ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "މަރުތަޅު" އަޅުވާފައިވާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ބޮޑު ތުހުމަތެއް ކުރީ އިއްޔެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގައި މަސައްކަތްތައް ކުރިއަށް ނުގެންދަނީ ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައި އޮތުމުން ކަމަށް ވެސް އިއްޔެ އިދިކޮޅު ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ.
މަޖިލީހުގެ ދެ ވަނަ ދައުރު މިހާތަނަށް ބޭއްވި ތިން ޖަލްސާގައި ވެސް މިނިސްޓަރުންނާ ސުވާލު ކުރުމަށްފަހު ކުރާނެ އިތުރު މަސައްކަތެއް ނެތިގެން ޖަލްސާތައް ވަނީ ކުރުކޮށްލާފަ އެވެ. އެއާއެކު، ސަރުކާރުން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވާ ކަމުގެ ތުހުމަތު އިދިކޮޅުން ވަނީ ކޮށްފަ އެވެ.
"ސަރުކާރުން މިކަން މިގޮތަށް ކުރަމުން ދިޔަ ކަމުގައިވިޔަސް އޮޕޮޒިޝަންގެ ޕީޖީ ގުރޫޕުގެ އަޑު ރައްޔިތުންނަށް އިއްވަމުން ގެންދާނަން، މަޖިލިސްގެ ފްލޯގައި ވެސް އަޅުގަނޑުމެން ފުރުސަތު ފަހި ކުރަމުން ގެންދާނަން، އަޅުގަނޑުމެން މިތިބީކީ ރައްޔިތުންގެ އަޑުތައް އިއްވުން ހުއްޓުވަން ސަރުކާރުން ކޮންމެ ރޭވުމެއް ރޭވި ކަމުގައި ވިޔަސް ވެސް އަޅުގަނޑުމެން ފުރުސަތު ދޭ ގޮތަކަށް ނޫން،" ޕީއެންސީގެ ޕީޖީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު އިއްޔެ ވިދާޅުވި އެވެ.
މަޖިލިސް މި ދައުރު ފެށިގެން ދިޔައިރު، މަޖިލިސް ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ސަރުކާރުން ބޭނުންވީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އެއްކޮށްލައިގެން މަޖިލީހުގެ އަޑު ކަނޑުވާލަން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އޭގެ ފަހުން މަޖިލީހަށް އެކިއެކި ފިއްތުންތައް ސަރުކާރުން ކުރިމަތި ކުރުވަމުން އަންނަ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މަޖިލިސްގެ ބާރު މިއަދު މި ވަނީ ކަނޑުވާލާފައި، މަޖިލިސް މިއޮތީ [ސަރުކާރުން] ހިސޯރު ކޮށްފައި، އެހެންވީމާ ހަގީގަތުގައި މި މަޖިލިސްގެ އެންމެ ފުރިހަމައަށް ނަތީޖާއެއް ނުނެރެވޭ،" އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް ސަރުކާރުން ހުއްޓުވަނީ އެންމެ ފަހުން އެމްޑީޕީއިން ބޭއްވި އެތެރޭގެ އިންތިހާބާ ގުޅިގެން ކުރިމަތިވި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
"މަޖިލިސް ރައީސް މިހާރު އެ ވަނީ މަސައްކަތްޕުޅުގައި ޑެޑްލޮކަކަށް އައިސް ނުވަތަ މަރުތަޅު އެޅުވިފައި. އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އިންތިހާބަށް ފަހުގައި ރައީސަށް ޖެހިލުންވެ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ ބޭރުކޮށްފާނެ ކަމަށް. އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ހުރިހާ ކަމަކަށް ރިއާޔަތް ކޮށްގެން ކަމަށް މަސައްކަތް ކުރިއަށް ގެންދާނީ،" އާދަމް ޝަރީފް އިއްޔެ ވިދާޅުވި އެވެ.
މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް އެމްޑީޕީގެ "ސަރުކާރު ފެކްޝަނުން" ވައްދައިފިނަމަ އިދިކޮޅުން އެ ކަމުގައި އަމަލު ކުރާނީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އޮންލައިންކޮށް މައުލޫމާތު ހޯދަން އެދުމަށް "މަހޯލި"ގެ ނަމުގައި ޕޯޓަލެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައާރަފްކުރީ އިއްޔެ އެވެ.
- މި ސަރުކާރުން ތަންފީޒު ކުރަނީ ކޯލިޝަން ސަރުކާރުގެ ސިޔާސަތުތައް ކަމަށާއި ވަކި ޕާޓީއެއްގެ ސިޔާސަތުތައް ނޫން ކަމަށް ޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އިއްޔެ އެވެ.
- މި އަހަރުގެ ފެބްރުއަރީ މަހު، ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު (އައިސިސް ހޫދު) އަށް ދައުވާއާ ގުޅުން ހުރި ލިޔެކިއުންތައް އަދި ނުލިބޭތީވެ މިއަދު ޝަރީއަތް އިތުރަށް ކުރިއަށް ނުގެންދަން ނިންމީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގެ ޖަލުތައް ބޮޑުކުރަން ޖެހިފައިވާ ކަމަށާއި ގިނަ ބަޔަކު ޖަލަށްލައްވާނެ ކަމަށް އިޝާރާތް ކުރައްވާ ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން "އަދަދު" އަށް ވިދާޅުވީ:
ޖަލު ބޮޑުކުރާ ވާހަކަ ދައްކައިގެން ނުޖެހޭ އާންމު ރައްޔިތުން މާބިރުން އުޅޭކަށް, އެކަމަކު ދޮގު ހެކިދިން މީހުންނާއި ގޯސްކޮށް ހުކުމް ކުރާ މީހުންނާ މިކަހަލަ ކަންތައްތައް ކޮށްފައި ހުރިއްޔާ އެމީހުން ބިރުގަންނާނެ,
ދުވަހުގެ ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މަޖީދީ ރަން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަނީ. މިއީ ތަފާތު ދެ ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރެއްވުމަށް ފަހު ދެ ބޭފުޅުން އެއްކޮށް އާންމުކޮށް ފެނުނު ފުރަތަމަ ފަހަރު --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ދިރާސާތަކުން ކިޔާލުމަށް
"މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް ރިޕޯޓް 2010"
މިއީ ރާއްޖެއަށް 2010 ވަނަ އަހަރާ ހަމައަށް މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލުތައް ހާސިލް ކުރެވިފައިވާ މިންވަރާއި ގުޅޭގޮތުން އޭރުގެ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ދަށުން ހިންގަމުން އައި ޑިޕާޓްމަންޓް އޮފް ޕްލޭނިން އިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.












