރެވޭނެ ހިނިތުންވުމުގެ ވަސީލަތް ލިބިފައިވާ އިންސާނާގެ މުއްސަނދިކަމާ އެވެ! އެމުއްސަނދިކަމުން ސަދަގާތްނުކުރާ އިންސާނާގެ ދަހިކަމާ އެވެ!

ހިނިތުންވުމަކީ ގުޅުންތައް ފެށުމުގެ ސިއްރެވެ. ގުޅުންތައް ދެމިއޮތުމުގެ ސަބެބެވެ. ގުޅުންތަކުގެ ކާމިޔާބުގެ އެފަދަ ދެވަނެއް ނުވާ މަގެވެ. ހިނިތުންވުމަކީ ނަފުރަތާއި ނުނިޔަތް ނައްތާލަނިވި ބާރުގަދަ ހަތިޔާރެވެ. ހިނިތުންވާށެވެ. ހިނިތުންވުމުން އަމިއްލަ ނަފުސަށް ބާއްޖެވެރިކަން ގެނެސް ދެ އެވެ. އުފާފާގަތިކަމާއި ހަމަޖެހުން ގެނެސް ދެ އެވެ. ހާސްވާ ވަގުތާއި ރުޅިގަދަވާ ވަގުތާއި ކޮންމެ ނުކިއްސަރު އިހުސާސެއްގެ ވަގުތުގައި ގަދަކަމުން ނަމަވެސް އެއްފަހަރު ހީލަބަލާށެވެ. އެއްފަހަރު ހީލެވުނީތީ ދެވަނަ ފަހަރު ހިނިތުންވެބަލާށެވެ. އޭގެ ފައިދާ އިސާހިތަކު ދެނެގަނެވޭނެ އެވެ.

އަހަރުމެންގެ ތެރެއިން ގިނަ މީހުން ދިރިއުޅުން އުޅެމުން މިގެންދަނީ އެތައް ހާސް، ހާސްކަމަކުން ހިތާއި ސިކުނޑި ފުރާލައިގެންނެވެ. އެކި މީހުން އެކި ވަރަށެވެ. އެ ނުތަނަވަސްކަމުގެ ސަބަބުން މޫނު މަތީގައި ހުންނަ ފުސްކަމުގެ ނަތީޖާއަކީ ވަށައިގެންވާ މާހައުލުގެ އުފާވެރިކަން ވެސް ގެއްލެމުން ދިއުމެވެ. އެކަން ބަދަލުކޮށްލެވިދާނެ އެވެ. މީހުންގެ ކުރިމަތީގައި ހިނިތުންވުމަކީ އެމީހުންގެ ހިތްތަކަށް ވާސިލުވެވޭނެ އެންމެ އަވަސް މަގެވެ. މިހާރު ތިޔަ ތަހައްމަލު ކުރަމުންދާ ހިތާމަތަކަށް އޮތް ލުޔަކީ ވެސް އެއީ އެވެ.

ބައްދަލުވާ ކޮންމެ މީހަކަށް ހިނިތުންވުމާއެކު މަރުހަބާ ކިޔުމަކީ ދިރިއުޅުމުގެ އާދައަށް ހަދާށެވެ. އެކަމުން އަނެއް މީހާއަށް ލިބޭ ހިތްހަމަޖެހުމަށްވުރެ ބޮޑު މަންފާއެއް ތިބާއަށް ލިބޭނޭކަން އެއީ ނަބިއްޔާގެ ބަސްފުޅެވެ. އެ ބަސްފުޅަށް އިތުބާރުކޮށް ހިނިތުންވުމާއެކު ކުރިއަށް ވަޑައިގަންނަވާށެވެ. ތިބާ ހީވެސް ކޮށްފައި ނެތްފަދަ ފުރުސަތުތައް ފަހިވެގެންދާނެކަން ގައިމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox