ޓީނޭޖް ބަލިކޮށް ބައިބަލާގެ ޗެމްޕިއަންކަން އޯވަންއޯ އަށް

May 16, 2022, 2:09 AM
އޯވަންއޯ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޯވަންއޯ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޓީސީސީ ބައިބަލާ ޗެލެންޖް 2022 ގެ ފައިނަލުގައި ގަދަހިފުމަކަށް ގޮސް ކްލަބް ޓީނޭޖް ބަލިކޮށް، ކްލަބް އޮންލީ ވަން އޮޕޮޗިއުނިޓީ (އޯވަންއޯ) މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެެވެ.

ވަރުގަދަ ޓީމަކާ އެކު މި ފަހަރުގެ ބައިބަލާ މުބާރާތަށް ކުރިމަތިލި އޯވަންއޯ ވަނީ ސެމީ ފައިނަލުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ބައިބަލާގެ ރަސްގެފާނު ބީޖީ ކަޓުވާލީ ވެސް އޯވަންއޯ އެވެ. އަނެއްކޮޅުން، ބައިބަލާގައި ނަން ހިނގާ އެއް ކްލަބް ކަމަށްވާ ޓީނޭޖުން ވަނީ ސެމީ ފައިނަލުގައި އީގަލްސް ކަޓުވާލައިފަ އެވެ.

ދޮންގަނޑު ބީޗު ކޯޓުގައި މިރޭ ކުރިއަށްދިޔަ ބައިބަލާ ޗެލެންޖްގެ ފައިނަލު މެޗުގައި ފުރަތަމަ ބޭރުން ކުޅުނީ އޯވަންއޯ އެވެ. ޓީނޭޖް އެތެރެއިން ކުޅުނުއިރު، އޯވަންއޯ ވަނީ މި ގޭމު ގެނެސްފަ އެވެ. އޯވަންއޯ ޓީމުގެ 8-7 އިން އަލީ ވިޖްހާން (ވިޖޫ) އާއި އަހުމަދު މުހައްމަދު (އައްމަޑޭ) ފެނުނީ ތަފާތު ރޫހެއްގައި ކުޅެލިތަނެެވެ.

އޯވަންއޯގެ ވިޖޫ (ކ) ރޭގެ މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީނޭޖުން ދެން ކުޅުނު ގޭމު ބޭރުން ކުޅެން ޖެހުނު ނަމަވެސް ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. ޓީނޭޖްގެ ތަޖުރިބާހުރި ކުޅުންތެރިން ފަހު ވަގުުތު ދެއްކި ހިތްވަރު ޓީނޭޖުން ވަނީ ދެ ވަނަ ގޭމް 7-5 އިން ގެންގޮސް މެޗު ގަދަ ހިފުމަކަށް ގެންގޮސްފަ އެވެ.

ގަދަ ހިފުމުގައި އޯވަންއޯ އަށް ލިބުމުން ފުރަތަމަ އެ ޓީމުން ނިންމީ އެތެރެ އަށް ވަންނާށެވެ. ވިޖޫ ވަނީ ޓީނޭޖުން އެރި އިބްރާހިމް ރަޝީދު ހުއްޓުވައިފަ އެވެ. އެކަމަކު، ޓީނޭޖުން މެދަށް އެރި އަލީ ވިދާދު (ދާދު) އަށް އޯވަންއޯގެ އައްމަޑޭ ނުހިފެއްޓުނުއިރު، އޯވަންއޯ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އޯވަންއޯގެ ވިޖުހާން އެވެ. މުބާރާތުގައި މުޅިން އަލަށް ހޮވި އެންމެ އުންމީދީ ކުޅުންތެރިއަކީ ޓީނޭޖުގެ ދާދު އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އިބްރާހިމް ޝަމީން (ޝަންމި)، ޓީސީގެ ހަސަން ތައުހީދު (ތައު)، ޓީނޭޖްގެ ހާމިދު ރަޝީދު އަދި އެ ޓީމުގެ އިބްރާހިމް މުހައްމަދު (އިބުޓި) އެވެ.

މިސްޓަ ބައިބަލާ އަށް ހޮވުނު އަސްލަމް ޓްރޮފީ ހިފައިގެން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިސްޓަ ބައިބަލާ އަކަށް ހޮވިފައިވަނީ ޓީނޭޖްގެ އަސްލަމް މުހައްމަދު އެވެ. މިއީ އަސްލަމް މިސްޓަ ބައިބަލާގެ މަގާމު ހޯދި ތިން ވަނަ ފަހަރެވެ. އޭނާ އަށް ވަނީ ޓްރޮފީއާ އެކު 10،000ރ ގެ ފައިސާގެ އިނާމެއް ދީފަ އެވެ. މިއާ އެކު އަސްލަމް ވަނީ އިންޑިވިޖުއަލް ކާމިޔާބަށް ބަލާއިރު، ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެއީ މިސްޓަ ބައިބަލާގެ މަގާމު ތިން ފަހަރު ހޯދި ދެ ވަނަ ކުޅުންތެރިއާގެ ޝަރަފް ހޯދައިގެންނެވެ. ކުރިން އެ ރެކޯޑް އޮތީ މުހައްމަދު ޝިނާން (ނާނި) އަތުގައި އެކަންޏެވެ.

ކޮންމެ އަހަރަކު ވެސް ފިތުރު އީދާއި ދިމާކޮށް އީދު ބައިބަލާ ޗެލެންޖް މި އަހަރު މި ބާއްވަނީ ދެ އަހަރުގެ މެޗުކެނޑުމަކަށް ފަހުގަ އެވެ. މި އަހަރުގެ ބައިބަލާ މުބާރާތުގައި 32 ޓީމު ބައިވެރިވިިއިރު، މުބާރާތް ފަށަން ފުރަތަމަ ނިންމާފައި އޮތީ ވަޅު އީދު ދުވަހު އެވެ. އެހެން ނަމަވެސް މާލެ ތެރޭ އޭރު ހިނގައިދިޔަ މާރާމާރީތަކާ އެކު ފުލުހުންގެ އެދުމުގެ މަތިން ބައިބަލާ މުބާރާތް ފަސްކޮށް ފަށާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އެވެ. ފެށިއިރު، މުބާރާތުން ބައެއް ޓީމު ވަނީ ވަކިކޮށްފަ އެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ އީގަލްސް އެވެ. ރަނަރަޕަށް ދިޔަ ޓީނޭޖަށް 40،000ރ ގެ ފައިސާގެ އިނާމެއް ދިންއިރު، ޗެމްޕިއަންކަން ހޯދި އޯވަންއޯ އަށް ވަނީ 100،000ރ ގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލްސް އަތުން މޮޅެއް ހޯދައި ބުރު ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފި. މި މެޗުގައި ބުރުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް އެޑުއާޑޯ

ކޯޓުން ކަނޑައެޅީ އެފްރިކާގެ ޗެމްޕިއަނުންނަކީ ސެނެގާލް ކަމަށް

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ސެނެގާލް އަތުން ތަށި އަތުލައި މޮރޮކޯއަށް ދޭން ކާފް އިން ނިންމި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ބާތިލްކޮށްފި. ކާސް އިން ނިންމީ ކާފްގެ ނިންމުމަކީ މެޗުގައި ހިނގި ކަންކަމަށް ފުރިހަމައަށް ބެލުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށާއި، މުބާރާތުގެ ޗެމް

މަކަރު ހެދިކަމުގެ ތުހުމަތު އޮތަސް ޑި ބްރޭނާގެ އިތުބާރު ސިޓީ އަށް

މާލީ ގަވާއިދުތަކާ ހިލާފުވި ކަމުގެ ތުހުމަތު މެންޗެސްޓާ ސިޓީގެ މައްޗަށް އޮތް ނަމަވެސް، އެ ކްލަބުގެ ވެރިންނަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށް ކުރީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފިއެވެ. މިހާރު ނަޕޯލީއަށް ކުޅެމުން އަންނަ ޑި ބްރޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، އެ ކްލަބުގައި ހޭދަކުރި 10 އަހަރުގެ ހަނދާންތައް އާކުރަމުންނެވެ.

ޕީއެސްޖީގެ ޑޫއޭ އަށް ސީޒަން ނިމިއްޖެ

ޕީއެސްޖީގެ ހުނަރުވެރި ކުޅުންތެރިޔާ ޑެޒީރޭ ޑޫއޭގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެއެވެ. ނީސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޑޫއޭގެ އޭސީއެލްއަށް ލިބުނު މި އަނިޔާއިން ރަނގަޅުވުމަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެއެވެ. މިއީ މި ސީޒަނުގައި ކަކުލުގެ އަނިޔާގެ ސަބަބުން ޕީއެސްޖީގެ ކުޅުންތެރިއަކަށް ސީޒަން ނިމުނު ދެވަނަ ފަހަރެވެ.

ފީފާގެ ޕްލޭންގައި އޮތީ 96 އަހަރަށް ވޯލްޑް ކަޕް ދޭ ގޮތަށް

ފީފާގެ މުބާރާތްތަކުގެ 21 އިންސައްތަ ހިއްސާ ޕްރައިވެޓް އިންވެސްޓަރަކަށް ވިއްކާލުމަށް ރޭވި 20 ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން، 96 އަހަރަށް ވޯލްޑް ކަޕްގެ މާލީ ކޮންޓްރޯލް ގެއްލޭގޮތަށް އޮތްކަން ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ. އެމެރިކާގެ ތުރައިވް ކެޕިޓަލްއާ އެކު ކުރިއަށްގެންދަން އުޅުނު މި އެއްބަސްވުން ބޮޑު ޕްރެޝަރަކާ ހެދި މިހާރު ވަނީ ހުއްޓާލާފައެވެ. މި ޑީލްގެ ދަށުން ކޮންމެ 12 އަހަރަކުން ލައިސަންސް އާކުރެވޭ ގޮތަށް މުބާރާތްތަކުގެ ކޮމާޝަލް ރައިޓްސް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަށް ވަނީ ރާވާފައެވެ.

ބަންގްލަދޭޝްގައި ޕްރައިމް މިނިސްޓާ ގޯލްޑް ކަޕް ބާއްވަނީ

ބަންގްލަދޭޝްގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި، އަންނަ އަހަރުގެ މާޗް ނުވަތަ އޭޕްރީލް މަހު "ޕްރައިމް މިނިސްޓާ ގޯލްޑް ކަޕް" ގެ ނަމުގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމަށް އެ ގައުމުން އަންނަނީ ރާވަމުން. އޭޝިއާ އާއި ޔޫރަޕްގެ ގައުމުތައް ހިމެނޭހެން ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތުގައި، ދެކުނު އޭޝިއާގެ ވީހާވެސް ގިނަ ގައުމުތަކަކަށް ފުރުސަތު ދިނުން

ރާޔާގެ އަނިޔާ އޮޕަަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. ރާޔާގެ އަނިޔާ ރަނގަޅުވަމުން އަންނައިރު، އޭނާ ނެތް ވަގުތު ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރު ކެޕާ އަރިއްޒަބަލާގާ.

Newsletter

Get the latest news delivered straight to your inbox