ކުޅުން ގޯހެއް ނޫން، ދިމާވީ ގޯލު ނުޖެހުމުގެ މައްސަލަ: މާޒިޔާ ކޯޗު ޖެސިކް

މާޒިޔާގެ ކޯޗު މިއޮޑްރަގް ޖެސިކް ރޭގެ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.--

މާޒިޔާގެ ކޯޗު މިއޮޑްރަގް ޖެސިކް ރޭގެ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.--

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި ރޭ ބަޝުންދަރާ ކިންގްސް އަތުން 1-0 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިވި މެޗުގައި އެ ޓީމު ޖުމްލަ ކޮށް ދެއްކި ކުޅުން ރަނގަޅު ކަމަށާއި ދިމާވީ ގޯލު ނުޖެހުމުގެ މައްސަލަ ކަމަށް މާޒިޔާގެ ކޯޗު، ސާބިއާގެ މަޔޮޑްރަގް ޖެސިކް ބުނެފި އެވެ.

ރޭގެ މެޗުގައި މާޒިޔާ ކޮޅަށް ބަޝުންދަރާ އިން ޖެހި ހަމައެކަނި ގޯލު ވައްދާލީ 33 ވަނަ މިނިޓްގަ އެވެ. މިއީ މާޒިޔާގެ ފަހަތުން ހެދި ގޯހެއްގައި ބަޝުންދަރާގެ ގެމްބިއާ ފޯވާޑް ނުހާ މުރޮންގް ޖެހި ގޯލެކެވެ. މި މެޗު ފަށައިގެން ބަޝުންދަރާ އިން މޮޅަށް ކުޅުނު ނަމަވެސް ފަހުން މާޒިޔާ އިން ރަނގަޅު ކުޅުމެއް ދައްކައި، ގޯލެއް ޖަހަން ގިނަ ފުރުސަތުތައް ތަނަވަސްކުރި އެވެ. އެކަމަކު، ގޯލެއް ޖެހޭގޮތެއް ނުވެ ބަލިވީ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޖެސިކް ބުނީ ފުރަތަމަ ގޯލެއް ޖެހުމަކީ ބަޝުންދަރާ އިން މެޗަށް ނުކުތްއިރު އެ މީހުންގެ ޓާގެޓްކަން މެޗުގެ އޮއެވަރު ދިޔަގޮތުން އެނގޭ ކަމަށެވެ.

"އެ މީހުން ޖެހި ގޯލަކީ އަހަރެމެންނަށް ދެވުނު ހަދިޔާއެއް. އެ ކަހަލަ ކޮލިޓީ ޓީމެއް ކައިރިން ވަރަށް އުނދަގޫވާނެ ގޯލެއް ޖަހާފައި އޮއްވައި ނަތީޖާ އަނބުރާލަން. ބަޝުންދަރާގެ ގޯލަށް ފަހު މާޒިޔާ އިން މޮޅަށް ކުޅުނަސް ގޯލެއް ނުޖެހި މިދިޔައީ. ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން، ގޯލެއް ނުޖެހުން އެއީ މައްސަލަ އަކީ،" ޖެސިކް ބުންޏެވެ.

އެންމެ ފަހުން ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ކުޅުނު މެޗުތަކަށް ނެރުނު ފުރަތަމަ އެގާރަ އަށް ބަލާއިރު، ރޭގެ މެޗަށް އައި ބަދަލަކީ މުހައްމަދު އިރުފާން (އިރޭ)ގެ ބަދަލުގައި ހުސެއިން ނިހާން (ނިހާޓް) ފުރަތަމަ އެގާރައިގައި ހިމެނުމެވެ.

ޖެސިކް ބުނީ އިރޭ އަށް ނުކުޅެވުނީ ކޮނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށާއި ވަކި ކުޅުންތެރިއަކަށް ނުކުޅެވިގެން މި މެޗުގައި ކަމެއް ދިމާވިއޭ ބުނަން އުނދަގޫ ކަމަށެވެ.

"އަހަރެމެންނަށް ނޭނގެ އޭނަ (އިރޭ) ކުޅުނީއާ މި މެޗުގައި ވާނެ ގޮތެއް އެހެން ބުނާކަަށް. ފަހަރެއްގައި އަހަރެމެން ތިން ގޯލު ޖަހައިގެން މޮޅުވެސް ވެދާނެ އެހެން ނޫނީ ބައިވަރެއް ގޯލު ވެސް ވަދެފާނެ. މީގެ ވަކި ގޮތެއް ވާނެއޭ ސީދާ ނުބުނެވޭނެ،" ޖެސިކް ބުންޏެވެ.

