މެލްބަން (މެއި 15) - ކާރު އެކްސިޑެންޓެއްގައި އޮސްޓްރޭލިއާގެ މަޝްހޫރު ކްރިކެޓު ތަރި އެންޑްރޫ ސައިމަންޑްސް މަރުވެއްޖެ އެވެ.
ސައިމަންޑްސް ވަނީ ބެޓިންނާއި ބޯލިންނާ އެކު އޯލްރައުންޑަރެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ގައުމީ ޓީމުގައި 1998-2009 ވަނަ އަހަރާ ދެމެދު ކުޅެފަ އެވެ.
މޮޅު ފީލްޑަރެއްގެ ގޮތުގައި ވެސް ފާހަގަވި ސައިމަންޑްސް ވަނީ އޮސްޓްރޭލިއާ އިން ވަންޑޭ ވޯލްޑް ކަޕް ދެ ފަހަރެއްގެ މަތިން ހޯދި ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އޮސްޓްރޭލިއާ ފުލުހުން ބުނީ ސައިމަންޑްސް، 46، ދުއްވަން އިން ކާރު މަގުން ކަހާލައިގެން ހިނގި އެ އެކްސިޑެންޓްގައި އޭނާ އަށް ލިބުނު ޒަހަމްތަކުގައި މަރުވެފައިވާ ކަމަށެވެ. އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގެއް ހިންގަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އިނގިރޭސިވިލާތަށް އުފަން ސައިމަންޑްސް ވަނީ އެ ގައުމުގައި ކައުންޓީ ކްރިކެޓް ވެސް ކުޅެފަ އެވެ. އަދި ކްރިކެޓްގެ މަޝްހޫރު ފްރެންޗައިސް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ.
ސައިމަންޑްސްގެ ރަން ޒަމާނުގައި އޭނާ އަކީ ވަރަށް އެޓޭކިން ގޭމަކާ އެކު ވަރުގަދަ ޝޮޓުތައް ކުޅޭ ބެޓްސްމަނެކެވެ. ކްރިކެޓް ކެރިއަރުގައި އޮސްޓްރޭލިއާ ގައުމީ ޓީމަށް ސައިމަންޑްސް ވަނީ 26 ޓެސްޓު މެޗު، 198 ވަންޑޭ އަދި 14 ޓީ20 މެޗު ކުޅެދީފަ އެވެ.
ސައިމަންޑްސްގެ ކުއްލި މަރާ އެކު ކްރިކެޓް އޮސްޓްރޭލިއާގެ އިތުރުން ކްރިކެޓް ދުނިޔެ އިން ދަނީ ހިތާމަފާޅުކޮށް އާއިލާ އަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.
މި އަހަރުގެ މާޗް މަހު އޮސްޓްރޭލިއާގެ ކްރިކެޓް ލެޖެންޑް، ޝޭން ވޯންވެސް ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ. ވޯން، 52، މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅެމުން އައި ތައި އައިލެންޑްގައި ހުންނަ ވިލާ އިންނެވެ. ވޯންގެ މެނޭޖްމަންޓް ކުންފުނިން ބުނީ ވޯން މަރުވެފައި އޮއްވައި ފެނުނީ ހަބަރެއް ނުވެގެން ހޯދި ހޯދުމުގައި ކަމަށާއި މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ހާޓްއެޓޭކެއް ޖެހިގެން އައި މަރެއް ކަމަށް ބެލެވޭ ކަމަށެވެ.












