އެންމެ ދުވަސްވީ ޕަބްލިކް ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ޕްރީ-ރަޖިސްޓާ ވާން ހަނދާންކޮށްދީފި އެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގަ އެވެ. މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ މިރޭ 8:30 އެވެ.
އެ ކުންފުނިން ވަނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމު އީމެއިލްކޮށްގެން ނުވަތަ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ އިންފިނިޓީ ޕޯޓަލްއިން ރަޖިސްޓްރީ ވެވޭ ގޮތަށް ހަމަޖައްސާފަ އެވެ. ރަޖިސްޓްރީ ކުރާ އިރު އޮންލައިންކޮށް ބައިވެރިވާން ވެސް އިހުތިޔާރު ކުރެވޭނެ އެވެ.
އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމާއި ވޯޓު ލުމުގެ ކަންކަން ކުރާނީ އެމްއެސްޑީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" ބޭނުންކޮށްގެންނެވެ.
މިހެންވެ މި އެޕްލިކޭޝަން ބޭނުންކުރެވޭ އިލެކްޓްރޯނިކް އާލާތެއް (ފޯނު، ޓެބްލެޓް، ލެޕްޓޮޕް) ގެންނަން ހިއްސާދާރުންނަށް، ނުވަތަ ހިއްސާދާރުންގެ ފަރާތުން ބައިވެރިވާ ޕްރޮކްސީތަކަށް ވަނީ އަންގާފަ އެވެ.
މިދިޔަ އަހަރަކީ އެމްޓީސީސީއަށް ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު އަހަރެކެވެ. އެގޮތުން ކުންފުނީގެ އާމްދަނީ އިތުރުވެ، ޖުމްލަ ފައިދާ ވަނީ ރެކޯޑް އަދަދަކަށް މައްޗަށް އުފުލިފަ އެވެ. އަދި ޓެކުހާއި އެހެނިހެން ހަރަދުތަކަށް ކެނޑުމަށްފަހު، 224 މިލިއަން ރުފިޔާ ފައިދާވި އެވެ.
ޓެކުހަށް ކެނޑުމަށްފަހު ބާކީވީ 44 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީގެ ބޯޑުން ނިންމީ މީގެ ތެރެއިން 28.1 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ދޭށެވެ. އެއީ ހިއްސާއަކަށް 3.50ރ. މަގުންނެވެ.
މި އަދަދު ފާސްކުރާނީ ކުންފުނީގެ ހިއްސާދާރުން ޖަލްސާގައި ވޯޓު ލައިގެންނެވެ. އޭގެ އިތުރުން ކުންފުނީގެ ބޯޑަށް ސަރުކާރާއި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުން އައްޔަނުކުރުމާއި، ރިޕޯޓުތައް ފާސްކުރުން އޮންނާނެ އެވެ.
އުމްރާނީ ތަރައްގީގައި މުހިންމު ރޯލެއް އަދާކުރާ އެމްޓީސީސީގެ މައިގަނޑު ވިޔަފާރިއަކީ ބޮޑެތި ހާބަރާއި އެއާޕޯޓުތައް ފަދަ ބޮޑެތި ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކާއި ޑްރެޖިން އަދި ބިން ހިއްކުމުގެ އިތުރުން ޓްރާންސްޕޮޓޭޝަނާއި މެރިން އިންޖިއަނިއަރިން އެވެ.