މާޒިޔާ އަށް ދެން ގްރޫޕްގެ އެއް ވަނަ ހޯދައިގެން އަނެއް ބުރަށް ދިއުމުގެ ކިރިޔާ ވެސް ފުރުސަތެއް އޮތީ ދެން އޮތް ދެ މެޗުން މޮޅުވެގެންނެވެ. މާޒިޔާ އަށް ދެން މި ގްރޫޕްގައި ބާކީ އޮތީ އިންޑިއާގެ ދެ ޓީމާ ކުޅެން ޖެހޭ މެޗުތަކެވެ. އެ ގޮތުން ހޮނިހިރު ދުވަހުގެރޭ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާއާ ބައްދަލުކުރާނެ އެވެ. އަދި އެ އަށް ފަހު އަންނަ އަންގާރަ ދުވަހުގެރޭ އިންޑިއާގެ ސުޕަ ލީގުގެ ކްލަބް، އޭޓީކޭ މޯހަން ބަގާންއާ ކުޅޭނެ އެވެ.

ގޯކުލަމް ވަނީ އިއްޔެ ހަވީރު ގްރޫޕްގެ ފުރަތަމަ މެޗުގައި 4-2 އިން އޭޓީކޭ ބަލިކޮށްފަ އެވެ.

ޖެސިކް ބުނީ މި ގްރޫޕްގެ ފުރަތަމަ ދެ މެޗުގެ ނަތީޖާ ފެނިފައި ހައިރާންނުވާ ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް ބުނެފައިވާނެ، މި ހަތަރު ޓީމަކީ ވެސް ކޮލިޓީ ހުރި ޓީމުތަކެކޭ. ކޮންމެ ޓީމަކަށް ވެސް އަނެއް ޓީމު ބަލިކުރެވިދާނެއޭ. ފުރަތަމަ ދެ މެޗުގެ ނަތީޖާ ފެނިފައި ހައިރާނެއް ނުވޭ. އަހަރެމެންނަށް އޮތީ ދެން އޮތް ދެ މެޗުން މޮޅުވުން. ދައްކަން އެބަޖެހޭ އަހަރެމެންގެ ކޮލިޓީ ވެސް،" ޖެސިކް ބުންޏެވެ.

މިއީ ޖެސިކްގެ ކޯޗުކަމުގައި މާޒިޔާ އިން ކުޅުނު 13 މެޗުގެ ތެރެއިން ބަލިވި ދެ ވަނަ މެޗެވެ. އަނެއް 11 މެޗުން ވަނީ މޮޅުވެފަ އެވެ.

ފެށުމާ މެދު ހިތްހަމަ ޖެހޭ، މާޒިޔާ އިން މޮޅަށް ކުޅުނު: އޮސްކާ

ބަޝުންދަރާގެ ކޯޗަކަށް ހުރީ ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިންގެ އޮސްކާ ބްރުޒޮން އެވެ. އޮސްކާ، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބަޝުންދަރާއާ ހަވާލުވި ފަހުން ވަނީ އެކުވެރިކަމުގެ މެޗެއްގައި ނިއު ރޭޑިއަންޓް ބަލިކުރުމުގެ އިތުރުން އޭއެފްސީ ކަޕްގައި މާޒިޔާ ދެ ފަހަރު އަދި ޓީސީ ސްޕޯޓްސް ކްލަބް އެއް ފަހަރު ބަލިކޮށްފަ އެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ބަޝުންދަރާ އިން މާޒިޔާ ބަލިކުރީ 2-0 އިންނެވެ.

މިދިޔަ އަހަރުގެ މެޗެއްގެ ތެރެއިން އޮސްކާ: އޮސްކާ ވަނީ މާޒިޔާ އިން ދެއްކި ކުޅުމަށް ތައުރީފުކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޮސްކާ ބުނީ ރޭގެ މެޗުގައި ބަޝުންދަރާ އިން ފެށީ ރަނގަޅަށް ނަމަވެސް ފަހުން މެޗުގައި މޮޅަށް ކުޅުނީ މާޒިޔާ ކަމަށެވެ. މި މެޗުން ބަޝުންދަރާ މޮޅުވީ މާޒިޔާ އަށް ގޯލެއް ނުޖެހި، ނަސީބުގެ އެހީ ލިބިގެންތޯ އެހުމުން އޮސްކާ ބުނީ އެގޮތަށް އެއްބަސްވެވެން ނެތް ކަމަށެވެ.

