އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ހަދިޔާކުރާ އެންޓި-ޓިއުބަކިއުލޮސިސް (ޓީބީ ބޭސް) ހަދިޔާ ކޮށްފިއެވެ.
އިންޑިއާއިން ހަދިޔާކުރި އެ ބޭސްތައް ހެތްލް މިނިސްޓްރީއާ މިއަދު ހަވާލުކުރެއްވީ އިންޑިއާ ހައިކޮމިޝަންގެ ޗާޖް ޑެ އެފެއާޒް ރޯހިތް ރަތިޝް އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ބޭސްތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު ޝާހް އަބްދުﷲ މާހިރު އެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ މިއަދު ހަދިޔާކުރި އެންޓި-ޓީބީ ބޭސް ވާނީ 2025 ވަނަ އަހަރު އައުމުގެ ކުރިން، ރާއްޖޭން ޓީބީ ނައްތާލުމަށް ކުރަމުންދާ މަސައްކަތައް ލިބޭ އެހީތެރިކަމަކަށް ކަމަށެވެ. ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 ވުރެ ގިނަ ޓެބްލެޓް ހިމެނޭނެ ކަމަށް ވެސް ބުންޏެވެ.
މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމްޑީއާރް-ޓީބީ) ވެސް ހިމެނެ އެވެ.
މި ބޭސްތައް ހަދިޔާކުރީ އިންޑިއާގެ ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް(އެންޓީއީޕީ)ގެ ސްޓޮކްއިންނެވެ.

ޓީބީ ނުވަތަ ޓިއުބަކިއުލޯސިސް އަކީ މައިކްރޯބެކްޓީރިއަލް ޓިއުބަކިއުލޯސިސް ކިޔާ ޖަރާސީމަކުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ޓީބީ ބަލި އާންމުކޮށް ޖެހެނީ ފުއްމާމެޔަށެވެ. ނަމަވެސް ގޮހޮރު، މައިބަދަ، ކަށި ފަދަ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހިދާނެ އެވެ.
ޓީބީ އަކީ ރަނގަޅުކުރެވޭ ބައްޔެއްކަމަށް ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ ބައްޔެވެ. ދެކުނު އޭޝިޔާ ސަރަހައްދަކީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި ކަމުގައިވެފައި، ދުނިޔޭގައި ނިސްބަތުން ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43 ޕަސެންޓު މީހުންނަނީ މި ސަރަހައްދުގެ މީހުންނެވެ. އެބަލި ޖެހި ރަނގަޅުނުކުރެވޭ މީހުންގެ 3/2 އަކީ ވެސް މި ސަރަހައްދުގެ މީހުންނެވެ.
ޓީބީ ޖެހުމުން ފެންނާނެ އަލާމާތްތައް
ޓީބީ ބަލި ޖެހޭ ގުނަވަނެއްގެ ގޮތުން ބަލީގެ އަލާމާތްތައް ތަފާތުވެ އެވެ. ފުއްޕާމެޔަށް ޓީބީ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:
- ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ވަންދެން ކެއްސުން
- ވަރުބަލިވެ، ވަރުދެރަވުން
- ކާހިތް ނުވެ، ބަރުދަން ލުއިވުން
- ރޭގަނޑު ހުން އައިސް ދާހިއްލުން
- ވިންދު ޖެހުން އިތުރުވުމުން
- ކަރުގައި ގޮށްލުން
- ނޭވާކުރުވުން
- މޭގައި ރިއްސުން
ޓީބީން ރައްކާތެރިވުމަށް ޅަފަތުގައި ދެވޭ އެއް ފަރުވާއަކީ ބީސީޖީ ވެކްސިނެވެ. އެ ވެކްސިނަކީ އެއުމުރުގެ ކުދިންނަށްޖެހޭ ޓީބީގެ ބައެއް ނުރައްކާތެރި ވައްތަރުތަކުން ރައްކާތެރިކުރުމަށް ދެވޭ ވެކްސިނެކެވެ.
އެ ވެކްސިން ޅަފަތުގައި ޖެހިނަމަވެސް އެއަށްވުރެ އުމުރުން ދުވަސްވުމުން ޓީބީ ބަލި ޖެހުމުގެ ފުުރުސަތު އޮވެ އެވެ. ނަމަވެސް ޅަފަތުގައި ޖެހޭ ޓީބީގެ ނުރައްކާތެރި ވައްތަރުތަކުން ސަލާމަތްކުރުމަށް ވިހެއުމާއެކު ބީސީޖީ ވެކްސިން ދިނުން މުހިންމެވެ.













