ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބެން ސަރުކާރުން ޖާގަދޭކަމަށް ތުހުމަތުކޮށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ވަރުގަދަކޮށް އަނެއްކާވެސް މުޒާހަރާއަށް ނުކުމެއްޖެ އެވެ.
އިންޑިއާ އައުޓް ހަރަކާތައް ހުރަސް އަޅާ ކަމަށް ތުހުމަތު ކޮށް އިދިކޮޅު ޕީޕީއެމްޕީއެންސީން މިރޭ މާލޭގައި މުޒާހަރާ ކުރީ ވަނީ އެ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައި ވަނިކޮށެވެ.
މުހައްމަދު އިސްމާއިލާއެކު ، އެހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ވެސް މިއަދު ހައްޔަރުކުރި އެވެ.
މިރޭގެ މުޒާހަރާވެސް ފެށީ އާދައިގެ މަތިން ޕީޕީއެމްގެ އޮފީސް ކައިރިންނެވެ. ހެންވޭރު، އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ އެ އޮފީސް ކައިރިން ފަށައިގެން މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ކުރިއަށް ގޮސް އަލިކިލެގެފާނު މަގުން އުތުރަށް، ކުޑަތަންކޮޅަކަށް ކުރިއަށް ދިޔަ ތަނާ ފުލުހުން އެމީހުން ހުރަސްއަޅައި ހުއްޓުވި އެވެ. މުޒާހަރާ ހުއްޓުވަން ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖެހި އެވެ.
އިންޑިއާ ސިފައިން ރާއްްޖޭގައި ތިބުމާ ދެކޮޅު ޝުއުރޫތައް ފާޅުކުރުމުގެ އިތުރުން، މުހައްމަދު އިސްމާއީލް އާއި ތަކާނޭ ދޫކޮށްލަން ވެސް މިރޭގެ މުޒާހަރާގައި ގޮވައިލި އެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ހިންގާ އެ ހަަރަކާތް ހުއްޓުވަން ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އަންގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިން ވަނީ ރިޔާސީ ގަރާރެއް ވަނީ ނެރުއްވައިފަ އެވެ. އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް ފުލުހުން ފިޔަވަޅުތައް އަޅަމުން ދަނީ އެ ގަރާރުގެ ދަށުންނެވެ.
ރިޔާސީ ގަރާރު ނެރުއްވި ފަހުން، މާލޭގެ މަގުފާރު ތަކުގައި އިންޑިއާ އައުޓް ލިޔާ ބައެއް މީހުން ހައްޔަރުކުރި އިރު މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ ބެނާތައް ފުލުހުން ނެގި އެވެ