"ނަސީބުން މޮޅުވުމޭ ބުނާ ބަސް ގަބޫލެއް ނުކުރަން. ގަބޫލުކުރަނީ ބުރަ މަސައްކަތް ކޮށްގެން މޮޅުވުން. ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް އަހަރެން ބުނިން މި ކަހަލަ މުބާރާތެއްގައި އެންމެ ރަނގަޅަށް ކަންކަން ވާނީ އެންމެ ހާލުން ކާމިޔާބު ހޯދާ ޓީމަށޭ،" ބަޝުންދަރާ އަށް 100 އަށް ވުރެ ގިނަ މެޗު ކޯޗުކޮށްދިން އޮސްކާ ބުންޏެވެ.

"އެ މީހުން (މާޒިޔާ) ވަރަށް ރަނގަޅަށް ކުޅުނު. އަހަރެމެންގެ އޮތީ ލަނޑެއް ނުވަންނާނެ ކަމުގެ ކޮންފިޑެންސް، އެއީ މޮޅުވުމުގެ އަސްލަކީ. އަހަރެމެންގެ ކުޅުންތެރިންގެ މަސައްކަތް ފާހަގަކުރިޔަސް މާޒިޔާ އިން ދެ ވަނަ ހާފުގައި ދެއްކި ކުޅުމަށް ތައުރީފު ހައްގު،"

އޮސްކާ ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި މުބާރާތެއްގެ "ފޭވަރިޓަކަށް" ވެގެން ވާހަކަ ދައްކާނެ މީހެއް ނޫން ކަމަށެވެ. ފުރަތަމަ ދެ މެޗަށް ފަހު ގޯކުލަމް އާއި ބަޝުންދަރާ އަށް ތިން ޕޮއިންޓް ލިބިފައި އޮތުމަކީ އެޑްވާންޓޭޖެއް ނަމަވެސް އޭގެ މާނަ އަކީ މާޒިޔާ އާއި އޭޓީކޭ މޯހަން ބަގާން އަށް އަނެއް ބުރުގެ ދޮރު ބަންދުވީ ނޫން ކަމަށެވެ.

"މި ވަގުތު ފެންނަ ފެނުމަށް ބަލާއިރު، މާޒިޔާ އިން ދެން ހުރި މެޗުތަކުން ޕޮއިންޓްތަކެއް ހޯދާނެ. ދެން އޮތް މެޗުތައް، މުހިންމުވާނެ ހުރިހާ ޓީމަކަށް ވެސް. އަހަރެެން ބުނަމުން މި އަންނަނީ އޭއެފްސީ ކަޕް ކަހަލަ ކުރު ފޯމެޓެއްގެ މުބާރާތެއްގައި ފުރަތަމަ މެޗުން މޮޅުވިއްޔާ ފަހު މެޗާ ހަމައަށް ފުރުސަތު އޮންނާނެއޭ. މާޒިޔާ އާއި އޭޓީކޭ އަށް ފުރުސަތު ގެއްލޭނީ ދެން ކުޅޭ މެޗުން ބަލިވެއްޖެނަމަ،" އޮސްކާ ބުންޏެވެ.

އަނިޔާގެ ސަބަބުން ބަޝުންދަރާގެ ޑިފެންޑަރު، ޓޯޕޫ ބަރްމަން މި ފަހަރު ނުކުޅެ އެވެ. އޮސްކާ ބުނީ ޓޯޕޫ ނެތުމުން ގެއްލެނީ މޮޅު ޑިފެންޑަރެއްގެ އިތުރުން ޓީމުގެ މުހިންމު ލީޑަރެއް ކަމަށެވެ. އެކަމަކު، މި ކަހަލަ ކަމެއް ދިމާވެއްޖެނަމަ ބަޝުންދަރާ ޓީމުގެ ވިސްނުމަކީ ހުރިހާ ކުޅުންތެރިން އެއްކޮށް މަސައްކަތް ކޮށް ޓީމުގެ ރޫހު ވަރުގަދަ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox