ޑަކާ، ސެނެގާލް (މެއި 18) - ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ އަށް ކުޅެމުން އަންނަ ސެނެގާލް ގައުމީ ޓީމުގެ މިޑްފީލްޑަރު އިދްރީސާ ގާނާ ގޭއި، ޕީއެސްޖީން ތައްޔާރުކުރި އެލްޖީބީޓީ އަށް ހާއްސަ ޖޯޒީގައި ކުޅެން ދެކޮޅު ހަދައި، ދެއްކި ސާބިތު ކަމަށް ސެނެގާލްގެ ރައީސް މެކީ ސޯލް ވަނީ ތައުރީފު ކުރައްވައިފި އެވެ.
ޕީއެސްޖީން އެންމެ ފަހުން މޮންޓެޕިއޭއާ ދެކޮޅަށް ފްރެންޗް ލީގުގައި ކުޅުނު މެޗުގައި ބޭނުންކުރި ޖޯޒީ ހާއްސަ ކޮށްފައިވަނީ އެއް ޖިންސުން ގުޅުމަށް ބާރުއަޅައިދޭ، އެލްޖީބީޓީ މޫވްމަންޓަށެވެ. އަދި ޖޯޒީ ނަމްބަރު ޖަހާފައިވަނީ ވެސް އެލްޖީބީޓީ މޫވްމަންޓް ރަމްޒުކޮށްދޭ ކުލަތަކުންނެވެ.
ޕީއެސްޖީން މޮންޓެޕިއޭ 4-0 އިން ބަލިކުރި މެޗުގައި ނުކުޅެން ގޭއި، ނިންމީ އެ މެޗު ހާއްސަކުރަނީ އިސްލާމް ދީނާ ހިލާފު އަމަލެއް ޕްރޮމޯޓްކުރަން ކަމަށްވާތީ އެވެ. އަދި އެ ފަދަ ކަމަކަށް ތާއީދުކޮށް، ހަދާފައިވާ ޖޯޒީ ލައިގެން މެޗަށް އަންނަން ބޭނުންނުވާކަން ޕީއެސްޖީ އަށް ގޭއި، 32، އެންގި އެވެ. އެކަމަކު، ގޭއި މެޗު ނުކުޅުނު ސީދާ ސަބަބެއް ޕީއެސްޖީން ރަސްމީކޮށް މީޑިއާގައި ހާމައެއް ނުކުރެ އެވެ.

މޮންޓެޕިއޭއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައި އެލްޖީބީޓީ މޫވްމަންޓަށް ހާއްސަވާ ކުލަތަކުން ވަނީ ޖޯޒީގައި ނަމްބަރު ވެސް ޖަހާފައި
ގޭއި ނިސްބަތްވާ ސެނެގާލްގެ އާބާދީގެ 95 ޕަސެންޓަކީ މުސްލިމުންނެވެ. ގޭއި އަކީ ވަރަށް ބޮޑަށް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ ކުޅުންތެރިއެކެވެ. ގޭއިގެ މި އަމަލުގެ ސަަބަބުން މުސްލިމް ކޮމިއުނިޓީތަކުގައި އޭނާ އަށް އަންނަނީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ. އެކަމުގައި، ސެނެގާލްގެ ރައީސް ސޯލް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
"ގޭއިގެ އެ ސާބިތުކަމަށް ތައުރީފު ހައްގު. އަހަރެންގެ ސަޕޯޓް އޭނާ އަށް އެބައޮތް،" ސޯލް ވިދާޅުވި އެވެ.
ސެނެގާލްގެ ސްޕޯޓްސް މިނިސްޓަރު މަތާރު ބާ ވިދާޅުވީ ފުޓްބޯޅަ ކްލަބަކަށް ސޮއިކުރަން ނިންމުމަކީ އެ ކްލަބުން ބުނާ ހުރިހާ ކަމެއްކޮށް، އަމިއްލަ ދީނާ ހިލާފު ކަންކަން ޕްރޮމޯޓް ކުރަން ޖެހޭ ސަބަބެއް ނޫންކަން ގޭއި ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި މިއީ މުސްލިމް ކުޅުންތެރިންނަށް ގޭއި ދެއްކި މިސާލެއް ކަމަށް ބާ ވިދާޅުވި އެވެ.
ފްރާންސްގެ ލިލް އާއި އިންގްލެންޑްގެ އެސްޓަން ވިލާ އަދި އެވަޓަން އަށް ކުޅުނު ގޭއި، ޕީއެސްޖީ އަށް ސޮއިކުރީ 2019 ވަނަ އަހަރު، 35 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. އޭނާ ވަނީ ޕީއެސްޖީއާ އެކު ފަސް ތަށި އުފުލާލައިފަ އެވެ.












